ލުބުނާނުގެ ބޭރޫޠުގައި ހިނގި ބާރުގަދަ ގޮވުމުގައި، ގިނަ ތަންތަނަކަށް ގެއްލުން ލިބިފައިވާއިރު، ގިނަ ޢަދަދެއްގެ ސްކޫލުތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. މި ގޮތުން، މި ފެށޭ އައު އަހަރުގެ ކިޔެވުން ފެށޭއިރު، ހަތަރު ބައި ކުޅަ އެއްބައި ކިޔަވާ ދަރިވަރުންނަށް ބޭރޫޠުގައި ކިޔެވުމުން މަޙްރޫމް ވާނޭ ކަމަށް އިންޓަރނޭޝަަނަލް ރެސްކިޔު ކޮމިޓީ (އައިއާރްސީ) ވަނީ ބުނެފައެވެ.
"މިހާތަނަށް ބެލި ބެލުމުގައި163 ސްކޫލަކަށް މިވަނީ ބޮޑު ގެއްލުން ތަކެއް ވެފައި، އެހެންކަމުން، އައު އަހަރުގެ ކިޔެވުމުގައި ކިޔަވާ ކުދިންގެ ހަތަރު ބައި ކުޅަ އެއްބައިގެ ކުދިންގެ ކިޔެވުން މަހްރޫމް ވެދާނެކަމަށް ބެލެވޭ" އެ ކޮމިޓީއިން ޢާންމު ކުރި ސްޓޭޓްމެންޓްއެއްގައި ވަނީ ބުނެފައެވެ.
އެ ކޮމިޓީގެ ތަފާސް ހިސާބުތައް ވަނީ ހަމައެކަނި ބޭރޫޠުގެ ގޮވުމަށް ޙާއްސަކޮށްފައެވެ. އެ ކޮމިޓީއިން ބުނާ ގޮތުގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަން މި ހިސާބުތަކަށް ގެންނަ ކަމުގައިވާނަމަ، މި ޢަދަދު އިތުރަށް ދަށަށް ދިޔުންވެސް އެކަށީގެންވެއެވެ.
މިހާތަނަށް ބެލި ބެލުމުން އިނގޭ ގޮތުގައި މި ހަލާކުވެފައިވާ ސްކޫލުތަކުގައި ކިޔެވުމަށް85،000 ދަރިވަރުން ވަނީ ރެޖިސްޓަރ ކޮށްފައެވެ. އަދި މި ޢިމާރާތްތައް ބޭނުން ކުރެވޭ ފެންވަރަށް ގެނައުމަށް އަދި އަހަރު ދުވަސް ހޭދަ ވާނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.
ސްކޫލުތަކުން ކެނޑޭ ރޭޓު އިތުރުވަނީ
އައިއާރްސީ އިން އިތުރަށް ބުނާ ގޮތުގައި، ގިނަ ބެލެނިވެރިންގެ ކަންބޮޑުވުން ހުއްޓިފައިވަނީ ސްކޫލުތަކަށް ހިނގާނެ ޚަރަދުތަކަށެވެ. އަނެއްބައި ބެލެނިވެރިންގެ ކަންބޮޑުވުމަކީ، ޢާންމު ދަތުރުފަތުރު ކުރުމުގެ ނިޒާމު ރައްކާތެރިނުވުމެވެ. އަދި ގިނަ ޢަދަދެއްގެ ޢާއިލާ ތައް ކޮޅަށް ޖެހުމަށް ގިނަ ކުދިންތަކެއް ސްކޫލަށް ނުގޮސްވަނީ ވަޒީފާ ތަކުގައި މަސައްކަތް ކުރަންފަށާފައެވެ.
އެ ކޮމިޓީގެ ޑިރެކްޓަރު މުހައްމަދު ނަސީރު ވިދާޅުވާ ގޮތުގައި، ގިނަ ޢާއިލާތަކެއްގެ އަންހެން ދަރިން ސްކޫލު ތަކަށް ނުފޮނުވާނެ ކަމަށް ލަފާކުރެވެއެވެ. ސަބަބަކީ އެ ޤައުމުގެ ޢާންމު ދަތުރުފަތުރު ކުރުމުގެ ނިޒާމު އަދިވެސް ރައްކާތެރިނުވުމެވެ.
އެހެނިހެން މައްސަލަތަކަށް ބަލާއިރު، ގިނަ ޢަދަދެއްގެ ކުދިންނަށް އަދިވެސް ވަނީ ނަފްސާނީ ގޮތުން ބޮޑު ޝޮކެއް ޖެހިފައެވެ. އަދި އެތައް ސަތޭކަ ދަރިވަރުންނަށް ސީދާ ގޮތުން މި ގޮވުމުގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ.
ޚިޔާލު