ސައުދީއަރަބިޔާގެ ސްޕްރިމް ކޯޓުން އެޤައުމުގައި އިސްލާމީ ޝަރީއަތުގައި އޮންނަ ހައްދު ޖެހުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ރާއްޖެއާއި ބޭރުގެ ބައެއް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. އެގޮތުން ސައުދީ އަރަބިޔާގައި މީގެފަހުން ހައްދު ޖެހުން ހުއްޓާލާފައިވާ ކަމަށާއި ހައްދު ޖަހަންޖެހޭ ހާލަތްތަކުގައި ދެން އެޤައުމުގައި އަދަބެއްގެ ގޮތުގައި ކުށްވެރިޔާއަށް ދޭނީ އެއަދަބަކާއި އެކަށޭނަ ޖަލުގެ ހުކުމްތަކާއި ފައިސާގެ ޖޫރިމަނާތައް ކަމުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް ކަންވެފައި އޮތީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތަށްތޯއެވެ.؟
މިކަމާއި ގުޅޭގޮތުން ސައުދީ އަރަބިޔާގެ ޖިއްދާގައި ހުންނަވާ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލް ޔޫސުފް ބިން އަހުމަދު އަލް އޮތައިމީންގެ ހާއްސަ އެޑްވައިޒަރު އަދި ދިވެހިރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސައުދީ އަރަބިޔާއިން ހައްދު ޖެހުން ހުއްޓާލާފައިވަކަމަށް ބުނެ ބައެއް މީޑިއަތަކުން ގެނެސްދީފައިވާ ޚަބަރަކީ އޮޅޭގޮތަށް ގެނެސްދީފައިވާ ޚަބަރެއް ކަމަށެވެ.
އެގޮތުން ސައުދީ އަރަބިޔާގެ އެންމެމަތީ ޖުޑީޝަލް ކައުންސިލްގެ ނިންމުމާއި ގުޅޭގޮތުން ސައުދީ އަރަބިޔާގެ ނޫސްތަކުން ގެނެސްދީފައިވާ ޚަބަރުތަކާއި ހަވާލާދެއްވާ ޑރ ޝަހީމް ވިދާޅުވީ ސައުދީ އަރަބިޔާއިން އުވާލާފައިވަނީ ސައުދީ ސަރުކާރުގެ ފަރާތުން ތައުޒީރީ އަދަބެއްގެ ގޮތުގައި ބައެއް ކުށްތަކަށް ކަނޑައަޅާފައިވާ "ޖެހުން" ކަމަށާއި އިސްލާމް ދީނުގައިވާ ހައްދު ޖެހުމުގެ އުޤޫބާތް އުވާލީކީ ނޫންކަމަށެވެ.
މިކަމާއި ގުޅޭގޮތުން ޖަމިއްޔަތުއް ސަލަފްގެ ޢިލްމުވެރިން މަޖްލީހުގެ ރައީސް އައްޝައިޚް އަހުމަދު ސަމީރު ވިދާޅުވެފައިވަނީ ސައުދީގެ ރަސްމީ އިދާރާތަކުން އެނގޭ ގޮތުގައި ސައުދިއަރަބިޔާއިން ހުއްޓާލާފައިވަނީ ހައްދުތައް ފިޔަވައި އެހެން ކުށްތަކުގައި ތައުޒިރީ ގޮތުން ދޭ އަދަބުގައި ދުއްރައިން އަދަބު ދިނުންކަމަށެވެ.
ތައުޒީރަކީ އެފަފާފައެއްގައި ނުވަތަ އަނިޔާއެއްގައި ހައްދެއް ނުވަތަ ކައްފާރާއެއް ޝަރީޢަތުގައި ކަނޑައެޅިފައިނުވާ ފާފަތަކަށް ދެވޭ އުޤޫބާތެކެވެ. ތައުޒީރުގެ ގޮތުގައި ދޭނޭ އަދަބަކާއި ގުޅެގޮތުން އިސްލާމީ ޝަރީޢަތުގައި ޤާޟީއަށް އިޚްތިޔާރު ދެއްވާފަވެއެވެ.

















advertisment
ޚިޔާލު