ދީނީ ލިޔުންދީން

ރަމަޟާން މަހުގެ ދަރުސްތައް؛ ރޯދައިގެ ޙަޤީޤީ މާނަ (2)

ދެވަނަ ދަރުސް: ރޯދަ ވީއްލުން އަވަސްކުރުން

الحمد لله، والصلاة والسلام على رسول الله، أما بعد.

މާތް ނަބިއްޔާ g ގެ އަރިހުން ޒައިދު ބިން ޘާބިތު ރިވާ ކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. لا يَزَالُ النَّاسُ بخَيْرٍ ما عَجَّلُوا الفِطْرَ. މާނައީ: މީސްތަކުން ރޯދަ ވީއްލުން އަވަސްކުރާހާ ހިނދަކު އެބައިމީހުން ވާހުށީ ހެޔޮކަމުގެ މަތީގައެވެ. صحيح البخاري في  كتاب الصوم.، باب تعجيل الإفطار (1957) (36/3) و صحيح مسلم في  كتاب الصيام.، باب فضل السحور (1098) (131/3)

ފަހެ، މުސްލިމުންގެ މައްޗަށްވަނީ މިޙަދީޘުގެ މާނަ ހިތަށް ފުރިހަމައަށް ގެނެސް، އިރު އޮއްސުނުހާ އަވަހަަކަށް ރޯދަ ވީއްލުމަށް އަވަސްވެގަތުމެވެ. އެއީ ސުންނަތަށް ތަބާވުމުގެ ދަރުމައާއި، ޙަދީޘުގައިވާ ހެޔޮކަން ހޯދުމަށްޓަކައެވެ. އަދި މާތް ﷲ ގެ ރުއްސެވުމާއި ލޮބުވެތިކަން ހޯދުމަށްޓަކައެވެ. އެހެނީ ރޯދަ ވީއްލުން އަވަސްކުރުމަކީ ﷲ ތަޢާލާގެ ލޯބި ޙައްޤުވާ ޢަމަލެކެވެ. ސުނަނުއް ތިރްމިޛީގައި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވާ ޤުދުސިއްޔަ ޙަދީޘް ބަސްފުޅެއްގައިވެއެވެ. މާތް ރަސޫލާ g ޙަދީޘް ކުރެއްވިއެވެ. قال الله b أَحَبُّ عبادِي إلَيَّ، أَعْجَلُهُم فِطْرًا. މާނައީ: މާތް ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްމެ ލޮބުވެތިކަން ބޮޑުވެގެންވާ އަޅުންނަކީ އެބައިމީހުންގެ ތެރެއިން އެއްމެ އަވަހަށް ރޯދަ ވީއްލާ އަޅުންނެވެ. أخرجه الترمذي (700) واللفظ له، وأحمد (7241).

އަލްއިމާމް ތިރުމިޛީ މިޙަދީޘާއި މެދު ވިދާޅުވެފައިވެއެވެ. މިއީ ޙަސަން ޣަރީބު ޙަދީޘެކެވެ.

(އަލްއިމާމް ތިރްމިޛީ ޙަދީޘަކާއި މެދު އެއީ ޙަސަން ޣަރީބު ޙަދީޘެކޭ ވިދާޅުވެއްޖެނަމަ، އެޙަދީޘުގައި ޟަޢީފުކަމެއްވެއެވެ. އެހެނީ ތިރުމިޛީ އަރިހުގައި ޙަސަން ޙަދީޘަކީ އެޙަދީޘެއްގައި ވަރުގަދަ ބަލިކަށިކަމެއް (ޟަޢީފުކަމެއް) ނުވާ ޙަދީޘްތަކެވެ. އެބަހީ އެޙަދިޘެއްގައި ދޮގުހަދާ ކަމަށް ޝައްކު ކުރެވޭ މީހަކު ނެތި، ޝާއްޛު ނޫން ގޮތްގޮތަށް އަންނަ ޙަދީޘްތަކެވެ.

އެހެނަސް ސީދާ މި ޙަދީޘް، ތިރްމިޛީ ނޫން އެހެން ބޭކަލުން އެހެނިހެން މަގުތަކުން ގެންނަވާ ޞައްޙަ ކުރައްވާފައިވެއެވެ. މިބޭބޭކަލުންގެ ތެރޭގައި شعيب الأرناؤوط އާއި، އިބްނި ބާޒާއި، އަޙްމަދު ޝާކިރު ހިމެނިވަޑައިގަންނަވައެވެ.)

މިކަމުގެ ޙިކްމަތް އެއްމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެހެނަސް އެކަލާނގެ ޙަޟްރަތުގައި އެއްމެ ލޮބުވެތިކަން ބޮޑު އަޅުންގެ ތެރޭގައި ރޯދަ ވީއްލުމަށް އަވަސްވެގަންނަ އަޅުތަކުން ހިމެނެނީ، އެކަލާނގެއަކީ ދީލަތިވަންތަ އިލާހުކަމަށްވެފައި، ދީލަތި ފަރާތެއް އެފަރާތެއްގެ ދީލަތިވަންތަކަމުގައި މީސްތަކުން ހިފައި އުޅުމަށް ލޯބިކުރައްވާތީ ކަމަށް ވެދާނެއެވެ. ފަހެ އެކަލާނގެ، އެކަލާނގެ އަޅުތަކުންނަށް ހުއްދަކުރެއްވި ކަންކަމާއި ދިމާއަށް އިރު އޮއްސުމުން އަވަސްވެގަތުމަށް ލޯބިކުރައްވައެވެ.

އަދި ހަމަ މިއާއި އެކު، ރޯދަ ވީއްލުން އަވަސްކުރުމަކީ އަޅުކަމާއި އެހެނިހެން ވަޤުތުތަކާއި ވަކިކޮށްދޭ ފާހަގައެއްކަމަށް ވެދެއެވެ.

عبدالله بن أبي أوفى ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. كُنَّا مع رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ في سَفَرٍ وهو صَائِمٌ، فَلَمَّا غَرَبَتِ الشَّمْسُ قَالَ لِبَعْضِ القَوْمِ: يا فُلَانُ قُمْ فَاجْدَحْ لَنَا، فَقَالَ: يا رَسولَ اللَّهِ لو أمْسَيْتَ؟ قَالَ: انْزِلْ فَاجْدَحْ لَنَا قَالَ: يا رَسولَ اللَّهِ، فلوْ أمْسَيْتَ؟ قَالَ: انْزِلْ، فَاجْدَحْ لَنَا، قَالَ: إنَّ عَلَيْكَ نَهَارًا، قَالَ: انْزِلْ فَاجْدَحْ لَنَا، فَنَزَلَ فَجَدَحَ لهمْ، فَشَرِبَ النبيُّ صَلَّى اللهُ عليه وسلَّمَ، ثُمَّ قَالَ: إذَا رَأَيْتُمُ اللَّيْلَ قدْ أقْبَلَ مِن هَا هُنَا، فقَدْ أفْطَرَ الصَّائِمُ.  މާނައީ: އަހަރެމެން މާތް ރަސޫލާ g ރޯދައަށް ހުންނަވަނިކޮށް އެކަލޭގެފާނުގެ އަރިހުގައި ދަތުރުކުރީމެވެ. ދެން ފަހެ އިރު އޮއްސުމުން އެކަލޭގެފާނު އެޖަމާޢާތުގެ އެއް ބޭކަލެއްގެ އަރިހުން ފުށާއި ކިރާއި އަދި ފެން އެއްކުރެއްވުމަށް އެދިވަޑައިގަތެވެ. އެބޭކަލަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އިރުއޮއްސެންދެން މަޑުކުރައްވަން ވީނޫންތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތެދުވާށެވެ. ފުށާއި ކިރާއި އަދި ފެން އެއްކުރެއްވާށެވެ. އެބޭކަލަކު (އަނެއްކާވެސް) ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އިރުއޮއްސެންދެން މަޑުކުރައްވަން ވީނޫންތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތެދުވާށެވެ. ފުށާއި ކިރާއި އަދި ފެން އެއްކުރެއްވާށެވެ. އެބޭކަލަކު ދެންނެވިއެވެ. ކަލޭގެފާނުގެ މައްޗަށް އަދިވަނީ ދުވާލެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތެދުވާށެވެ. އަދި ފުށާއި ކިރާއި އަދި ފެން އެއްކުރެއްވާށެވެ. ދެން އެބޭކަލަކު އެތަކެތި އެއްކުރެއްވިއެވެ. ދެންފަހެ މާތް ނަބިއްޔާ އެހިއްޕެވުމަށްފަހު ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންނަށް ރޭގަނޑު މިފަރާތުން (އެބަހީ އިރުމަތިން) އަންނަ ތަން ފެނިއްޖެނަމަ އަދި ދުވާލު އެފަރާތުން (އެބަހީ ހުޅަނގު ފަރާތުން) ދާތަން ފެނިއްޖެނަމަ ފަހެ، ރޯދަވެރިޔާ ރޯދަ ވީއްލާ ހުށިކަމެވެ.

اللهم إنا نسألك حبك، وحب من يحبك، و حب العمل الذي يقرب إلى حبك. والله أعلم، و صل اللهم وسلم على نبينا محمد.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއެވެ! އަޅަމެން އެދެނީ އިބަރަސްކަލާނގެ ލޯތްބާއި ރުއްސެވުމަށެވެ. އަދި އިބަރަސްކަލާނގެ ލޯބިވެވޮޑިގެންވާ ފަރާތްތަކުގެ ލޯތްބަށެވެ. އަދި އިބަރަސްކަލާނގެ ރުއްސެވުމާއި ލޯތްބަށް ކުއްތަންކޮށްދޭ ޢަމަލުތަކަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *