ޝަހާދަތް ކިޔާ ކޮންމެ މީހަކު ސުވަރުގެ ވަންނާނެތަ؟
އަޅުގަނޑުމެން އެންމެ ކުޑައިރުއްސުރެ އަހަމުން މި އަންނަނީ لا إله إلا الله މި ކަލިމަފުޅު ކިޔުމުން އަހަރެމެން ކޮންމެވެސް ދުވަހަކުން ސުވަރުގެ ވަންނާނެ ކަމެވެ. މިބުނުމަށް ވިސްނާލަމާތޯއެވެ؟
ޙަޤީޤަތުގައި މި ބުނުމަކީ ވަރަށް ނުބައި ބުނުމެކެވެ. އެހެނީ އޭނާ، ތިމަންނަ ﷲ ސުވަރުގެ ވައްދަވަންދެން ނަރަކައިގެ އަލިފާނުގައި ދުވަސްކޮޅަކު ކެތްކޮށްލާފާނަމޭ ބުނާ ކަހަލައެވެ. ނަރަކައިގައި އެންމެ ހިނދުކޮޅަކުވެސް އަޅުގަނޑުމެންނަށް ކެތްކުރެވޭނެތޯއެވެ؟
މިފަދަ ބަސްތައް ބުނެހަދާ މީހުންނާ ބެހޭގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿ فَمَا أَصْبَرَهُمْ عَلَى النَّارِ﴾
މާނައީ؛ "ނަރަކައިގެ މައްޗަށް އެމީހުން އެހެރަ ކެތްކޮށްލާވަރު ބަލައިބަލާށެވެ!"
ހަމައެކަނި ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔާލުމުން އަޅުގަނޑުމެން ސުވަރުގެ ވަންނާނެތޯއެވެ؟ ރަސޫލުﷲ ﷺ އެ ކަލިމަފުޅު މީސްތަކުންނަށް ހުށަހެޅުއްވުމުގައި 13 އަހަރު މައްކާގައި ހޭދަކުރެއްވިއެވެ. އެކަލޭގެފާނު ގޮވާލެއްވިއެވެ. قولوا لا اله الا الله تفلحوا މާނައީ؛ "ތިޔަބައިމީހުން لا اله الا الله ކިޔާށެވެ! ތިޔަބައިމީހުން ކާމިޔާބުވާނެއެވެ!" ހަމައެކަނި އެކަލިމަފުޅު ދުލުން ކިޔާލުމުން ކާމިޔާބުވާނެ ނަމަ މައްކާގެ މުޝްރިކުން އެކަލިމަފުޅު ނުކިޔަންވީ ކީއްވެގެންތޯއެވެ؟
ރަސޫލުﷲ ﷺ ތުއްޕުޅު އިރު ބަލާބޮޑުކުރެއްވި އަދި މުޝްރިކުންގެ ކުރިމަތީގައި އެކަލޭގެފާނުގެ ދިފާޢުގައި އައްޑަނައެއްގެ ގޮތުގައި ޘާބިތުވެ ހުންނެވި އެކަލޭގެފާނު އެންމެ ލޯބިވެވަޑައިގަންނަވާ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނު މަރަށް ޙާޟިރުވެފައި އޮތް ވަގުތުގައި ރަސޫލުﷲ ﷺ އަބޫ ޠާލިބުގެފާނު އިސްލާމްވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އަދި އެކަލިމަފުޅު ހުށަހެޅުއްވިއެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުގެ އަރިހުން އެކަލިމަފުޅު ވިދާޅުވުމަށް އެދިވަޑައިގަތެވެ. ހަމަ އެވަގުތު އަބޫ ޠާލިބުގެފާނުގެ އަރިހުގައި އަބޫޖަހުލާއި މައްކާގެ މުޝްރިކުންގެ ބޮޑުބޮޑެތިން ތިއްބެވެ. އެމީހުން ބުންޏެވެ. "ކަލޭގެފާނު އެންމެ ފަހު ވަގުތު ކަލޭގެފާނުގެ ކާބަފައިންގެ ދީން ދޫކޮށްލާނީ ހެއްޔެވެ؟" އަބޫ ޠާލިބުގެފާނަށް އެންމެ ފަހު ވަގުތު އެކަލިމަފުޅު ކިޔައިގެން ސަލާމަތްވެވޭނެކަން އެނގޭނަމަ އެކަލޭގެފާނު އެކަލިމަފުޅު ނުކިޔަންވީ ކީއްވެގެންތޯއެވެ؟ އެކަލޭގެފާނު އެންމެ ފަހު ވަގުތު ވެސް ވިދާޅުވީ ތިމަންނަ މަރުވެގެން ދަނީ ޢަބްދުލް މުއްޠަލިބުގެ މިއްލަތުގައި ކަމެވެ. މިޙާދިޘާ އަށް ރިޢާޔަތްކޮށް ޢިލްމުވެރިން ބުނެއުޅެތެވެ. " لا اله الا الله ގެ މާނަ އަބޫ ޖަހުލަށް އެނގުނު ވަރަށް ނޭނގިއްޖެ މުސްލިމަކަށް ހިތާމަހުއްޓެވެ." އެހެނީ އެކަލިމަ ކިޔުމާ ވިދިގެން ތިމާ ކުރަންޖެހޭނެ ކަންތައްތަކެއް ހުންނާނެކަން އަބޫ ޖަހުލަށް އެނގެއެވެ. ބަހައްޓަންޖެހޭ ޢަޤީދާ އޭނާއަށް ވިސްނެއެވެ. އެހެންވެގެން އޭނަ އެކަލިމައެއް ނުކިޔައެވެ. މިއަދު އަޅުގަނޑުމެން އެކަލިމަ ހަމައެކަނި ދުލުން ކިޔާލައިގެން ފުދޭނީ ކިހިނެއްތޯއެވެ؟ ﷲ ބާވައިލެއްވި ދީން ބާވައިލެއްވީ މިކަލިމަފުޅުގެ މައްޗަށެވެ. ވީމާ އަޅުގަނޑުމެން ދުލުން ހަމައެކަނި ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ފުދޭނެކަމަށް ދެއްކުމަކީ ޝައިޠާނާގެ ވަރަށް ބޮޑު މަޅިއެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ނަރަކައިގެ އެންމެ އަޑީގައި ލައްވާފައިވާ މީހުންނަކީ ވެސް މިކަލިމަ ކިޔައިގެން ތިބި ބަޔެއްކަން އަޅުގަނޑުމެން ވިސްނާލަންޖެހެއެވެ.
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. މާނައީ؛" މީހެއްގެ ޢަމަލުތައް ކިރައިލެވޭނެއެވެ. އޭނާގެ ނުބައި ޢަމަލުގެ ތިލަފަތް ބަރުވެގެންދާނެއެވެ. ފަރުބަދަތައްވަރުގެ ނުބައިކަންތައްތައް އޭނާގެ ނުބައިކަމުގެ ތިލަފަތަށް އެޅި ބަރުވެގެންދާނެއެވެ. އިރުކޮޅަކުން ކަރުދާސްކޮޅެއް ނެރެވޭނެއެވެ. ބިޠާޤާއެވެ. އެހިނދު އޭނާ އިސްދަށަށް ޖަހައިފައި އޭނާ ދަންނަވާނެއެވެ. ތިމަންނަ ކޮށްފައި ހުރި ނުބައިކަންތަކާއި އަޅާބަލާއިރު އޭގައި ހުންނާނީ ކޮން ބުރަދަނެއްތޯއެވެ؟ ﷲ ވަޙީކުރައްވާނެއެވެ. لا ظلم اليوم މާނައީ؛"މިއަދު އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭނެއެވެ." މިއަދަކީ ޢަދުލު އިންސާފުގެ ދުވަހެވެ. އެއްކަލަ ކަރުދާސް ކޮޅު އެތިލަފަތަށް ވައްޓާލެވޭނެއެވެ. ހަމަ ވައްޓާލުމާއެކު އެއްކަލަ ނުބައިކަންތައްތައް މައްޗަށް އަރައިގެން ގޮސް ހެޔޮކަމުގެ ތިލަފަތަށް ބަރުވެގެން ދާނެއެވެ. އެމީހާ ވެސް ސިއްސައިގެން ގޮސް ﷲ އަށް ދަންނަވާނެއެވެ. އެއީ ކޯއްޗެއްބާއްވައެވެ؟ ތިމަންނަ އެހާވަރުގެ ހެޔޮކަމެއް ކޮށްފައެއްނެތެވެ. ބަލާލެވޭ އިރުގައި لا اله الا الله އެކަލިމަފުޅެވެ. އެ މީހާއަކީ އެކަލިމަފުޅު ރަނގަޅު ގޮތުގައި ކިޔައިގެން ހުރި މީހެކެވެ. އެކަލިމަފުޅުގެ ބަރުދަން ނިކަން ބައްލަވާށެވެ! އެފަދަ ބަރުދަން ހުރި ކަލިމައެއް އަޅުގަނޑުމެން ހަމައެކަނި ދުލުން ކިޔައިގެން ކަމުދާނީ ކިހިނެއްތޯއެވެ؟ އެކަލިމަފުޅަކީ އަޅުގަނޑުމެން އިސްލާމްވުމަށް ޓަކައި ދުލުން ކިޔާ ކަލިމައެކެވެ. މިކަލިމަ ދުލުން ކިޔުމަކީ އިސްލާމްކަމުގެ ފުރަތަމަ ރުކުނެވެ. މި ކަލިމަފުޅަށް ޢަމަލުކޮށް މި ކަލިމަފުޅާމެދުގައި އަޅުގަނޑުމެންގެ ޢަޤީދާ ރަނގަޅުކޮށް މި ކަލިމަފުޅަށް އީމާންވުން އެއީ އީމާންކަމުގެ ތެރެއިން ހިމެނޭކަމެކެވެ. އަދި އެއީ އީމާންކަމުގެ ދެރުކުނުގެ މައްޗަށް ބިނާވެގެންދާ ކަމެކެވެ. އެއީ ﷲ އަށް އީމާންވުމާއި ރަސޫލާއަށް އީމާންވުމެވެ. ކަލިމަފުޅު ދުލުން ކިޔުމަކީ އިސްލާމްކަމުގެ ރުކުނެކެވެ. ވީމާ, މިކަލިމަފުޅުގައި ތިން ވާޖިބެއް އެބަ އާދެއެވެ. ޢިލްމުވެރިން ވިދާޅުވަނީ قول باللسان وتصديق بالجنان وعمل بالاركان މާނައީ؛"އެއީ ދުލުން ކިޔުން، ހިތުން ތަސްދީޤްކުރުން އަދި ގުނަވަންތަކުން ޢަމަލުކުރުމެވެ.” އެހެންކަމުން އަޅުގަނޑުމެން ޢަޤީދާ ބިނާކުރުމަށްފަހު އޭގެ މައްޗަށް ޢަމަލުނުކުރާހާ ހިނދަކު އަޅުގަނޑުމެންނަކަށް ސަލާމަތްކަމެއް ނުއޮންނާނެއެވެ.
ކީރިތި ޤުރްއާނުގައި އީމާންކަމުގެ ވާހަކަ އައިސްފައިވާ ކޮންމެ ތަނެއްގައި ޞާލިޙް ޢަމަލުގެ ވާހަކަ އައިސްފައިވެއެވެ. ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ.
﴿الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ﴾
"އީމާންވެ ޞާލިޙު ޢަމަލު ކުރި މީހުން..."
އީމާން ވުމަށް ފަހު ޞޯލިޙު ޢަމަލު އެބަ އާދެއެވެ. ހެޔޮ ޢަމަލާއި ނުލާ އަޅުގަނޑުމެންގެ އީމާންކަން ރަނގަޅުނުވާނެއެވެ. އެހެން ކަމުން ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ.
﴿إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ﴾
މާނައީ؛” ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللَّه އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް ملائكة ން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް وعد ކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ خبر ލިބިގަންނާށެވެ!”
މިއާޔަތުގައި ﷲ އަންގަވަނީ ހަމައެކަނި ދުލުން ކިޔާލުމަކުން ނުފުދޭނެކަމެވެ. އިސްތިޤާމަތު އިންނަން އެބަ ޖެހެއެވެ. ކަލިމައިގައި ޘާބިތުވެ ޤާއިމްވާންޖެހެއެވެ. އެއަށް ޢަމަލުކުރަންޖެހެއެވެ.
އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ މައްޗަށް މިކަލިމަފުޅު ވާޖިބުކުރާ ކަންތައް ދެނެގަތުމާއި މިކަލިމަފުޅުގެ ޝަރުތުތައް ދެނެގަތުން ވާޖިބުވެގެންވެއެވެ. އެޝަރުތުތައް ދެނެގަނެ އެއާ އެއްގޮތަށް ޢަމަލުކޮށްފިކަމުގައިވާނަމަ ޝައްކެއްވެސް ނެތް ގޮތުގައި އޭނާ ސުވަރުގެ ވަންނާނެއެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...