ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އަށް ފަރުވާކުރުމަށް އިނގިރޭސިވިލާތުގައި ކުރީ ސަފުގައި ހަރަކާތްތެރިވަމުންދިޔަ މުސްލިމް 4 ޑޮކްޓަރަކު މިބަލި ޖެހިގެން މަރުވެއްޖެއެވެ.
މިހަތަރު ޑޮކްޓަރުންނަކީ އަލްފާ ސަޢާދު، އަމްޖަދް އެލް ހަވްރާނީ، އާދިލް އެލް ތަޔާރް އާއި ހަބީބް ޒައިދީއެވެ. މި ހަތަރު ޑޮކްޓަރުންނަކީ ވެސް އެފްރިކާ، އޭޝިއާ އަދި މެދުއިރުމަތީ ދަރިފަސްކޮޅަށް ނިސްބަތްވާ ޑޮކްޓަރުންނެވެ.
މިހަތަރު ޑޮކްޓަރުންގެ މަރާއި ގުޅިގެން ބްރިޓިޝް އިސްލާމިކް މެޑިކަލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޑރ ސަލްމަން ވަގަރް ވިދާޅުވީ މިހަތަރު ޑޮކްޓަރުންނަކީވެސް އަގު ނުކުރެވޭނެ ފަދަ ޚިދުމަތްތަކެއް ޤައުމަށް ކޮށްދިން ހިތްވަރުގަދަ ބައެއް ކަމަށެވެ.
ކަރުންމަތީގެ ޚާއްސަ ޑޮކްޓަރު އަމްޖަދް އެލް ހަވްރާނީ އަކީ ސޫދާނަށް ބޭފުޅެކެވެ. އާއިލާގައި އަމްޖަދުގެ އިތުރުން އިތުރު5 މީހުން ތިބޭއިރު، ކޮވިޑް ޖެހިގެން އަމްޖަދު މަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަމްޖަދުގެ ވަކިވެދިޔުމާއެކު އާއިލާއިން ބުނެފައިވަނީ އަމްޖަދަކީ އެހެން މީހުންގެ ބުރަތައް އުފުއްލެވި ހިތްވަރުގަދަ ޝަޚުސިއްޔަތެއް ކަމަށެވެ. ދުނިޔޭގައި ހުންނެވި ފަހު ދުވަސްކޮޅުގައިވެސް މުސްކުޅި އުމުރަށް ގޮސްފައިވާ މަންމަގެ ސިއްޚަތާމެދު އަބަދުވެސް ކަންބޮޑުވެގެން އަމްޖަދު އުޅޭ ކަމަށާއި ދަންވަރު ޑިއުޓީ ނިންމުމަށްފަހުގައިވެސް ދުރު ދަތުރުކޮށްފައި މަންމަގެ ހާލު ބެލުމަށް ޒިޔާރަތްކުރާކަމަށް އާއިލާއިން ބުނެއެވެ.
ޕާކިސްތާނު ދަރިކޮޅަށް ނިސްބަތްވާ ހަބީބް ޒައިދު އިނގިރޭސިވިލާތަށް ހިޖުރަކޮށްފައިވަނީ މީގެ 50 އަހަރު ކުރިންނެވެ. އާއްމު ބަލިތަކަށް ހާއްސަ ޑޮކްޓަރު ހަބީބް ޒައިދު ކޮވިޑް ޖެހިގެން މަރުވެފައިވަނީ މިދިޔަ ބުދަ ދުވަހު އުމުރުން 76 އަހަރުގައެވެ. ހަބީބް ޒައިދާއި ގުޅޭގޮތުން އޭނާ ފަރުވާދިން މީހަކު ބުނެފައިވަނީ ހަބީބަކީ ވަރަށް އަޅާލާ، އޯގާތެރި، ފަރުވާތެރިކަމާއެކު މަސައްކަތްކުރާ ހިތްހެޔޮ ޑޮކްޓަރެއް ކަމަށެވެ.
1982 ވަނަ އަހަރު ޚުރުތޫމް ޔުނިވަރސިޓީއިން ދަސްވެނިވި ޑޮކްޓަރު އާދިލް އެލް ތަޔާރްއަކީ ސޫދާންއަށް ނިސްބަތްވާ ހަތަރު ކުދިންގެ ބައްޕައެއްވެސް މެއެވެ. މާރޗްމަހުގެ 25 ވަނަ ދުވަހު އުމުރުން 64 އަހަރުގައި މަރުވި އާދިލަކީ އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސަރވިސްގައި މަސައްކަތްކުރާ އޮޕަރޭޝަންގެ ހާއްސަ ޑޮކްޓަރެކެވެ. ކޮވިޑް19 އާއި ގުޅިގެން އާދިލްއައީ އެބަލީ ޖެހޭމީހުންނަށް ފަރުވާ ދިނުމަށް އެމަޖެންސީގައި ވޮލަންޓިއަރކޮށް މަސައްކަތްކުރަމުންނެވެ.
ނައިޖީރިއާއަށް އުފަން އަލްފާ ސަޢާދުއަކީ އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސަރވިސްގައި މަސައްކަތްކުރާތާ 40 އަހަރު ވެފައިވާ ޑޮކްޓަރެކެވެ. ކޮވިޑް19 ޖެހިގެން ސަޢާދު މަރުވެފައިވަނީ މިދިޔަ އަންގާރަދުވަހު އުމުރުން 68 އަހަރުގައެވެ. ރިޓަޔަރކޮށްފައި ހުރިކަމުގައިވީ ނަމަވެސް ސަޢާދުއައީ ކޮވިޑް19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ވޮލަންޓިއަރކޮށް މަސައްކަތްކުރަމުންނެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް 29474 މީހުންނަށް ކޮވިޑް19 ޖެހިފައިވާއިރު 2352 މީހުންވަނީ މިބަލިޖެހިގެން އެގައުމުން މަރުވެފައެވެ
ޚިޔާލު