ދީން

އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ: ޚުތުބާ

އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ ކަމަށާއި އެއީ ﷲގެ އަޅުންނާއި އެ ކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނުކުރެވޭ ފިތުނަކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި އެވެ.

ފިތުނައިން ރައްކާތެރިވުމުގެ މުހިންމުކަން ބަޔާންކޮށް ދިން ޚުތުބާގައި ބުނީ ނަބަވީ ހިދާޔަތާއި ޝަރުއީ މިންގަނޑަކީ ދީނުގެ މެދުމިން ކަމަށާއި އެކަމުން ކައްސާލައިފި ނަމަ، ހައްދުފަހަނަޅާފައިވާ ޚިޔާލުތަކުގެ ދަލުގައި ޖެހި ފިތުނައިގެ ތެރެއަށް ވެއްޓިދާނެ ކަމަށެވެ.

"ގައުމެއްގައި، ސައްހަ ތެދު މައުލޫމާތާއި ހުނަރު ފެތުރިއްޖެ ނަމަ އެ ގައުމެއް ކުރިއަރާނެ އެވެ. ދުނިޔޭގެ ގައުމުތަކުގެ މެދުގައި ގަދަރާއި އިއްޒަތް އުފުލޭނެ އެވެ. އެކަމަކު ނަބަވީ ހިދާޔަތާއި ޝަރުއީ މިންގަނޑު ކަމުގައިވާ ދީނުގެ މެދުމިން ކައްސާލައިފި ނަމަ، ހައްދުފަހަނަޅާފައިވާ ޚިޔާލުތަކުގެ ދަލުގައި ޖެހި ފިތުނައިގެ ކަނޑަކަށް ޣަރަގުވެދާނެ އެވެ." މިއަދުގެ ހުކުރު ނަމާދުގައި ކިޔުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ޚުތުބާގައި ބުނެފައިވެ އެވެ.

ފިތުނައިގެ ނުރައްކާ ބަޔާންކޮށްދިން ޚުތުބާ ފެށުމުގެ ގޮތުން، އެކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާ ﷺގެ ހަދީސްފުޅެއް ގެނެސްފައިވެ އެވެ.

"ތިޔަބައިމީހުންނާ ފިތުނަތަކާ ކުރިމަތިވާނެ އެވެ. އެ ކަންތައްތަކުގައި ތެދުވެ ހުރި މީހާއަށް ވުރެ އިށީނދެ އިން މީހާގެ ހެޔޮކަން ބޮޑެވެ. އަދި [ފިތުނަވެރިކަމާ ގާތަށް] ހިނގާފައި ދާ މީހާއަށް ވުރެ، [ދުރުން އެކަން] ބަލަން ހުރި މީހާގެ ހެޔޮކަން ބޮޑެވެ. އަދި [ފިތުނައިގެ ތެރެއަށް ވަނުމަށް] ދުވާ މީހާއަށް ވުރެ، ހިނގާފައި ދާ މީހާގެ ހެޔޮކަން ބޮޑެވެ. ފިތުނައިގެ ތެރެއަށް ވަދެއްޖެ މީހާ، އެކަމުގައި ހަލާކުވެ ހިނގައިދާނެތެވެ. ފަހެ ފިތުނައިން ރެކި، ފިލަން ވަންނާނެ ތަނެއް ލިބުނު މީހާ، ފަހެ އެ ތަނަކަށް ވަދެ ރައްކާތެރިކަން ހޯދާފައި ހުށި ކަމެވެ." ފިތުނަޔާ ވީހާ ވެސް ދުރުވުމާއި ދުރުވި މިންވަރަކުން ހެޔޮކަން އިތުރުވެގެންވާކަން ބަޔާން ކުރައްވާފައިވާ ހަދީސްގެ މާނާގައިވެ އެވެ.

ހުތުބާގައި ބުނެފައި ވަނީ ފިތުނައިން ސަލާމަތްވެވޭނީ ހަމަބުއްދި ބޭނުންކޮށް، ރަނގަޅު ގޮތް ދެނެގަނެ، އެއަށް ތަބާވެގެން ކަމަށެވެ. ގައުމެއްގައި ސައްހަ މައުލޫމާތާއި ހުނަރު ފެތުރިއްޖެނަމަ އެ ގައުމެއް ކުރިއަރާނެ ކަމަށާއި ދުނިޔޭގެ ގައުމުތަކުގެ މެދުގައި ގަދަރާއި އިއްޒަތް އުފުލޭނެ ކަމަށް ވެސް މިއަދުގެ ހުތުބާގައި ބުންޏެވެ.

"ބަޔަކާ ފިތުނައެއް ކުރިމަތިވެއްޖެ ނަމަ އެކަން ވެގެންދާނީ ވަކި މީހަކު އިސްތިސްނާ ނުވެ، އެންމެން އޮޔާދާ ސުނާމީއަށެވެ."

ފިތުނަ އާއި މުސީބާތުން ސަލާމަތް ވެވޭނީ އެންމެން އެކުގައި ﷲގެ އަމުރުފުޅަށް ތަބާވެ، އިސްލާމްދީން މެދުވެރިކޮށް ކަމަށް ހުތުބާގައި ބުންޏެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން