ދީނީ ލިޔުންދީން

ވަރަށް ފަސޭހަކަމަކުން ޢުމްރާއަކާއި ޙައްޖެއްގެ ޘަވާބު ލިބޭނެގޮތެއް

ރަމަޟާންމަހަކީ އެމައްސަރެއްގައި ކީރިތި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. ރޯދަ ހިފުން ފަރުޟު ކުރެއްވުނު މައްސަރެވެ. ފާފަތައް ފޮހެވި، ދަރަޖަ މަތިވެރިވެ، ހެޔޮކަންތައްތައް އިތުރުވެ، ޝައިޠާނުން ކަސްތޮޅު އެޅުވި، ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވި، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާ މައްސަރަކީ ރަމަޟާން މަހެވެ. ޢުމުރުގެ ޒުވާންކަމާއި، ހެޔޮޞިއްޙަތެއްގައިވީ ޙާލު މިފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަންވާނެއެވެ. އެހެންކަމުން ހެޔޮޢަމަލުތައް ގިނަކޮށް، ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށް، ފުރިހަމަ ތައުބާ އަކުން ތައުބާ ވާން ޖެހެއެވެ. ކާމިޔާބު ލިބިގެންވާ މީހުންގެ ތެރޭގައި ވުމަށް ޓަކައި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، ނަހީތަކުން ދުރުހެލިވެ ރައްކާތެރިވާންވާނެއެވެ

މިއަހަރުގެ ރަމަޟާންމަސް އަޅުގަނޑުމެންނާއި ބައްދަލުކުރީ މުޅި ދުނިޔޭގައިވެސް ބަލި މަޑުކަމުގެ ބޮޑު ވަބާއެއް ފެތުރެމުންދާ ދުވަސްވަރެއްގައެވެ. މިކަމުގެ ސަބަބުން އެހެން އަހަރުތަކާއި ޚިލާފަށް ރަމަޟާންމަހުގެ ވަގުތުތައްވެސް ހޭދަކުރަން މިވަނީ މަޖުބޫރުވެފައެވެ. ބަލިމަޑުކަން ފެތުރެމުން ދިޔުމުގެ ސަބަބުން މިސްކިތްތަކުގެ ނަމާދުގެ ޖަމާޢަތްތައް މިވަނީ ވަގުތީ ގޮތުން މެދުކަނޑާލެވިފައެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު މިސްކިތުގައި ތަރާވީޚާއި ދަމު ނަމާދުގެ ޖަމާޢަތް ކުރިއަށް ނުގެންދެއެވެ. ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ދާ މަހަކަށް ރަމަޟާންމަސް ވާނެއެވެ. އެހެން ނަމަވެސް މިއަހަރު އެފުރުޞަތުވަނީ އެއްކޮށް ބަންދުވެފައެވެ. އެހެން ނަމަވެސް މިކީ އެކަމާއި މާޔޫސްވާންވީ ވަގުތެއް ނޫނެވެ. މިހާލަތުގައިވެސް މިމައްސަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަންޖެހެއެވެ.

އެހެންކަމުން މިލިޔުމުގައި މިބަލާލަނީ ޢުމްރާގެ އަޅުކަމަށް ސައުދީ އަރަބިޔާއަށް ނުދެވުނަސް ޢުމްރާއެއްގެ ޘަވާބު ހާޞިލްކުރެވިދާނެ ގޮތެއްގެ މައްޗަށެވެ.

އެގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. مَنْ صَلَّى الْفَجْرَ فِيْ جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللهَ حَتَّى تَطْلُعَ الشَّمْسَ ثُمَّ صَلَّى رَكْعَتَيْنِ كَانَ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ تَامَّةٍ تَامَّةٍ تَامَّةٍ

މާނައަކީ: “ޖަމާޢަތުގައި ފަތިސްނަމާދުކޮށް، އިރުއަރަންދެން މާތް ﷲ ޛިކްރު ކުރުން މަތީ ދެމިހުރެ، ދެރަކްޢަތް ނަމާދެއް ކޮށްފި މީހަކަށް ޙައްޖަކާއި ޢުމްރާ އެއް ކުރުމުގެ ޘަވާބު ލިބޭނެއެވެ. ފުރިހަމަކޮށްނެވެ. ފުރިހަމަ ކޮށްނެވެ، މިހެން ދެފަހަރަށް ޙަދީޘް ކުރެއްވިއެވެ”.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޙަދީޘްފުޅަށް ޢަމަލުކުރުމުގެ ގޮތުން އަންނަނިވި ގޮތަށް ކަންތައްކޮށްލާށެވެ. ފަތިސްނަމާދުކޮށްގެން އިރުއަރަންދެން ޛިކުރު ކުރުން މަތީ ދެމިހުންނާށެވެ. އިރުއަރާތާ ގާތްގަޑަކަށް 15 ވަރަކަށް މިނިޓްފަހުން ޟުޙާ ގެ ވަގުތު ވަންނާނެއެވެ. އެހިސާބުން ޟުޙާ ނަމާދުގެ ދެރަކްޢަތް ކޮށްލުމުން އިންޝާﷲ ޙައްޖަކާއި ޢުމްރާ އެއް ކުރުމުގެ ދަރުމަ އާއި ޘަވާބު އެމީހަކަށް ލިބޭނެއެވެ.

ބައެއް ކިޔުންތެރިންނަށް އުފެދިދާނެ ސުވާލެކެވެ. މިސްކިތުގެ ޖަމާޢަތްތައް މެދުކަނޑާލާފައިމިވާ ހާލަތުގައި މިކަން ކުރާނީ ދެން ކިހިނަކުންތޯއެވެ. މިކަމާއި ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ޑރ މުޙައްމަދު ޢިޔާޟް އަބްދުއްލަތީފް ވިދާޅުވީ މިސްކިތުގެ ޖަމާޢަތްތައް މެދުކަނޑާލެވި ގޭގައި ނަމާދުކުރަން ޖެހިފައިވިޔަސް މިޘަވާބު ހޯދުމަށް އޮތް ދޮރު ބަންދުވެގެން ނުދާ ކަމަށާއި ﷲ ގެ ރަހުމަތުން އަދިވެސް އެފުރުޞަތު އެބައޮތް ކަމަށެވެ.

އެގޮތުން ޑރ ޢިޔާޟް ވިދާޅުވީ ގޭގައިވެސް ފަތިސް ނަމާދު ކުރެއްވުމަށް ފަހު ޛިކުރު ކުރުމުގައި ދެމިހުންނަވާށެވެ. އަދި އެގޮތުގައި ދެމިހުރެ ޟުހާ ވަގުތު ޖެހުމުން ޟުހާ ނަމާދު ކުރުމުން އިންޝާﷲ ޙައްޖަކާއި ޢުމްރާ އެއް ކުރުމުގެ ދަރުމަ އާއި ޘަވާބު އެމީހަކަށް ލިބިގެންދާނެ ކަމަށެވެ.

މިލިޔުން ވިދާޅުވެލެއްވި ބޭފުޅުން އަދި އެއްކަމެއް ކޮށްދެއްވާށެވެ. ވީހާވެސް ގިނަ ފަރާތްތަކަށް މިލިޔުމުގައިވާ ވާހަކަ ހިއްސާކޮށްދެއްވާށެވެ. އެހެނީ މިފަދަ ހެޔޮ އަމަލުތައް އެހެން މީހަކަށް ދަސްކޮށްދިނުމަކީ ތިބާއަށް އެއަޅުކަމެއްކުރާ މިހާއަށް ލިބޭ ދަރުމަ ލިބޭނެ ކަމެކެވެ. އެހެނީ ހެޔޮކަމަކަށް މަގު ދައްކައިފިމީހާ އެކަންކުރި މީހަކާއި އެއްފަދަކަމުގައި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފަވެއެވެ.

ވީމާ . މިމައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދެއްވާށެވެ.

އެހެން ކަމުން އަޅުގަނޑުމެން މިރަމަޟާންމަހުގައި ބޭނުންވަނީ ކިތައް ޢުމްރާއާއި ކިތައް ޙައްޖުގެ ޘަވާބުކަން ކަނޑައެޅުން މިއޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ. ﷲ ސުބްހާނަހޫ ވަތަޢަލާ އަޅުގަނޑުމެންގެ ހެޔޮޢަމަލުތައް ޤަބޫލު ކުރައްވާށި. އާމީން

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *