ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން އިނގިރޭސިވިލާތުގެ 375 މިސްކިތެއްގައި ޖަމާޢަތުގައި ނަމާދުކުރުން މެދު ކަނޑާލައިފިއެވެ.
މިކަމާއި ގުޅެގޮތުން އެޤައުމުގެ މުސްލިމް ކައުންސިލްއިން ބުނެފައިވައިނީ ހުކުރުނަމާދުވެސް ހިމެނޭ ގޮތަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވާ ކަމަށާއި އެގޮތުން މިސްކިތްތަކާއި ކޮމިއުނިޓީ ސެންޓަރުތަކުގައި ޖަމާއާތުގައި ނަމާދުކުރުމުގެ އިތުރުން ގިނަ މީހުން އެއްވެގެން ބާއްވާ ކައިވެނި ހަފްލާތައް ފަދަ ކަންކަންވެސް ވައިރަހާއި ގުޅިގެން މެދުކަނޑާލާފައިވާ ކަމަށެވެ.
މިނިންމުމާއެކު އިނގިރޭސިވިލާތުގެ ބޮޑެތި މިސްކިތްތަކުގައިވެސް ޖަމާޢަތުގައި ނަމާދުކުރުން މެދުކެނޑިގެންދާނެއެވެ. އެގޮތުން 7000 މީހުންގެ ޖާގައިގެ އީސްޓް ލަންޑަން މިސްކިތާއި 5000 މީހުންގެ ޖާގައިގެ ލަންޑަން ސެންޓްރަލް މިސްކިތުގައިވެސް ޖަމާޢަތުގައި ނަމާދުކުރުން މެދުކެނޑިގެންދާނެއެވެ.
މުސްލިމް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަކް ހާރޫން ޚާން ވިދާޅުވެފައިވަނީ ނުރައްކާތަކުން މީސްތަކުން ސަލާމަތްކުރުމަކީ ދީނީ ގޮތުންވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ނަމާދުގެ ޖަމާޢަތް މެދުކަނޑާލަން ނިންމީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށެވެ.
އިނގިރޭސިވިލާތުން މިހާތަނަށް 177 މީހަކުވަނީ ކޮވިޑް 19 އަށް ފައްސިވެފައެވެ.
ޚިޔާލު