ދީނީ ލިޔުންދީން

الطارق ސޫރަތުގެ ތަފްސީރު

(وَالسَّمَاءِ وَالطَّارِقِ ﴿١﴾) ﷲ ސުބްޙާނަހޫ ވަތަޢާލާ މިސޫރަތް ފައްޓަވާފައިވަނީ ހުވައަކުންނެވެ. މާތް ﷲ ގަންދެއްވާފައިވަނީ އުޑާއި ޠާރިގް (ރޭގަނޑަށް ފާޅުވާ ތަރި) އެވެ.

އެކަލާންގެ މަޚްލޫގުން ކުރެ ކޮންމެ އެއްޗެއް ގަންދެއްވާވެސް ހުވާ ވަޙީ ކުރައްވައެވެ. ނަމަވެސް، މަޚްލޫގުން ހުވާކުރާނަމަ ކުރަންވާނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިސްމުފުޅެއް ނުވަތަ ޞިފަފުޅެއް ގަންދެއްވައެވެ. އެއްވެސް މަޚްލޫގެއް ގަންދީ ހުވާ ކުރުން ހުއްދަވެގެން ނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ( مَنْ كَانَ حَالِفًا فَلْيَحْلِفْ بِاللَّهِ أَوْ لِيَصْمُتْ )[1] މާނައަކީ: “ހުވާ ކުރާނަމަ ﷲ ގަންދީ ހުވާ ކުރާށެވެ. ނޫންނަމަ ހަނު ހުންނާށެވެ.” އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ حَلَفَ بِغَيْرِ اللَّهِ ، فَقَدْ كَفَرَ ، أَوْ أَشْرَكَ  )[2]  މާނައަކީ: “ﷲ ފިޔަވާ އެހެން ފަރާތެއް ގަންދީ ހުވާކޮށްފިމީހާ ކާފިރުވެއްޖެކަން ކަށަވަރެވެ. ނުވަތަ އޭނާ ޝިރްކުކޮށްފި ކަން ކަށަވަރެވެ.”

(وَالطَّارِقِ) އަކީ ރޭގަނޑަށް ފާޅުވާ ތަރިތަކެވެ. ރޭގަނޑަށް ފާޅުވާ ކޮންމެ އެއްޗަކަށްވެސް ކިޔަނީ “ޠާރިގް” އެވެ. އިތުރު ތަފްޞީލް ޖެހިގެން އިން އާޔަތުގައި އެވަނީއެވެ.

(النَّجْمُ الثَّاقِبُ ﴿٣﴾  ) އޭގެ އަލިކަމުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަން ފިލުވާލާ ތަރިއެވެ.

މިތަނުގައި (النَّجْمُ  ) ގެ މުރާދަކީ ހުރިހާ ތަރިތަކެއް ކަމަށްވުން ވެސް އަކަށީގެންވެއެވެ. އެހެންނަމަ “އަލް” އެއީ “އަލްޖިންސު” ނުވަތަ ހުރިހާ ތަރިތަކެއް ހިމެނޭ ގޮތަށް އިން އެއްޗެކެވެ.

މިއިން ކޮންމެ މާނަ އެއް ނެގިނަމަވެސް، މިތަރި ތަކަކީ ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެތަރިތައް ދަތުރުކުރާ ގޮތާއި، އޭގެ އިންތިޡާމްތައް ހަމަޖެހިފައިވާ ގޮތުންނެވެ. އަދި އޭގެ ޝަކްލުގެ ތަފާތުކަމާއި އެއިން ލިބޭ ފައިދާތައް ތަފާތުވުމުގެ ގޮތުންނެވެ. ސޫރަތުއް ނަޙްލުގެ 16 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَعَلَامَاتٍ ۚ وَبِالنَّجْمِ هُمْ يَهْتَدُونَ ﴿١٦﴾  ) މާނައަކީ: “އަދި (މަގު ފާހަގަކުރެވޭ) ފާހަގަތަކެއް ލެއްވިއެވެ. އަދި ތަރިތަކުންވެސް އެއުރެން މަގު ހޯދައިގަނެތެވެ.”

ސޫރަތުލް މުލްކިގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِّلشَّيَاطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ ﴿٥﴾) މާނައަކީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބައްތިތަކަކުން އެންމެކައިރި އުޑު زينة ތެރިކުރެއްވީމެވެ. އަދި شيطان ންނާ ދިމާޔަށް އުއްކަވާ ގިނިހިލަތަކެއް ކަމުގައި އެތަކެތި ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ شيطان ންނަށް ނަރަކައިގެ عذاب ތައްޔާރުކުރެއްވީމެވެ.”

މި އާޔަތްތަކުން ދޭހަވަނީ މާތް ﷲ ތަރިތައް ލައްވާފައިވަނީ އުޑު ޒީނަތްތެރި ކުރެއްވުމަށާއި، ޝައިޠާނުންނާއި ދިމާޔަށް އުއްކަވާ ގިނިހިލަތެއް ކަމުގައްޔާއި، މަގު ފާހަގަ ކުރެވޭ ފާހަގަތަކެއްގެ ގޮތުގައެވެ.

(إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ ﴿٤﴾  ) ކޮންމެ ނަފްސެއްގެ ކިބައިގާ އެނަފްސެއް ބެލެހެއްޓެވުމަށް ޙަވާލު ކުރައްވާފައިވާ މަލާއިކަތް ބޭކަލަކުވެއެވެ. އެބޭކަލެއްގެ މަސްއޫލިއްޔަތަކީ ކޮބައިކަން ބަޔާން ކުރައްވާ ސޫރަތުލް އިންފިޠާރުގެ 10 އިން 12 އަށް ވަޙީ ކުރައްވާފައިވެއެވެ. (وَإِنَّ عَلَيْكُمْ لَحَافِظِينَ ﴿١٠﴾ كِرَامًا كَاتِبِينَ ﴿١١﴾ يَعْلَمُونَ مَا تَفْعَلُونَ ﴿١٢﴾) މާނައަކީ: ” އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكة ންވެއެވެ. (އެއީ) މާތްވެގެންވާ، ލިޔުއްވާ ملائكة ންނެވެ. ތިޔަބައިމީހުން ކުރާ ކަންތައް އެ ملائكة ން ދެނެވަޑައިގެންވެތެވެ.”

މި ބޭކަލުން އިންސާނުން ކުރާ ހުރިހާ ކަމެއް ލިޔުއްވާނެއެވެ. އަދި ގިޔާމަތް ދުވަހުން ހުރިހާ ކަމެއް ލިޔުއްވާފައި ފަތެއްގެ ޞިފާގައި ފެންނާނެއެވެ. ގިޔާމަތް ދުވަހު އިންސާނުންނާއި މުޚާޠަބު ކުރައްވާ ﷲ ވަޙީ ކުރައްވާނެއެވެ. ސޫރަތުލް އިސްރާގެ 14 ވަނަ އާޔަތުގައި ވެއެވެ. (اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا) މާނައަކީ: ” (އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް حساب ކުރާ މީހަކަށް، ތިބާގެ އަމިއްލަنفس ފުދެއެވެ.”

މި މަލާއިކަތް ބޭކަލުން އިންސާނާގެ ހުރިހާ ކަމެއް ލިޔުއްވައެވެ. ބުނާ ބަހާއި، ކުރާ ކަންތަކާއި، ހިތުގައި ގަބޫލުކޮށްގެން ހުރިހާ ކަންތަކެއް ލިޔުއްވައެވެ. ސޫރަތު ގާފްގެ 16 އިން 18 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْ خَلَقْنَا الْإِنسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ ﴿١٦﴾ إِذْ يَتَلَقَّى الْمُتَلَقِّيَانِ عَنِ الْيَمِينِ وَعَنِ الشِّمَالِ قَعِيدٌ ﴿١٧﴾ مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ﴿١٨﴾   ) މާނައަކީ: “އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ نفس އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ. (އެއީ އޭނާގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ ދެ ملائكة ން (އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް) ލިޔުއްވާހިނދުގައެވެ. (ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.”

މިއީ އިންސާނުންގެ ޢަމަލުތައް ބަލަހައްޓަވާ މަލާއިކަތުންނެވެ. އެނޫންވެސް އިންސާނުންގެ އެހެނިހެން ކަންކަން ބެލެހެއްޓެވުމާއި ޙަވާލުވެ ތިއްބަވާ މަލާއިކަތް ބޭކަލުން ތިއްބަވައެވެ. ސޫރަތުއް ރަޢްދުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّـهِ  ) މާނައަކީ: “އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ ملائكة ން ވެއެވެ.”

(فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ ﴿٥﴾)

(فَلْيَنظُرِ ) މިތަނުގައި “ލާމް” އަކީ ލާމުލް އަމްރި އެވެ.

“ނަޡަރު” އޮތް ބަސްފުޅުގެ މުރާދަކީ ވިސްނާ ފިކުރުކުރުމެވެ. މާނައަކީ: “އިންސާނާ އުފެއްދެވިފައިވަނީ ކޮން އެއްޗަކުންތޯ ވިސްނާ ފިކުރުކޮށްބަލާށެވެ.”

(خُلِقَ مِن مَّاءٍ دَافِقٍ ﴿٦﴾  ) މާތް ﷲ އިންސާނާ އުފައްދަވާފައިވަނީ ފިރިހެނާގެ ހަށިގަނޑުން ބާރަށް ނިކުމެގެންގޮސް އަންހެނާގެ ރަޙިމްގައި އަށަގަންނަ ފެންތިއްކަކުންނެވެ. މި ފެންތިކިން އުފެއްދެވި އިންސާނާ ބޮޑާވެ ކިބުރުވެރިވެ، އޭނާގެ ހިތަކީ ހިލަގަނޑަކަށްވުރެ ހަރު އެއްޗަކަށް ހަދާ ﷲގެ ދީނާއި ދެކޮޅުވެރިވެ ހަދައެވެ.

( يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ ﴿٧﴾ ) މިފެންތިކި ނިކުންނަނީ އިންސާނާގެ ބުރިކައްޓާއި މޭކަށިގަނޑާއި ދެމެދުންނެވެ.

(إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ ﴿٨﴾)

(إِنَّهُ ) އެބަހީ ﷲ ސުބްޙާނަހޫ ވަތަޢާލާ.

(رَجْعِهِ  ) އިންސާނާ މަރުވުމަށްފަހު އަލުން ދިރުއްވުމަށް

( لَقَادِرٌ ) ކުޅަދުންވަތަ ވޮޑިގެންވެއެވެ. އެއީ ގިޔާމަތް ދުވަހުގައެވެ. އެދުވަހަކީ (يَوْمَ تُبْلَى السَّرَائِرُ ﴿٩﴾ ) “އިންސާނާގެ ހިތުގައި ފޮރުވާފައިވާހާ ސިއްރުތައް ފާޅުކުރައްވާ ދުވަހެވެ.”

ކުޑަކުޑަ ފެންފޮދަކުން އިންސާނާ އުފެއްދެވި އިލާހު، އިންސާނާ މަރުވުމަށްފަހު އަލުން ދިރުއްވުމަށްވެސް ކުޅަދުންވަންތަ ވޮޑިގެންވެއެވެ. ސޫރަތުއް ރޫމްގެ 27 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ ) މާނައަކީ: ” އަދި އެކަލާނގެއީ (ނެތުމުގެ ތެރެއިން) خلق ތަކުން އަލަށް އުފައްދަވައި ދެން އަލުން އެ إعادة ކުރައްވާ ރަސްކަލާނގެއެވެ. އެކަމަކީ، އެކަލާނގެއަށް ލުއިފަސޭހަ ކަމެކެވެ.”

( يَوْمَ تُبْلَى السَّرَائِرُ ﴿٩﴾  ) ގިޔާމަތް ދުވަހުގައި ހިތުގައި ފޮރުވާފައިވާ ކަންތައްތަކާއި މެދުގައި އިމްތިޙާނު ކުރެވޭނެއެވެ. ދުނިޔެމަތީގައި ޙިސާބު ކުރެވެނީ ބޭރުފުށަށް ފެންނަން ހުންނަ ކަންތައްތަކުގައެވެ. އެހެންވެ، މުނާފިގުންނާއި ދޭތެރޭވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރައްވާފައިވަނީ މުސްލިމުންނޭ އެއްގޮތަށެވެ. އެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ އިޛްނަ އަށް އެދުމުން ޖަވާބުގައި ޙަދީޘް ކުރެއްވި ކަމަށް ވާރިދުވެފައިވެއެވެ. (لا يَتَحَدَّثُ النَّاسُ أَنَّ مُحَمَّدًا يَقْتُلُ أَصْحَابَهُ  )[3] މާނައަކީ: “މީސްތަކުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަޞްޙާބުން ގަތުލު ކުރައްވަނީ ކަމަށް ބުނެފާނެއެވެ.”  އެކަލޭގެފާނަށް މުނާފިގުންނަކީ ކޮބައިކަން އެނގިވަޑައިގަންނަވާ އިރުގައިވެސް މުޢާމަލާތް ކުރައްވާފައި ހުރީ ބޭރުފުށަށެވެ. ސަބަބަކީ ދުނިޔެމަތީގައި ޙުކުމް ކުރެވޭނީ ބޭރުފުށަށް ބަލައިގެންނެވެ. އެތެރެއަށް ޙުކުމް ކުރާން އޮތް ތަނަކީ އާޚިރަތެވެ.”  އެހެންކަމުން، އިންސާނާގެ ހިތް ރަގަޅުކޮށް ޠާހިރު ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެކަމެކެވެ.

(فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ ﴿١٠﴾  ) އެދުވަހުން އިންސާނާ ޙިމާޔަތް ކޮށްދޭނެ ބާރެއް، ނުވަތަ ނަޞްރުދޭނެ މީހަކު ނުވެއެވެ. އެދުވަހުން ފައިސާ އަކުން ގާތްތިމާގެ މީހަކުން ފައިދާ އެއް ނުކުރާނެއެވެ. އެދުވަހުން ފައިދާކުރާނީ ސަލާމަތް ހިތަކާއިގެން ﷲގެ ޙަޟްރަތަށް އައި މީހަކަށެވެ.

( وَالسَّمَاءِ ذَاتِ الرَّجْعِ ﴿١١﴾  )

( الرَّجْعِ ) މުރާދަކީ ވާރޭއެވެ. ވާރޭވެއްސަވާ އުޑު ގަންދެއްވާ ހުވާ ވަޙީ ކުރައްވައެވެ.

( وَالْأَرْضِ ذَاتِ الصَّدْعِ ﴿١٢﴾ )

( الصَّدْعِ ) އަކީ ފަޅައިގެން ދިޔުމެވެ. ބިންގަނޑުން ގަސްފެޅުއްވުމަށް ޓަކައި ބިންގަނޑު ފެޅުއްވިއެވެ.

ގަސްފެޅުމުގެ އަޞްލެއް ކަމުގައިވާ ވާރޭ ގަންދެއްވާ ހުވާ ވަޙީ ކުރެއްވިއެވެ. އަދި އެތަނަކުން ގަސްފަޅުއްވާ ބިން ގަންދެއްވާ ހުވާ ވަޙީ ކުރެއްވިއެވެ. މިއިން އިޝާރާތް ކޮށްދެއްވަނީ ބިންގަނޑު މަރުވުމަށްފަހު އަލުން ދިރުއްވާނެ ކަމެވެ. ހިތްތައް މަރުވުމަށްފަހުގައި އެޔަށް ދިރުން ގެނެސްދެނީ ގުރްއާނެވެ. ސޫރަތުއް ޝޫރާގެ 52 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَكَذَٰلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا ) މާނައަކީ: ” އަދި ހަމައެފަދައިން ތިމަންރަސްކަލާނގެ أمر ފުޅުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ قرآن وحى ކުރެއްވީމެވެ.”

ގުރްއާނަށް “ރޫޙު” ގެ ނަން ދެއްވާފައިވަނީ އެއިން މަރުވެފައިވާ ހިތްތައް ދިރުއްވާތީވެއެވެ.

(إِنَّهُ لَقَوْلٌ فَصْلٌ ﴿١٣﴾  ) ﷲ ގުރްއާން ޞިފަ ކުރައްވާފައިވަނީ “ފަޞްލު” ނުވަތަ “ފަހު ބަސް” ކަމުގައެވެ. އެއީ ﷲ ޖިބްރީލް ޢަލައިހިއްސަލާމް މެދުވެރި ކުރައްވާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ބާވާލެއްވި އެކަލާންގެ ކަލާމްފުޅެވެ. ގުރްއާނަކީ ޙައްގާއި ބާޠިލް ވަކިކޮށްދެނިވި ފޮތެވެ.

(وما هو بالهزل  ) އެ ގުރްއާނަކީ ކުޅޭކުޅޭ އެއްޗެއް ނޫނެވެ. ބޭކާރު ވާހަކަތަކެއްވެސް ނޫނެވެ. އަދިކިއެއްތަ، އެއީ ޙައްގު ބަހެވެ. އޭގައިވާ ހުރިހާ ޚަބަރުތަކަކީ ތެދު ޚަބަރުތަކެވެ. ޙުކުމް ތަކަކީ ޢަދުލުވެރި ޙުކުމްތަކެވެ. ކިޔެވުމަކީ އަޖްރު ލިބޭނެ ކަމަކެވެ.

( إنهم يكيدون كيدا ) މުޝްރިކުން ރަސޫލާ އާއި އެކަލޭގެފާނަށް ތަބަޢަވީ  މަކަރުވެރި ރޭވުންތައް ރާވާ ހަދައެވެ. ގޯނާ އާއި އަނިޔާކޮށް ހަދައެވެ. އެކަންތައްތަކުން ސަލާމަތްވުމަށް ޓަކައި މުސްލިމުން މައްކާ ދޫކޮށް ހިޖްރަ ކުރަން ޖެހުނެވެ. ދެފަހަރުމަތިން ޙަބަޝާ އަށެވެ. އަނެއް ފަހަރު މަދީނާ އަށެވެ. މިއީ އެބޭކަލުން ދީނަށް ޓަކައި ވެވަޑައިގެންނެވި ބޮޑު ގުރްބާނީ އެކެވެ.

ކާފަރުން މުސްލިމުންނަށް ކުރަމުން ގެންދިޔަ އަނިޔާތަކުގެ ތެރޭގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގަތުލު ކުރަންވެސް ނިންމިއެވެ. އެގޮތުން އެކަލޭގެފާނު ގަތުލު ކުރުމަށް ޓަކައި ކަނޑި އުރައިން ދަމައިގަނެގެން އެކަލޭގެފާނުގެ ގަނޑުވަރުގެ ގާތުގައި އެބައިމީހުން ތިއްބެވެ. ނަމަވެސް އެމީހުން އެތަނުގައި ނިދިޖެހިފައި ތިއްބާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގަނޑުވަރުން ނިކުމެވަޑައިގެން އެމީހުންގެ ބޮލަށް ވެލިޖެއްސެވުމަށްފަހުގައި މަދީނާ އަށް ހިޖްރަ އަށް ވަޑައިގަތީއެވެ. އެމީހުންނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނިކުމެވަޑައިގެންނެވި ކަން އިޙްސާސްވެސް ނުކުރެވުނެވެ. އެކަން ބަޔާން ކުރައްވާ ސޫރަތު ޔާސީންގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وجعلنا من بين أيديهم سدا ومن خلفهم سدا فأغشيناهم فهم لا يبصرون  ) މާނައަކީ: “އަދި ތިމަންރަސްކަލާންގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ.”

(وأكيد كيدا  ) ތިމަން ﷲ ވެސް ރޭވުމެއް ރާއްވަވަމެވެ. އެގޮތަކީ އެއަނިޔާވެރިންނަށް މުހްލަތެއް ދެއްވަނީއެވެ. އެއަށްފަހު އެބައިމީހުން ތައުބާ ނުވެއްޖެނަމަ ގަދަފަދަވެގެންވާ ޢަޛާބު ދެއްވަނީއެވެ.

(فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا ﴿١٧﴾)

(فَمَهِّلِ الْكَافِرِينَ  ) ކާފިރުވީ މީހުންނަށް ކުޑަކުޑަ މުހްލަތެއް ދެއްވާށެވެ. އެބައިމީހުންގެ މައްޗަށް ﷲ ގެ ކޯފާ އާއި ޢަޛާބު ނުފޮނުއްވައިގެން އަވަސް އަރައި ނުގަންނަވާށެވެ. އެމީހުންގެ ނިމުން އަންނާނެ ގޮތް ބަލަން ތިއްބަވާށެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާ ދޫކުރައްވާ މަދީނާ އަށް ހިޖްރަ އަށް ވަޑައިގަތެވެ. އަދި އެއަށްފަހުގައި އެކަލޭގެފާނާއި އެބައިމީހުންނާއި ދެމެދުގައި ހަނގުރާމަ ހިނގިއެވެ. ހިޖްރައިން ދެވަނަ އަހަރުގައި ހިނގި ހަނުގުރާމާގައި ގުރައިޝުންގެ ބޮޑުންގެ ތެރެއިން 24 މީހުން ގަތުލުވިއެވެ. އޭގެތެރޭގައި އެމީހުންގެ އެންމެ އިސްކޮށްހުރި އަބޫޖަހުލުވެސް ގަތުލުވިއެވެ. އޭގެ އަށް އަހަރާ ގާތްވެފައިވަނިކޮށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާ ފަތަޙަ ކުރައްވާ މައްކާ އަށް ވަދެވަޑައިގަތެވެ. މިގޮތުން އެކަލޭގެފާނާއި އެކަލޭގެފާނަށް ތަބަޢަވީ މީސްތަކުންނަށް ބޮޑުވެގެންވާ ނަޞްރާއި ކާމިޔާބީ ލިބުނެވެ.

 

[1]  صحيح البخاري » كِتَاب الشَّهَادَاتِ » بَاب كَيْفَ يُسْتَحْلَفُ، رقم الحديث: 2495

[2]  المستدرك على الصحيحين، رقم الحديث: 7880

[3]  تاريخ المدينة لابن شبة » مَا جَاءَ فِي ثَنِيَّةِ الْوَدَاعِ وَسَبَبِ مَا سُمِّيَتْ … » خَبَرُ عَبْدِ اللَّهِ بْنِ أُبَيٍّ ابْنُ سَلُولٍ، رقم الحديث: 662

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *