ކުޅަދާނަކަންލިބިގެންވާ މީހާ އުމުރުން އެއްފަހަރު ޙައްޖުވުމަކީ އިސްލާމްދީނުގެ އެއް ރުކުނެވެ. އެހެންއަޅުކަންތަކާއި ޚިލާފަށް، ޙައްޖަކީ ހައްޓަށް ބުރަ، އަދި މާލީގޮތުން ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ އަޅުކަމެކެވެ. ޙައްޖުކުރުމުގައި އެތައް ރާސްތާއަކަށް ފައިމަގުގައި ހިނގަންޖެހެއެވެ. މިނާ، ޢަރަފާތު، އަދި މުޒުދަލިފާގައި ބައިބޯކަމުގެ ސަބަބުން އެތައް އުނދަގުލެއް ތަޙައްމަލުކުރަންޖެހެއެވެ. ޢާއްމު ދިރިއުޅުމުގައި ކިޔޫގައިނުޖެހި ފަސޭހައިން ކުރެވޭކަންކަންވެސް، ޙައްޖުގައި ކުރަންޖެހެނީ ކިޔޫތަކުގައި ޖެހިގެންނެވެ. އެހެން މުސްލިމު އަޚުންގެ ފަރާތުން ހިތްހަމަނުޖެހޭ ކަންކަމާއިވެސް ކުރިމަތިލާންޖެހެނީ މަދުފަހަރަކު ނޫނެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް އިސްކުރަންޖެހެނީ ކެތްތެރިކަމެވެ. ޙައްޖުގައި އަދި ޢާއްމު ދިރިއުޅުމުގައިވެސް މުސްލިމަކަށް ކުރިމަތިވާ ކޮންމެ ކަންބޮޑުވުމަކަށް އަދި ކޮންމެ ތަކުލީފަކަށްވެސް އަޖުރު ލިބިގެންދާނެކަމަށް އައިސްފައިވާ ނަބަވީ އިރުޝާދުގެ ސަބަބުން މިދެންނެވި ޙާލަތްތަކުގައި ހިތަށް ފިނިކަމާއި ހަމަޖެހުން ލިބިގެންދެއެވެ.
އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ.
" مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ "
އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާއި ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ކުއްފާފަތައް ނުފުއްސަވާނޭ މުއުމިނަކު ނުވެއެވެ.
މި ތަކުލީފުތަކާއިއެކު، ބައިބޯ ވެއްޓެއްގައި އުޅެން ޙައްޖުވެރިޔާއަށް ދަސްވެއެވެ. ޙައްޖުގެ ތެރެއިން ލިއްބައިދޭ ޖިސްމާނީ ތަމްރީންތަކުގެ އިތުރުން، ޙައްޖަކީ ރޫޙާނީ މަދަރުސާއެއްވެސްމެއެވެ. ޙައްޖާއި ގުޅޭގޮތުން އައިސްފައިވާ އާޔަތްތައް ނިންމަވާލައްވާފައިވަނީ ޙައްޖާއި ތަޤްވާވެރިކަމާއިހުރި ގުޅުން ބަޔާންކޮށްދެއްވަމުންނެވެ.
الْحَجُّ أَشْهُرٌ مَعْلُومَاتٌ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِ يَاأُولِي الْأَلْبَابِ (197)
[البقرة: 197]
حج ގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި حج فرض ކޮށްގެންފި މީހާ (އެބަހީ: حج ވުމަށް قصد ކޮށް إحرام ބަނދެފިމީހާ، ދަންނާށެވެ!) ފަހެ حج ވުމުގެ ތެރޭގައި جماع ވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ. އަދި، (اللَّه އީ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) اللَّه ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوى އެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!
ތަޤްވާވެރިކަމަކީ އެންމެ ހެޔޮ ކޮއްތުކަމުގައި މިއާޔަތުގައި ބަޔާންކުރައްވާފައިވެއެވެ. އެހެނީ ތަޤްވާވެރިކަމުގެ ސަބަބުން ދެދުނިޔޭގެ ކާމިޔާބު ލިބިގެންދެއެވެ. ތަޤްވާވެރިކަމަކީ ކޮބައިތޯއެވެ؟ އެއީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަޙީތަކުން ދުރުވެ އުޅުމެވެ. ކަށިހުރިމަގަކުން ހިނގާފައިދާ މީހަކު ކަށިތަކުން ނެއްޓެމުން ކުރިޔަށްދާ ފަދައިން މާތްﷲ އަށް ތަޤްވާވެރިވާމީހާ ފާފަތަކުން ދުރުހެލިވެ، ދިރިއުޅުން މާތްﷲ އެންގެވިގޮތަށް ކުރިޔަށްގެންދެއެވެ.
މިފަދަ އެހެން އާޔަތެއްގައި މާތް ﷲ ވަޙީކުރައްވައިފައިވަނީ:
{لَنْ يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَكِنْ يَنَالُهُ التَّقْوَى مِنْكُمْ}. سورة الحج 37
އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް اللَّه ގެ حضرة އަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ حضرة އަށްދަނީ، تقوى ވެރިކަމެވެ.
މި އާޔަތުގައި މާތް ﷲ މުސްލިމުން އެއިލާހުގެ ނަންފުޅުގައި ކަތިލާ ކަތިލުންތަކުގެ މަޤްޞަދު ބަޔާންކޮށްފައިވެއެވެ. އެއީ ތަޤްވާވެރިކަން އިތުރުކުރުމެވެ. އަދި މާތްﷲ އަށް ކިޔަމަންވުމުގައި އެ ކަތިލެވޭ ޖަނަވާރަށްވުރެވެސް ބޮޑު އެއްޗެއް ޤުރުބާންކުރަންޖެހުނު ކަމުގައިވިޔަސް އެފަދަ ޤުރުބާނީއެއްވުމަށްވެސް ތައްޔާރަށްހުރިކަން އިޙްސާސްކުރުމުގެ ފުރުޞަތުދިނުމެވެ.
އަދި ހަމައެފަދައިން އަލްޙައްޖު ގެ ނަމުން ނަންދެވިފައިވާ ސޫރަތް ފެށިފައިވަނީވެސް ޤިޔާމަތް ދުވަހު މީސްތަކުންގެ ޙާލަތުތައް ހުންނާނެގޮތް ބަޔާންކޮށްދެއްވަމުންނެވެ.
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ ۚ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ ﴿١﴾
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! ހަމަކަށަވަރުން، قيامة ވުމުގެ زلزلة އަކީ ބޮޑުވެގެންވާ ކަމެކެވެ.
يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَـٰكِنَّ عَذَابَ اللَّـهِ شَدِيدٌ ﴿٢﴾
ތިޔަބައިމީހުންނަށް އެ زلزلة ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު اللَّه ގެ عذاب ގަދަފަދައީއެވެ.
سورة الحج 1-2
މިސޫރަތުގައި ޙައްޖާއި ގުޅޭ ގިނަ އާޔަތްތަކެއް އައިސްފައިވާއިރު، ކެތްތެރިވުމާއި، އަދި މާތް ﷲއަށް ޚުޝޫޢަތްތެރިވެ، ބިރުވެތިވުމާއި ގުޅޭގޮތުންވެސް އާޔަތްތައް އައިސްފައިވެއެވެ.
وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا اسْمَ اللَّـهِ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ۗ فَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَلَهُ أَسْلِمُوا ۗ وَبَشِّرِ الْمُخْبِتِينَ ﴿٣٤﴾
نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، إسلام ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!
الَّذِينَ إِذَا ذُكِرَ اللَّـهُ وَجِلَتْ قُلُوبُهُمْ وَالصَّابِرِينَ عَلَىٰ مَا أَصَابَهُمْ وَالْمُقِيمِي الصَّلَاةِ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣٥﴾
އެއުރެންނީ، اللَّه ގެ ނަންފުޅު ގަނެވޭހިނދު، އެއުރެންގެ ހިތްތައް ބިރުވެތިވެ މަޑުމޮޅިވާ މީހުންނެވެ. އަދި އެއުރެންނަށްޖެހޭ ކަންތަކަށް ކެތްތެރިވާމީހުންނެވެ. އަދި ނަމާދު قائم ކޮށް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ.
ތަޤްވާވެރިވުމުގެ އުޚްރަވީ ފައިދާތައް
އަންނަބައު ސޫރަތުގައި ނުވަތަ ޢައްމާފޮތުގެ ފުރަތަމަ ސޫރަތުގައި ޤިޔާމަތްދުވަހުން ތަޤްވާވެރީންނަށް ދެއްވާނޭ ނިޢުމަތްތައް ސިފަކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
إِنَّ لِلْمُتَّقِينَ مَفَازًا ހަމަކަށަވަރުން ތަޤްވާވެރިންނަށް ހުރީ ނަސީބުލިބެނިވި ތަނެކެވެ.
حَدَائِقَ وَأَعْنَابًا ބަގީޗާތަކާއި އަދި މޭބިސްކަދުރުތަކެވެ.
وكواعب أترابا އަދި އެއްފުރާވަރުގެ ޒުވާން އަންހެންކުދިންނެވެ.
ޙޫރުލްޢީނުންގެ ސިފަތައް އިތުރަށް ބަޔާންކުރައްވާ ﷲ ތަޢާލާ ސޫރަތުއް ރަޙްމާންގައި ވަޙީކުރައްވައިފައިވެއެވެ.
{فِيهِنَّ خَيْرَاتٌ حِسَانٌ} [الرحمن: 70]
ހެޔޮކަން ބޮޑު ރީތި އަނބީން އެތާނގައިވެއެވެ.
حُورٌ مَقْصُورَاتٌ فِي الْخِيَامِ [الرحمن: 72]
ފޭލިގެތަކުގައި ނިވާވެގެންތިބޭ ޙޫރުލްޢީނުންނެވެ.
މި ދުނިޔެމަތީގައި ތަޤްވާވެރިކަންމަތީ އުޅުނު އަޅުތަކުންނަށް ސުވަރުގޭގައި ދެއްވާ ނިޢުމަތްތަކުގެ ވާހަކަ ބަޔާން ކުރައްވާ ސޫރަތުލް ޣާޝިޔާގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
فِي جَنَّةٍ عَالِيَةٍ މަތިވެރިވެގެންވާ ސުވަރުގޭގައެވެ.
لَا تَسْمَعُ فِيهَا لَاغِيَةً (ގެއްލުންދެނިވި) ބޭކާރު ވާހަކައެއް އެތާނގައި އެބައިމީހުން ނާހާނެތެވެ.
فِيهَا عَيْنٌ جَارِيَةٌ ހިނގަހިނގާހުންނަ ފެންއާރުތައް އެތާނގައިވެއެވެ.
فِيهَا سُرُرٌ مَرْفُوعَةٌ އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ.
وَأَكْوَابٌ مَوْضُوعَةٌ އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ.
وَنَمَارِقُ مَصْفُوفَةٌ އަދި އެތުރިގެންވާ ބާލީސްތައްވެސްވެއެވެ.
ތަޤްވާވެރިވުމުގެ ދުންޔަވީ ފައިދާތައް
ތަޤްވާވެރިކަމުގެ ސަބަބުން ދުނިޔަވީ އެތައް ފައިދާއެއްވެސް ލިބިގެންދެއެވެ. މިގޮތުން ފާހަގަކުރެވޭ ބައެއް ފައިދާތައް ތިރީގައި ބަޔާންކޮށްލަމެވެ.
ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ.
وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾65:4
އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.
وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا (2) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ
އަދި ﷲ އަށް ތަޤްވާވެރިވެއްޖެމީހާއަށް މުޞީބާތުން ނިކުތުމުގެ މަގެއްދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނައަށް ރިޒުޤު ދެއްވާނެތެވެ.
އީމާންވެ، ތަޤްވާވެރިވުމުގެ ސަބަބުން ރޯދި ބަރަކާތް އިތުރުވެގެންދާނެކަން އަންގަވާ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
..(ولو أن أهل القرى ءامنوا و اتقوا لفتحنا عليهم بركات من السماء و الأرض...) سورة الأعراف 96
''އަދި ރަށްތަކުގެ އަހުލުވެރިން އީމާންވެ، ތަޤްވާވެރިވާނަމަ، އެބައިމީހުންނަށްޓަކައި އުޑުންނާއި ބިމުން ބަރަކާތުގެ ދޮރުކޮޅުތައް ހުޅުއްވާދެއްވާހުށީމެވެ.''
އިބްނުލްޤައްޔިމް އެކަލޭގެފާނުގެ ފޮތް އަލްފަވާއިދުގައި ތަޤްވާވެރިކަމުގެ ހެޔޮ އަސަރުތަކާއި، ފާފައިގެ ނޭދެވޭއަސަރުތައް ޒިކުރުކުރައްވަމުން ވިދާޅުވެފައިވެއެވެ.
''ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހެޔޮ ޢަމަލުތައް ކުރުމަށް ތައުފީޤު ނުލިބުމާއި، ނުރަނގަޅު އިޚްތިޔާރުތައް ކުރެވުމާއި، ހައްޤުމަގު ނުފެނުމާއި، ހިތް ފަސާދަވުމާއި، ހަނދާންބަލިވުމާއި، ބޭކާރުގޮތުގައި ވަޤުތުހޭދަކުރެވުމާއި، ވަޤުތުގެ ބަރަކާތް ކެނޑިގެންދިޔުމާއި، އެހެން މީހުންގެ ނަފުރަތުލިބުމާއި ތިމާއާއި މާތްﷲއާ ދެމެދުގައި އޮންނަ ގުޅުން ހީނަރުވުމާއި، ދުޢާތައް އިޖާބަނުވުމާއި، ހިތްހަރުވުމާއި، ރޯދިބަރަކާތުން މަޙްރޫމުވުމާއި، ޢިލްމުން މަޙްރޫމްވުމާއި، ނުބައި އެކުވެރިންނާއިއެކު އުޅެންޖެހުމާއި، ހިތް ނުތަނަވަސްވުމާއި، ހިތާމަ ދެމިގެންދިޔުމާއި، ދިރިއުޅުން ދަތިވެ، ކަންކަން އުނދަގޫވެގެންދިޔުން ހިމެނެއެވެ.
ތަޤްވާވެރިކަމާއި ހެޔޮޢަމަލުގެ ސަބަބުން މިދެންނެވި ނޭދެވޭ އަސަރުތަކުގެ އިދިކޮޅު ހެޔޮ އަސަރުފެނިގެންދެއެވެ.’’
ނިންމުން
ފެށުމުގައިވެސް ދެންނެވި ފަދައިން ޙައްޖުގެ އަޅުކަމަކީ ބުރަ، އަދި ކެތްތެރިވާންޖެހޭ ދަނޑިވަޅުތައް ގިނަ އަޅުކަމެކެވެ. އަޅުކަމުގެ ބުރަކަމާއި އެއްގޮތަށް، އަޅުކަމުގެ އަޖުރުވެސް ބޮޑުވެގެންވެއެވެ. ޞަޙީޙް ބުޚާރީ އަދި މުސްލިމްގައި އައިސްފައިވާ ހަދީޘެއްގައިވެއެވެ.
وَ الحَجُّ المَبْرُوْرُ لَيْسَ لَهُ جَزَاءٌ إِلاَّ الجَنَّةُ
އަދި މަބްރޫރު ޙައްޖެއް ވެއްޖެމީހަކަށް ސުވަރުގެފިޔަވާ އެހެންޖަޒާއެއް ނުވެއެވެ.
ޙައްޖަކީ އަދި މިނޫނަސް އިސްލާމްދީނުގައި ވާޖިބުކުރައްވާފައިވާ އަޅުކަންތައްތަކަކީ ހަމައެކަނި ހަށިގަނޑުންކޮށްލެވޭ ޙަރަކާތްތަކެއްނޫނެވެ. އެ އަޅުކަންތަކުގެ އެންމެ އިސް އަމާޒަކީ އަޅުތަކުން މާތްﷲއާ ކުއްތަންކުރުވުމެވެ. އަޅުތަކުންގެ ތަޤްވާވެރިކަން އިތުރުކުރުވުމެވެ. ކަންމިހެންހުރިއިރު، އަޅާކުރި ޢަމަލެއް ޤަބޫލުވުމުގެ އެއް ޢަލާމަތަކީ އެ ޢަމަލުގެ ސަބަބުން އެހެން ހެޔޮޢަމަލެއްކުރަން ތައުފީޤްލިބުމެވެ. އަދި މިގޮތަށް ޞާލިޙް ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިހުރެވުމަކީ އަޅާގެ ޢަމަލުތައް ޤަބޫލުވެވިގެންވާކަމުގެ އެއް ޢަލާމާތްކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން ޖަޒާ އެއް ނުވާކަމުގައިވީހިނދު، މަބްރޫރު ޙައްޖެއް ލިބުމުގެ ޢަލާމާތަކީވެސް ޙައްޖުގެ އަޅުކަމުން ނިމުމަށްފަހުގައިވެސް ހެޔޮކަމާއި ތަޤްވާގެ މަގުގައި ސާބިތުވުމެވެ. އެހެނީ މާތް ﷲ ޤަބޫލުކުރައްވަނީ ތަޤްވާވެރިންގެ ކިބައިންނެވެ.
قَالَ إِنَّمَا يَتَقَبَّلُ اللَّـهُ مِنَ الْمُتَّقِينَ ﴿٢٧﴾ سورة المائدة 27
އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރިންގެ ކިބައިންނެވެ.
އެންމެ ހެޔޮ ކޮއްތުގެ އަހުލުވެރިންނަކީ ތަޤްވާވެރިންނެވެ. ހަޤީޤީ ބާއްޖަވެރިންނަކީ ތަޤްވާވެރީންނެވެ. ތަޤްވާވެރީންނަކީ ދެދުނިޔޭގެ ނަސީބުވެރިންނެވެ.
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ (185)
ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ފުރިހަމަޔަށް ޖަޒާދެއްވާނެކަން ކަށަވަރީ ޤިޔާމަތްދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާ ކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ.) ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވަރުކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.
















Alhamdulillah ya ALLAH
JazakALLAH khayr