ކޮލަމިސްޓްދީންސުވާލާއި ޖަވާބު

ގައިންގަޔަށް އަރާ ބައްޔެއް ޖެހިގެން މަރުވާ މީހާ ހިނަވައި ކަފުންކޮށް ކަށުނަމާދު ކުރާނެ ގޮތް!

ކޮރޯނާވައިރަސް (ކޮވިޑް 19) ފަދަ ގައިން ގަޔަށް އަރާ ބައްޔެއް ޖެހިގެން މަރުވާ މީހާ ހިނަވައި ކަފުންކޮށް ކަށު ނަމާދު ކުރާނެ ގޮތަކާ ބެހޭގޮތުން އަޅުގަނޑަށް އައިސްފައިވާ ސުވާލެއްގެ ޖަވާބުގައި ދަންނަވަމެވެ.

އިސްލާމްދީނުގައިވާގޮތުން ކޮންމެ މުސްލިމު އިންސާނަކު މަރުވުމުން އޭނާ ހިނަވައި ކަފުންކޮށް އޭނާގެ މައްޗަށް ކަށުނަމާދުކޮށް ވަޅުލުމަކީ ވާޖިބުވެގެންވާ ކަމެކެވެ. އެއީ ކިފާޔަތުގެ ފަރުޟެކެވެ.

ނަމަވެސް މައްޔިތާ ހިނެވުން ޢުޒުރުވެރިވާ ޙާލަތުތައް ވެއެވެ. އެއީ މައްޔިތާއަކީ އަލިފާނުގެ ޙާދިސާއެއްގައި މަރުވެ ވަރަށް ބޮޑަށް ފިހިފައިވާ މީހަކަށް ވުމާއި ޖުޒާމްބަލި ނުވަތަ ޠާޢޫން (ގައިންގަޔަށް އަރައި ފެތުރޭ) ބައްޔެއްޖެހިގެން މަރުވެފައިވާ މީހަކަށް ވުމާއި މި ނޫންވެސް ބައެއް އެހެން ސަބަބުތައްވެއެވެ.

މިފަދަ ޙާލަތުގައިވެސް އެ މައްޔިތަކު ހިނެވުމާމެދު ގޮތެެއް ނިންމާނީ ކަމާ ބެހޭ ޑޮކްޓަރުނެވެ. އެ މައްޔިތަކު ހިނެވުމުގެ ސަބަބުން މެދުވެރިވެދާނެ ކަންކަމަށް ބަލައި ނުހިނަވައި ކަފުންކުރުން ޖާއިޒު ވެގެންވެއެެވެ.

ފަހެ، ގައިންގަޔަށް އަރާ ބައްޔެއްޖެހިގެން މަރުވާ މީހާ އޮތީ ހިނެވޭ ފަދަ ޙާލަތެއްގައި ނަމަ ކަންކުރަންވީ ގޮތް ދަންނާށެވެ. އޭނާ ހިނެވުމުގައި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅަންޖެހެއެވެ. ހިނަވާ މީހާ ހުންނަންވާނީ މެޑިކަލް ހެދުމެއްގައެވެ. ( ވައިރަހުން ސަލާމަތްވުމަށް އެފަދަ މީހުންގެ ގާތުގައި އުޅޭ އިރު ލާހެދުން).
މައްޔިތާގެ ގަޔަށް ފެން އަޅައި ހިނެވުމަށްޓަކައި އޭނާގެ ހަށިގަނޑުގައި އަތް ހޭކުމަކީ ރައްކާތެރިކަން ހުރި ކަމެއް ނޫން ނަމަ، ހަމަ އެކަނި ހަށިގަނޑަށް ފެން އަޅާލުމުން (އޮއްސާލުމުން) ފުދޭނެއެވެ. އަތް ހާކަން ނުޖެހޭނެއެވެ. ކޮންވެސް އެހެން ގޮތަކުން ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އަޅާނީއެވެ. ކޮންމެހެން ފުށުން ޖެހުމެއްވެސް ލާޒިމު ވެގެން ނުވެއެވެ. ހިނެވުމަށްޓަކައި މައްޔިތާގެ ހެދުން ބޭލުން ރައްކާތެރި ނޫން ނަމަ ހެދުމުގައި ބާއްވައިގެން ހިނެވިދާނެއެެވެ. ފެން އެޅުން ވެސް ރައްކާތެރި ނޫން ނަމަ ތަޔައްމުމު ކޮށްލުވާނީއެވެ. ހިނެވުމާއި، ފެންއެޅުމާއި ތަޔައްމުމު ކުރުވުން ވެސް އުޒުރުވެރިވެއްޖެ ޙާލަތުގައި މައްޔިތާ ހިނެވުމެއް ނެތެވެ.

މައްޔިތާ ރަނގަޅަށް ކަފުން ކުރެވެންވާނެއެވެ. އޭނާގެ ހަށިގަނޑުން އެއްޗެެއް ދިޔައިވެގެން ނުފައިބާ ވަރަށް ރަނގަޅަށް ކަފުން ކުރަންވާނެއެވެ. ކަފުންކުރުމަށް ފަހު އެއްޗެއް ބޭރުވެދާނެ ކަމަށް ބެލެވޭ ނަމަ ކަފަނުގެ ބޭރުން ރައްކާތެރިކަމުގެ ކަވަރ އެއް ލެއްވިދާނެއެވެ.

ގައިންގަޔަށް އަރާ ބައްޔެއް ޖެހިގެން މަރުވޭފައިވާ މައްޔިތަކަށް ޖަމާތަކެއްގައި މިސްކިތެެއްގައި ނޫނަސް ކަށު ނަމާދު ކުރެވިދާނެއެވެ. ކޮންމެ ތަނެއްގައިވެސް ކަށު ނަމާދު ކުރެވޭނެއެވެ. ހޮސްޕިޓަލުގައިވެސް ކުރެވިދާނެއެވެ. ހަމަ އެކަނި އެންމެ 2 މީހަކު ތިބެގެން ވެސް ކަށު ނަމާދުކުރެވިދާނެއެވެ. އެއީ ފިޤުޙީ ނަޒަރުން ބަލާއިރު ޖަމާޢަތުގެ އެންމެ ކުޑަމިނެވެ. ނުވަތަ ހަށިގަނޑު ދުރުގައި ބާއްވައިގެން ވެސް ހުސްތަނެއްގައި ކަށުނާމާދު ކުރެވިދާނެއެވެ. ވަބާ ފެތުރިދާނެ ކަމުގެ ބިރަށް ކަށު ނަމާދުގައި ބައިވެރި ނުވެވޭ މީހާ، މައްޔިތާ ވަޅުލެވުމަށް ފަހު، ޤަބުރު ކައިރީގައި ވަކިވަކިން ފަރުދީގޮތުން ވެސް ކުރެވިދާނެއެވެ. މިގޮތުން ވަޅުލެވޭ މައްޔިތާ އަށް، އޭނާގެ ޢާއިލާގެ މީހުން ޣައިބަށް ކަށު ނަމާދު ކުރުން ވެސް ހުއްދައެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި މިފަދަ މައްޔިތަކު ހިނެވުމާއި ކަފުން ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން އެންމެ ރަނގަޅީ ޞިއްޙީ މާހިރުންނެވެ. އަދި އެފަދަ މާޙައުލެއްގައެވެ. އެއީ ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުންނެވެ.

އިސްލާމްދީނަކީ ލުއި ފަސޭހަ ދީނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެެއެވެ. (يُرِيدُ الله بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ) (البقرة: 185) މާނައީ : اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.

އަދި ވެސް ﷲ ވަޙީކުރައްވާފައިވެއެވެ.( فَاتَّقُوا الله مَا اسْتَطَعْتُمْ) (التغابن 16 މާނައި : ތިޔަބައި މީހުންނަށް ކުޅަދާނަކަންލިބިގެންވީ މިންވަރަކުން ﷲ އަށް ތަޤުވާވެރިވާށެވެ

މީގެ އިތުރުން ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރައްވާފައިވެއެވެ. (ما أمرتكم به فأتوا منه ما استطعتم) މާނައީ: ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އަމުރުކުރައްވާފައިވާ ކަންކަން ތިޔަބައިމީހުންނަށް ކުޅަދާނަކަންލިބިގެންވާ މިންވަރަކުން އަދާކުރާށެވެ.

އިސްވެ ދިޔަ ދަލީލުތަކުން ދޭހަކޮށްދެނީ އިސްލާމްދީނަކީ ލުއި ފަސޭހަ ދީނެއްކަމާއި، ޢުޒުރުތައް މެދުވެރިވެއްޖެ ޙާލަތުގައި ކުޅަދާނަކަން ލިބިގެންވީ ވަރަކުން ވާޖިބުތައް އަދާކުރުމަކީ ﷲ ދެއްވާވައިވާ ލުޔެއްކަމެވެ.

މަޢުލޫމާތުގެ މަޞްދަރު:
ކުވައިތުގެ ދާރުލްއިފްތާއު، މިނިސްޓްރީ އޮފް އައުޤާފު އެންޑް އިސްލާމިކް އެފެއާޒް. ކުވައިތު.
އަލްއަޒްހަރު ފަތުވާ ކައުންސިލް، މިޞްރު

ނޯޓް: އަޅުގަނޑުގެ ޖަވާބަކީ ފިޤުހީ ޖަވާބެކެވެ. ވައިރަސް ހުރި ފަރާތެއް ނިޔާވުން ފަދަ ޙާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ރަސްމީގޮތުން ޢަމަލުކުރަންޖެހޭ ރައުޔަކަށްވާނީ ދިވެހި ދައުލަތުގެ އިސްލާމީ ފަތުވާތަކާބެހޭ ކައުންސިލްގެ ރައުޔެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *