ދީނީ ލިޔުންދީން

ބަދުރު ހަނގުރާމަަ އާއި ބެހޭ މުހިންމު 10 ކަމެއް (ބާބު 2)

6. މުސްލިމުން ތިބީ ހަނގުރާމައަކަށް ތައްޔާރުވެގެންނެއް ނޫނެވެ.
މުސްލިމުން ތައްޔާރުވީ މައްކާގެ ޤާފިލާއާއި ކުރިމަތިލާ، އެބައިމީހުންގެ މުދާތައް ނެގުމަށެވެ. މިކަމަށް ބޮޑު ލަޝްކަރެއް ބޭނުމެއްނުވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް މުސްލިމުންގެ ލަޝްކަރު ބައިކުރައްވާފައިވަނީ 2 ބަޔަކަށެވެ. އެއީ ޢަލީ ބިން އަބީ ޠާލިބްގެ ވެރިކަމުގެ ދަށުގައިވި މުހާޖިރުންގެ ލަޝްކަރާއި، ސަޢުދު ބިން މުޢާޛުގެ ދަށުގައިވި އަންޞާރިއްޔަ ބޭކަލުންގެ ލަޝްކަރެވެ. މުސްލިމުންގެ ލަޝްކަރު ޞަފްރާއާއި ހަމަވުމުން މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް 2 ޞަހާބީއަކު މުޝްރިކުންގެ ޚަބަރު ބެއްލެވުމަށް ފޮނުއްވެވިއެވެ. އެހެނަސް އޭރު އަބޫ ސުފްޔާން މިޚަބަރު ލިބި، މައްކާގެ އަހުލުވެރިންގެ ކިބައިން އެހީއަށް އެދި ފޮނުވާ، ދަތުރު ކުރަމުން ދިޔަ މަގު ބަދަލުކޮށް، މުޝްރިކުންގެ ޤާފިލާއައިގެން މައްކާއަށް އެނބުރި ގޮސްފިއެވެ. އަދި ޤުރައިޝުން އަބޫ ސުފްޔާނު އެދުނު އެހީގެ މަތީން މުޝްރިކުން އަބޫ ޖަހުލުގެ ވެރިކަމުގެ ދަށުގައި 1300 މީހުން ފޮނުވިއެވެ.

7. ބަދުރު ހަނގުރާމަ މުޝްރިކުން ލައްވާ ކުރުވީ އަބޫ ޖަހުލެވެ.
އަބޫ ސުފްޔާން،ަ ސަލާމަތުން މައްކާއަށް ވާޞިލްވިކަމުގެ މެސެޖް ފޮނުވުމުންވެސް އަބޫ ޖަހުލު އެނބުރި މައްކާއަށް ދާކަށް ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވީ ހަންގުރާމައައިގެން ކުރިއަށްދާށެވެ. ބަނޫ ޒަހްރާ ވަންހައިގެ އަހްލުވެރިން ހަނގުރާމައިގައި ބައިވެރިވުމަށް އިންކާރުކޮށް އެބައިމީހުންގެ 300 މީހުން މައްކާއަށް އެނބުރި ދިޔައެވެ. ހަމަ އެފަދައިން ބަނޫ ހާޝިމްގެ އަހްލުވެރިންވެސް މިހަންގުރާމައިގައި ބައިވެރިވުމަށް އިދިކޮޅުހެދިއެވެ. އެހެނަސް އަބޫ ޖަހުލު އެބައިމީހުންނަށް އެނބުރި ދިޔުމަށް ހުއްދަ ނުދިނުމުން އެބައިމީހުން ލަޝްކަރައިގެން ކުރިއަށް ދިޔައެވެ.

8. އަންޞާރިއްޔަ ބޭކަލުން މާތް ނަބިއްޔާގެ އަރިހުގައި ޘާބިތުވެ ތިއްބެވިއެވެ.
މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަންޞާރިއްޔަ ބޭކަލުން ގާތު ކަން ވެފައިވާ ގޮތް ޙަދީޘް ކުރެއްވުމުން އެބޭކަލުން މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޘާބިތުވެ ތިއްބެވިއެވެ. ސަޢުދު ބިން މުޢާޛާއި އަންޞާރިއްޔަ ބޭކަލުން މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހު ވަސައްލަމައަށް ދެންނެވިއެވެ. ތިމަންމެން ބަނޫ އިސްރާއީލުގެ މީހުން މޫސާގެފާނަށް ބުނިފަދައިން ނުބުނާމުއެވެ. فاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ. (މާނައީ ކަލޭގެފާނާއި ކަލޭގެފާނުގެ ވެރި ރައްބު ހަނގުރާމަ ކުރައްވާށެވެ. ތިމަންމެން މިތާ އިށީނދެލައިގެން ތިބޭނަމުއެވެ.) އެހެނަސް ތިމަންމެން ބުނާނީ اذهب أنت وربك فقاتلا إنا معكما مقاتلون. (ކަލޭގެފާނާއި ކަލޭގެފާނުގެ ވެރި ރައްބު ހަނގުރާމަކުރައްވާށެވެ. ތިމަންމެން ބޭކަލުން މިތިއްބެވީ ކަލޭގެފާނާއި ކަލޭގެފާނުގެ ވެރި ރައްބާއިއެކު ހަނގުރާމަކުރުމަށެވެ.

9. މާތް ﷲ ތަޢާލާ މުސްލިމުންނަށް ނަޞްރު ލިބޭނޭކަން އެންގެވިއެވެ.
މުސްލިމުން ކުޑަ ލަޝްކަރައިގެން ބަދުރު ވަޅު ވަށާލި ހިނދު،އަދި މުޝްރިކުން އެބައިމީހުންގެ ބޮޑޫ ލަޝްކަރައިގެން މުސްލިމުންގެ ކުރިމައްޗަށް އައި ހިނދު މުސްލިމުންނަށް ލިބުނު ހިތްހަމަ ޖެހުމަކީ މާތް ﷲ ތަޢާލާ ހަތް އުޑު މަތީން މުސްލިމުންނަށް ނަޞްރު ދެއްވާނޭކަން އެންގެވުމެވެ. އެކަލާނގެ މުސްލިމުންނަށް ނަޞްރު ދެއްވުމަށްޓަކައި މަލާއިކަތުން ފޮނުއްވިއެވެ. އަދި އެބޭކަލުން މުސްލިމުންނާއި އެކު ހަނގުރާމައިގައި ބައިވެރިވެވަޑައިގަތެވެ.

10. ޤުރައިޝުން މުބާރަޒާއިން ބަލިވިއެވެ.
ހަނގުރާމައިގެ ކުރިން ދެބައިމީހުންގެ މެދުގައި މުބާރަޒާއަކަށް ގޮވާލެވުނެވެ. ޢުތުބާ ބިން ރަބީޢަ އާއި ޝައިބާއާއި، ވަލީދު ބިން ޢަތަބާ މާތް މުހާޖިރިއްޔަ ބޭކަލުން ކަމުގައިވާ ޢަލީ ބިން އަބީ ޠާލިބާއި، ޙަމްޒާ ބިން ޢަބްދުލް މުއްޠަލިބާއި، ޢުބައިދާ ބިން އަލްޙާރިޘްގެ ކުރިފުޅުމަތީގައި ނިކަމެތިވެ، ބަލިވެގެންދިޔައެވެ. މިހާހިސާބުން ހަނގުރާމަ ހޫނުވެ، މުބާރަޒާއަކުން ދެލަޝްކަރު ބައްދަލުވާ ހަނގުރާމައަކަށް ވެގެންދިޔައެވެ.

1000 ހަނގުރާމަވެރީންގެ ލަޝްކަރެއް 300 މުއުމިނު މުޖާޙިދުންގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލަން ޖެހުނެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ބާއްވާލެއްވުނު ނަޞްރުގެ ސަބަބުންނެވެ. އަބޫ ޖަހުލާއި، އުބައްޔު ބިން ޚަލަފާއި، އަލްމުޣީރާ ފަދަ މުޝްރިކުންގެ ވަރުގަދަ 70 ހަނގުރާމަވެރީން މިހަނގުރާމައިގައި ޤަތުލުވެގެންދިޔައެވެ. އަދި އިތުރު 70 މީހަކު އަސީރުންގެ ގޮތުގައި ހިފުނެވެ. މާތް ޞަޙާބީންގެ ތެރެއިން 14 ބޭކަލަކު ބަދުރުގެ މައިދާނުގައި ޝަހީދުންގެ ދަރަޖަ ހޯއްދެވިއެވެ.

މާތް ﷲ ތަޢާލާ މުސްލިމުންނަށް ނަޞްރު ދެއްވާނެކަމަށް ވަޢުދުވެ ވޮޑިގަތެވެ. އަދި ބަދުރުގެ މައިދާނުގައި އެކަލާނގެ މުސްލިމުންނަށް ނަޞްރު ދެއްވިއެވެ. އަދި މިހަނގުރާމައިގެ ނަޞްރަކީ މުސްލިމުންގެ ތާރީޚުގެ ރަން ޒަމާނުގެ ފެށުމުގެ ތެރޭގައި ލެއްވެވިއެވެ. އެކަލާނގެއަށް އީމާންވާ، ހަނގުރާމައިގެ ވަސީލަތެއްނެތް މަދު މީސްކޮޅަކަށް، ތަނަވަސްކަމާއި، އާރާއި ބާރު ލިބިގެންވާ ގިނަ ބައެއްގެ މައްޗަށް ނަޞްރު ދެއްވައިގެންނެވެ.

ނިމުނީ

މަޞްދަރު: މިއީ ލައިފް އިން ސަޢޫދީ ޢަރަބިއްޔާގައިވާ ލިޔުމެއް އަޞްލަކަށް ބަލައިގެން ލިޔެވިފައިވާ ލިޔުމެކެވެ. އެހެނަސް ބައެއް ނުކުތާތަކަށް އުނި އިތުރު ގެނެވި، ޝަރަޙަ ކުރެވިފައިވާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *