ދީނީ ލިޔުން

ނަސޭހަތް: ޤުރުއާނާއި މެދު ވިސްނާ ފިކުރު ކުރުން

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

އިންސާނުންގެ ޢިލްމާ ޙިލްމުވެރިކަން އިތުރުވެ ސހުނަރާ ފަންނުގައި ކުރި އަރާ ތަޙްޒީބާ ތަރައްޤީއާ ތަމައްދުނުގައި މިއަދު އިންސާނުން ވަނީ ނުހަނު ބޮޑު ކުރިއެރުންތަކެއް ހޯދާފައެވެ. ޢުމްރާނީ ގޮތުން ހެދި ބިނާތައް ވިލާތަކުގެ އުހަށް އުފުލި ބިމު އަޑިއާ ފަރުބަދަތަކާ ކަނޑުއަޑީގައިވެސް މިއަދު މީސްތަކުން މި ވަނީ ދިރިއުޅެން ފަށައިފައެވެ. ބިމުގެ ސަތަހައިގެ ތެރެއިން އިންސާނުން އެބައިމީހުންނަށް ކުޅަދާނަވީ މިންވަރެއްގެ ޢިލްމު ހޯދައި އަތްފުނާ އަޅައި ބަލާ ދިރާސާކޮށް ކާއިނާތުގައިވާ އެހެން ޕްލެނެޓުތަކަށް ވެސް މިއަދު މި ވަނީ ދަތުރު ފަށާފައެވެ. ނަމަވެސް ޙަޤީޤަތަކީ މީގެ 1400 އަހަރު ކުރިން ޢަރަބި ޖަޒީރާގެ ރަށެއްގައި ދިރިއުޅުއްވެވި މިދެކޭ ޒަމާނީ އެއްވެސް ޓެކްނޮލޮޖީއެއް ދެކެފައި ނުވާ އަޅުގަނޑުމެންގެ މާތް ނަބިއްޔާ محمد صلي الله عليه وسلمގެ މައްޗަށް ހަތް އުޑުގެ މަތިން ބާވާލެއްވުނު ކީރިތި ޤުރުއާންގައި ބަޔާންވެފައިވާ ޢިލްމީ ހަޤީޤަތްތައް ހޯދުމުގައި މިއަދުގެ ޒަމާނީ ސައިންސަށް ބޮޑު ހައިރާންކަމެއް ގެނުވާފައިވާކަމެވެ. އެތައް އަހަރެއް ވަންދެން ސައިންސްވެރިންގެ ޖަމާޢަތްތަކުން އެތަކެއް ދިރާސާތަކެއް ތަޙްލީލުތަކެއް ކޮށް ނެރޭ ނަތީޖާ ޤުރުއާނުގައި ނުވަތަ ރަސޫލާ صلي الله عليه وسلمގެ ޙަދީޘް ބަސް ފުޅުގައި ބަޔާންވެފައި ވުމަކީ ޤުރުއާނުގެ މުޢުޖިޒާތެކެވެ. އެ ގޮތުން އޭގެ ތެރެއިން ބައެއް ކަންކަމަށް މި ރިޕޯޓުގައި އަލި އަޅުވާލާނަމެވެ.

އިންސާނުންގެ ތެރެއަށް ތަފާތު ޒަމާނީ އާލާތްތައް ތަޢާރަފުވެ އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިން އެއް ދާއިރާއަކީ ސިއްޙީ ދާއިރާއެވެ. އިންސާނާގެ ހަށިގަނޑުގެ އެތެރެ އެއްވެސް އުނދަގުލަކާ ނުލައި ބަލާލުމާއި ކަށިތައް ހުރި ނެތްގޮތް އާލާތްތަކުގެ އަލީގައި ބެލުމާއި ލޭގެ ތެރޭގައި ދަތުރު ކުރާ ޖަރާސީމު ދެނެގަތުމަށް މިއަދުގެ ސައިންސް މާ ބޮޑު ބުރައެއް އުފުލަން ނުޖެހޭއިރު އަންހެނާގެ ރަޙިމުގައި ދަރިއެއް އުފެދިގެން އަންނަ ގޮތްވެސް ބަލާލުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެހެންކަމުން މިއަދުގެ ސައިންސް ބުނާގޮތުން އަންހެނާގެ ރަޙިމުގައިވާ ބިހާއި ހަމައަށް ވާސިލުވުމަށް އެތަކެއް މިލިއަން ދަރިފަންޏެއް ދަތުރުކުރެއެވެ. އޭގެ ތެރެއިން ބިހުގެ ތެރެއަށް ވާސިލް ވެވެނީ އެންމެ ފަންޏަކަށެވެ. އެއަށްފަހު އެ ދެމެދުގައި ދަރިއަކު އުފެދުމުގެ ނިޒާމު ފެށިގެންދެއެވެ. ފުރަތަމަ މަރުޙަލާގައި ވަނީ ގަނޑު ލޭ ކޮޅެއްގެ ސިފައިގައެވެ. އެއަށްފަހު މަސްކޮޅަކަށް ބަދަލުވެ އަދި އޭގެ ފަހުގައި ކަށި ލައްވަވައެވެ. އޭގެ ފަހުގައި ކަށީގައި މަސްލައްވަވާ ކުއްޖާގެ ސޫރަ ފުރިހަމަ ކުރައްވަވައެވެ. މި ހަޤީޤަތް މި ތަރުތީބުން ކީރިތި ޤުރްއާނުގައި ވަނީ ބަޔާން ކުރައްވާފައެވެ.

﴿ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ﴾ [سورة المؤمنون: 14]

އެ ގޮތުން މި އާޔާތުގައި އެންމެ ފުރަތަމަ އެ ވަނީ ޢަލަޤާއެއް ނުވަތަ ގަނޑު ލޭ ކޮޅެއްގެ ގޮތުގައި ކުއްޖާ ލައްވަވާ ކަމުގައެވެ. ޢަރަބި ބަހުގައި ޢަލަޤާގެ މާނަ ތިން ގޮތަކަށް ކުރެވެއެވެ. އެއީ ހަފާލެވިފައިވާ ޗުއިންގަމެއް ނުވަތަ ލީޗް ނުވަތަ އެލުވިފައިވާ އެއްޗެއްގެ ގޮތުގައެވެ. އެ ގޮތުން ޢަލަޤާއެއްގެ ގޮތުގައި ވާއިރު މި ތިން ޙާލަތާވެސް ދިމާވެއެވެ. މިފަދަ ޢިލްމީ ޙަޤީޤަތެއް މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ބަޔާންވެފައި ވާއިރު މި ޤުރުއާނާއި މެދު އަޅުގަނޑުމެން ވިސްނާ ފިކުރު ކުރަން ނުވޭތޯ؟

ދެން މި ރިޕޯޓުގައި ބަލާލާނީ ހެޔޮ ފެނުގެ ކޯރާއި ލޮނު ފެނުގެ ކަނޑު އެކަތި އަނެކަތީގެ މައްޗަށް ގަދަވުމެއް އަރާރުމެއް ނެތި ލައްވަވާފައިވާ އަޖައިބުން ފުރިގެންވާ ނިޒާމަށެވެ. ތަފާތު ގިނަ ދިރާސާތަކަކަށްފަހު ސައިންސްވެރިންނަށް އަދި އަދަށް ދާންދެންވެސް މި ކަމުގައި ސާފު ޖަވާބެއް ހޯދިފައި ނުވެއެވެ. އެ ގޮތުން މަޢުނަވީ ނުވަތަ ޙިއްސީ ވިއަސް ކޮންމެވެސް ހުރަހެއް އެ ދެމެދުގައި ވާކަމަށް މިއަދުގެ ސައިންސް ވަނީ ވަނީ އިއްތިފާޤުވެފައެވެ. މިދެ މަޚްލޫޤު އެކު ނުވެ ވަކި ޙުދޫދެއްގެ ތެރޭގައި އޮތުމަށް ލާޒިމް ކުރީ ކޮންކަމެއްތޯ؟ އާދެ ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަލް-ފުރްޤާނު ސޫރަތުގައި ބަޔާން ކުރައްވާފައިވަނީ މިފަދައިން:

﴿ وَهُوَ الَّذِي مَرَجَ الْبَحْرَيْنِ هَٰذَا عَذْبٌ فُرَاتٌ وَهَٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَّحْجُورًا﴾ [سورة الفرقان: 53]

ރަސޫލާ صلي الله عليه وسلم ދިރިއުޅުއްވި ރަށްކޮޅުން މިފަދަ ކަނޑެއް އެކަލޭގެފާނަށް ފެނިވަޑައިގަތުމުގެ ފުރުސަތެއް ނެތްއިރު ދުނިޔޭގެ ނިސްބަތުންވެސް މިފަދަ ކަނޑުތައް މަދުއިރު ޤުރްއާނަކީ ރަސޫލާ صلي الله عليه وسلم އަމިއްލަފުޅަށް ގެންނެވި އެއްޗެއް ކަމުގައި ވާނަމަ މިފަދަ ޢިލްމީ ޙަޤީޤަތްތައް އެކަލޭގެފާނު ބަޔާން ކުރައްވާނީ ކިހިނެއްތޯ؟

ދެން އަޅުގަނޑުމެން ބަލާލާނި އެ އެއްޗަކުން ގުނާ އަދަދު ނުކުރެވޭހާ ގިނަ ބަލިތަކަށް ޝިފާ ލެއްވެވިފައިވާ މާމުޔަށެވެ. ކެންސަރާ ހިތުގެ ބަލިތަކާ ފުއްޕާމޭގައި އުފެދޭ ޖަރާސީމާއި ދަރިން ލިބުމުގައި ހުރި އުނދަގޫތަކާއި ޒަޚަމުތަކަށް ފަރުވާ ހޯދުމަށް އަޅުގަނޑުމެން މިއަދު ބޭނުން މިކުރާ މާމުޔާއި މެދު ސައިންސްވެރިން ވަނީ އާދަޔާޚިލާފު ހައިރާންކުރުވާ ފަދަ މަޢުލޫމާތުތަކެއް ޙިއްސާކުރައްވާފައެވެ.

ބުއްދިއެއް ނުވާ މި ކުޑަކުޑަ މަޚްލޫޤު މާމުއި އުފެއްދުމުގެ މަރުޙަލާތައް ފުރިހަމަ ކުރަނީ ނުހަނު ފުރިހަމަ ނިޒާމެއްގެ ދަށުންނެވެ. މާމުއި ކުޅަނދުރުގެ ތެރެއިން މާމުއި އުފެއްދުމުގެ ހުރިހާ ބުރައެއް އުފުލަނީ އަންހެން ކުޅަނދުރެވެ. މާބަގީޗާ ތަކުގައި މާ ފޮޅޭ މޫސުމުގައި އަންހެން މާމުއި ކުޅަނދުރުތައް ވަރަށް އަވަދިނެތި މަސައްކަތް ކުރަންޖެހެއެވެ. ކުޅަނދުރު ހަތައިން ކުޅަނދުރު ނުކުމެގެން މާމަލުގެ ފޮނި އެއްކުރުމަށް ކުރަންޖެހޭ ދަތުރަކީ ބޮޑު ދިގު ދަތުރެކެވެ. ކޮންމެ ދަތުރެއްގައި ގާތްގަނޑަކަށް 7ކިލޯ މީޓަރުގެ ސަރަހައްދެއް ހޯދާ ބަލާ 1500އަށް ވުރެ ގިނަ މަލުން ކޮންމެ ދަތުރެއްގައި ފޮނި ބޮއެވެ. އަދި ދަތުރެއް ނިންމާލާފައި އެނބުރި ހަތައަށް އަންނައިރު ކުޅަނދުރުގެ ބަރުދަނަށް ފޮނި އޭގެ ހަށިގަނޑުގައި އުފުއްލައެވެ. ކިތަންމެ ދުރަށް ކިތަންމެ ގިނަ މަގުތަކަކުން ދަތުރު ކުރިއަސް މި ކުޑަކުޑަ މާމުއި ކުޅަނދުރަށް އެނބުރި އޭގެ ހަތައަށް އަންނަން އެނގެއެވެ. އަދި ފޮނި ބޮއެފައިވާ މާތަށް ފާހަގަކޮށް ދެވަނަ ފަހަރަށް އެ މާތަކަށް ދާންވެސް އިނގެއެވެ. މި ފަދަ ބޮޑު ނިޒާމެއްގެ ދަށުން މަސައްކަތްކޮށް ހުދާ ކަޅާއި ރީނދޫ އަދި ރަތް ކުލައިގެ މާމުއި އުފެއްދުމަށް މި ކުޅަނދުރަށް ދަސްކޮށްދެއްވައި އަމުރު ކުރެއްވީ ކޮން ފަރާތެއްތޯ؟ އާދެ ހުރިހާ މަޚުލޫޤެއްގެ ވެރި ﷲ تبرك و تعالى.

ކީރިތި ޤުރުއާނުގައި ކުޅަނދުރުގެ ނަމުން ނަންދެވުނު سورة النحل ގެ 68ވަނަ އާޔަތާއި 69ވަނަ އާޔަތުގައި އެ އިލާހު އަންހެން ކުޅަނދުރާއި މުޚާޠަބު ކުރައްވާ ބަސް ވަޙީ ކުރައްވަނީ މިފަދައިން:

﴿ وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ * ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ﴾ [سورة النحل: 68-69]

މި އާޔާތުގައި ކުޅަނދުރާއި މުޚާޠަބު ކުރެވިފައިވަނީ ޢަރަބި ބަހުގައި އަންހެން ޖިންސާއި މުޚާޠަބުކުރެވޭ ގޮތަށެވެ. كلي، رَبِّكِ މިފަދަ ބަސްތަކުންނެވެ. މާމުއި އުފެއްދުމުގެ ހުރިހާ ބުރައެއް އުފުއްލަންޖެހެނީ އަންހެން ކުޅަނދުރަށްކަން މީގެ 1400 އަހަރު ކުރިން ޤުރުއާނުގައި ބަޔާންވެފައި ވާއިރު އަޅުގަނޑުމެން ކީރިތި ޤުރުއާނާއި މެދުގައި ފިކުރުކުރަން ނުވޭތޯ؟

އެހެނީ ރަސޫލާ صلي الله عليه وسلمގެ މައްޗަށް ބާވާލެއްވުނު އެންމެ ބޮޑު މުޢުޖިޒާތަކީ މި ކީރިތި ޤުރްއާނެވެ. އަދި އަދާ ޖެހެންދެންވެސް ޖިންނިންނާއި އިންސާނުންނަށް އެއާ އެއްފަދަ ވެގެންވާ އެއްވެސް އެއްޗެއް ގެނައުން ކީއްކުރަންތޯ އެއާ އެއްފަދަ ވެގެންވާ އެންމެ އާޔާތެއްގެ މިންވަރު ގެނައުމަށްވެސް މީސްތަކުން ނުކުޅެދެވިފައިވެއެވެ. ފަޞާހްތްތެރިކަމާއި ބަލާޣާތްތެރިކަމުގައި އެންމެ ކުރިއަރައިފައިވީ އޭރުގެ ޢަރަބީންނަށް ވެސް މި ޤުރުއާނާއި އެއްފަދަ ވެގެންވާ އެއްޗެއް ގެނެވިފައެއް ނުވެއެވެ. އެހެނީ މި ޤުރުއާނުގައި ކުރީގެ އުއްމަތްތަކުގެ ޚަބަރުތަކާއި އިންސާނެއްގެ ޙަޔާތަށް ބޭނުންވާނެ ޙުކުމުތަކާއި ޣައިބުގެ ޚަބަރުތަކާއި ކުރިއަށް އޮތް ޒަމާންތަކުގައި ހިނގާނޭ ކަންކަމާއި ސައިންސާއި ޢިލްމީ ޙަޤީޤަތްތައް މި ފޮތުގައި ބަޔާން ކުރައްވާފައިވެއެވެ. މިފޮތް ކިޔަވާ އެދަސްކޮށް އެއަށް ފިކުރު ހިންގާ މުޖުތަމަޢަކަށް ވުރެ ވަކިން ބޮޑު ހެޔޮ ޢިލްމީ މުޖުތަމަޢެއް އޮންނާނެތޯ؟ ހަތް އުޑުގެ މަތިން ބާވާލައްވައިފައިވާ މި ފޮތާއި މެދު ވިސްނާލުމަށް ވަގުތު ކޮޅެއް ދެއްވަމާތޯ!

﴿أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا﴾ [سورة النساء: 82]

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *