ރާއްޖޭގެ ޚަބަރު

ފޭދޫގައި ހިންގި ނަމާދު ޕްރޮގްރާމް 93 ދަރިވަރުން ފުރިހަމަކޮށް ސެޓްފިކެޓް ދީފި

އައްޑޫ ސިޓީ ފޭދޫގައި، ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙުމަދު ނާޒިޙު އިސްވެ ހުންނަވައި ހިންގި ޚާއްސަ ނަމާދު ޕްރޮގްރާމް، "ކޮންމެ ކުއްޖަކީ، ނަމާދުކުރާ ކުއްޖެއް" ނިންމުމުގެ ރަސްމިއްޔާތު ރޭ ފޭދޫސްކޫލްގައި ބާއްވައިފިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވި 100 އަށް ވުރެ ގިނަ ކުދިންގެ ތެރެއިން 93 ކުދިން ވަނީ ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަކޮށް ގްރެޖުއޭޓްވެފައެވެ. މި ކުދިންނަށް ސެޓްފިކެޓް ދެއްވީ އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރެވެ.

ފޭދޫ އަވަށުއޮފީހުގެ ކައުންސިލް އެގްޒެކެޓިވް އަލްއުސްތާޛް ހަސަން ޒަރީރު ވިދާޅުވީ، މި ޕްރޮގްރާމް ރޭވުމުގެ އެންމެ ބޮޑު ބޭނުމަކީ، ކުދިންގެ ހިތްތަކުގައި ނަމާދަށް ޝައުގުވެރިކަން އުފައްދައި، މިސްކިތަށް އަހުލުވެރިކުރުވުން ކަމަށެވެ. އަވަށުއޮފީހުން އިސްނަންގަވައިގެން، ރަށުގެ އިމާމުންނާއި ޝައިޚުންގެ މަޝްވަރާ ހޯއްދަވައިގެން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ރަށުގެ ޤުރުއާން ޓީޗަރުންނާއި އިމާމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބެލެނިވެރިންގެ އެހީތެރިކަމާއި، ކިޔަވައިދިނުމުގެ ދާއިރާގައި ގިނަ ތަޖުރިބާ ހުރި ސައީދާ މިސްގެ އެހީތެރިކަން ވެސް ލިބުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަސަން ޒަރީރު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ކުދިންގެ ހިތުގައި ނަމާދު ކުރުމަށް ލޯބި ޖެއްސުމާއި، ނަމާދުގެ އަހައްމިއްޔަތު ކިޔައިދިނުމުގެ އިތުރުން، ޒުވާން ހިތްތައް މިސްކިތާ ގާތްކޮށްދިނުން ކަމަށެވެ. "ބޭނުމަކީ، ނަމާދަށް އަހުލުވެރި އަޚުލާޤު ރަނގަޅު ޖީލެއް ތަރުބިޔަތު ކުރުން،" އޭނާ ވިދާޅުވިއެވެ.

ޕްރޮގްރާމްގެ އިސްވެރިޔާ އައްޝައިޚް އަޙުމަދު ނާޒިޙު ވިދާޅުވީ، މި ޕްރޮގްރާމުން ކުދިންނަށް ދަސްކޮށްދިނީ، ނަމާދުގެ ހަރަކާތްތަކާއި، ވުޟޫކުރާނެގޮތާއި، ނަމާދުގައި ކިޔާ ތަކެއްޗެވެ. އަދި ޤުރުއާނުން ކޮންމެވެސް މިންވަރެއް ހިތުން ދަސްކުރުވައި، އަޤީދާއާ ގުޅުންހުރި މައުލޫމާތު ކުދިންގެ އުމުރާ ގުޅޭ މިންވަރަށް ކިޔައިދެއްވި ކަމަށް ވެސް ޝައިޚް ނާޒިޙު ވިދާޅުވިއެވެ.

ފޭދޫ އަވަށުއޮފީހުން މިފަދަ ދީނީ ޕްރޮގްރާމްތައް ހިންގަނީ، ރަށުގެ ދީނީ ޙަރަކާތްތައް އިތުރުކުރުމުގެ މަޤްޞަދުގައެވެ. މީގެކުރިން ވެސް ފޭދޫގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާނެ ޒުވާން އިމާމުންނާއި ޒުވާން ޚާޠީބުން އުފެއްދުމަށް ކާމިޔާބު ޕްރޮގްރާމްތައް ފޭދޫ އޮފީހުން ވަނީ ހިންގާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *