ދީނީ ލިޔުންދީން

ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް؟

ޢީދު ނަމާދަކީ އިސްލާމީ އުއްމަތުގެ އެއްމެ ވަރުގަދަ މަޡާހިރުތަކުގެ ތެރެއިން މަޡްހަރެކެވެ. އެކަމުން އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި، ވިޙްދަތު ރަމްޒުކޮށްދެއެވެ. ޢުޛުރެއް މެދުވެރިނުވާހާ ހިނދަކު، ހުސް ތަނަކު، ބޮޑު ޖަމާޢާތެއްގައި ޢިދު ނަމާދު ކުރުމަށް ބާރު އެޅިފައިވަނީވެސް މިސަބަބަށްޓަކައެވެ.

އެހެނަސް އިސްލާމްދީނަކީ ނަފްސަށް ރައްކާތެރިވުމަށް ބާރުއަޅުއްވާ، ރައްކާތެރިވުމާއި ތަވައްކުލް ކުރުމުގައި ސަބަބުތަކުގައި ހިފުމަށް އަންގަވާފައިވާ ދީނެކެވެ. މިހެންކަމުން ޢާލަމީ ވަބާއެއްގެ ގޮތުގައި ފެތުރެމުންމިދާ ކޯވިޑް 19 އާއި ވިދިގެން، އިސްލާމީ ގިނަ ޤައުމުތަކުންދަނީ ގޭގައި ޖަމާޢަތް ހަދައިގެން ޢީދު ނަމާދު ކުރުމަށް ގޮވާލަމުންނެވެ. މިއީ އަނަސް ބިން މާލިކުގެ އަރިހުން ޘާބިތުވެފައިވާ މިގޮތަށް ގޮވާލައްވާފައިވާ އިސްލާމީ މުއައްސަސާތަކުގެ ތެރޭގައި މިޞްރުގެ އަޒްހަރުގެ ޢިލްމުވެރިންގެ މަޖްލިހާއި، ސުޢޫދީ ޢަރަބިއްޔާގެ ޖަމްޢިއްޔަތުލް ފިޤްހިއްޔަތުއް ސުޢޫދިއްޔާ އާއި، އަދި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ހިމެނެއެވެ.

މިމުއައްސަސާތަކުންވަނީ ފިޠުރު ނަމާދު ގޭގައި ކުރާނޭ ގޮތްވެސް ކިޔައްދެއްވާފައެވެ. ޢިދު ނަމާދުގެ ވަޤުތަކީ ޟުޙާ ވަޤުތެވެ. އެއީ އިރުގެ އަލި ލޮންސިއެއްހާ މިންވަރަށް އެރުމުންނެވެ. މިއީ އިރު އެރުމުގެ 20 މިނެޓުކުރިންނެވެ. ރާއްޖެއަށް ނަމަ މިދުވަސްކޮޅު ހެނދުނު 7.30 ގައެވެ.

މިގޮތުން ފުރަތަމަ ޢީދު ނަމާދަށް ނިޔަތްގަނެ، ހަށަންބަން ތަކްބީރާއިއެކު ހަށަން ބަންނާނީއެވެ. ގޭގައި ކުރާ އިރު ބަންގި ގޮވުމެއް ޤަމަތް ދިނުމެއް ނުވެއެވެ. އެއަށްފަހު ދުޢާއުލް އިސްތިފްތާޙު (ނަމާދުގައި ޢާއްމުކޮށް ހަށަންބަނުމަށްފަހު މިކިޔާ الله أكبر كبيرا والحمد لله كثيرا… ނުވަތަ وجهت وجهي للذي فطر السموات… މިތަނުން އެއް ދުޢާއެއް ނުވަތަ ދެދުޢާ އެކީކިޔަސް ފުދޭނެއެވެ.) ކިޔާނީއެވެ. އެއަށްފަހު ހަށަންބަން ތަކުބީރުގެ އިތުރަށް 7 ފަހަރު ތަކުބީރު ކިޔާނީއެވެ. ތަކުބީރު ކިޔާ ކޮންމެ ފަހަރަކު ދެއަތް ކޮންޑާއި ހަމައަށް އުފުލުން މަޝްރޫޢުވެގެންވެއެވެ.
މިއަށްފަހު އާދައިގެ މަތިން ފާތިޙާ ސޫރަތަކާއި އިތުރު ސޫރަތެއް ކިޔަވާނީއެވެ. މިރަކްޢަތުގައި އަޢުލާ ސޫރަތް ކިޔެވުން އެދެވިގެންވެއެވެ.

ދެވަނަ ރަކްޢަތަށް ތެދުވެ ތަކުބީރު ކިޔުމަށްފަހު، އަދި މީގެ އިތުރުން 5 ފަހަރު ތަކުބީރު ކިޔުންވެއެވެ. ތަކުބީރުތައް ކިޔާ ހިނދު ކޮނޑާއި ހަމައަށް އަތް އުފުލުން މަޝްޜޫޢުވެގެންވެއެވެ. އެއަށްފަހު ސޫރަތުލް ފާތިޙާއާއި ޣާޝިޔާ ސޫރަތް، ނުވަތަ ފަސޭހަ އެހެން ސޫރަތެއް ކިޔަވާނީއެވެ. އަދި އެހެނިހެން ނަމާދުތައް ކުރާ ފަދައިން ރަކްޢަތް ނިންމާ އައްތަޙިއްޔާތު ކިޔާ ސަލާމް ދޭނީއެވެ.

ޢީދު ނަމާދު ނިމުމަށްފަހު ކިޔޭ ޚުޠުބާ ގޭގައިހުރެ ނަމާދު ކުރާއިރު ކިޔުމެއްނުވެއެވެ. އެހެނަސް ނަމާދުގެ ކުރިންނާއި ފަހުން ތަކްބީރު ކިޔުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ތަކުބީރު ކިޔާއިރު ކިޔާނީ الله أكبر، الله أكبر، الله أكبر، لا إله إلا الله، الله أكبر، الله أكبر، ولله الحمد މިފަދައިންނެވެ.

އަދި މިނޫނަސް ޢީދު ދުވަހު ﷲ އަށް ޙަމްދުކޮށް ދުޢާކުރުން ގިނަކޮށް ޝުކުރުކޮށް އުޅުން އެދެވިގެންވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *