ޖެނުއަރީ 7 ވަނަ ދުވަހު ފުރާންސްގެ ޗާލީހެބުޑޯ ނޫހަށް ދިން ޙަމަލާކުށްވެރިކޮށް މިދިޔަ އާދިއްތަ ދުވަހު ފުރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވި ހިނގާލުމުގައި އިސްރާއީލްގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިވެރިވުމުން އެޙަރަކާތަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.
ފުރާންސްގެ އިތުރުން ޔޫރަޕްގައި އިންސާނީ ހައqޤުތަކަށް މަސައްކަތްކުރާ އިންސާފުވެރި ފަރާތްތަކުންވަނީ މިހިނގާލުމުގައި ނަތަންޔާހޫ ބައިވެރި ކުރުމުން އެހިނގާލުމުގެ މަޤުސަދާއިމެދުވެސް ސުވާލު އުފައްދާފައެވެ.
ނަތަންޔާހޫ ބައިވެރިވުމުން ފަޑުކިޔުންތައް އަމާޒުވީ، މިދިޔަ އަހަރު އިސްރާއީލުން ޣައްޒާއާއި ދެކޮޅަށް ކުރި 50 ދުވަހުގެ ހަނގުރާމައިގައި ޣައްޒާގެ ޢާއްމުންގެ ތެރެއިން ކުށެއް ނެތް އެތަށް ބަޔަކު މަރައި އަދި އެހަނގުރާމަ ކަވަރު ކުރުމުގައި ޙަރަކާތްތެރިވި 12 ނޫސްވެރިން މަރާލައި ޣައްޒާގައި މަރުކަޒުކޮށްގެން ތިބި ބައެއް މީޑިއާ ތަކުގެ ހެޑުކުއާޓަރުތަކަށް ޙަމަލާ ދީފައިވާތީއެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ފުރާންސުގެ ރައީސް ފުރާންސޯ އޮލާންޑޭ އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ މިހިނގާލުމަށް ފުރާންސަށް ނައުމަށް މެސެޖު ފޮނުއްވާފައިވެއެވެ. އަދި މިކަމާއި ގުޅުގެން ދެޤައުމުގެ ޚާރިޖީ ވުޒާރާގެ ދެމެދުގައި މެސެޖު ބަދަލު ކުރެވިފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ހާމަވެފައިވެއެވެ.
އެގޮތުން އިސްރާއިލްގެ ހާޓެޒު ނޫހުން ބުނެފައިވަނީ ފުރާންސްގެ ރައީސް ފުރެންސޯ އޮލާންޑޭ ޕެރިހުގެ ހިނގާލުމުގައި ބައިވެރިނުވުމަށް ނަތަންހާހޫ ދެންނެވިކަމަށެވެ.
އެނޫހުން އިތުރަށް ބުނެފައިވަނީ އޮލާންޑޭގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު އޮޑިބާރޓު ވަނީ އޮލާންޑޭއަށް ތަފުސީލުތަކާއެކު ނަތަންޔާހޫ ބައިވެރި ނުކުރުމަށް ދަންނަވާފައެވެ. އޮޑިބާޓޫ އޮލާންޑޭގެ އަރިހުގައި ދެންނެވިކަމަށް ހާޓެޒު ނޫހުން ބުނެފައިވަނީ މިއެއްވުމަކީ ޓެރަރިޒަމްއާއި ދެކޮޅަށް ބޭއްވޭ އެއްބައިވަންތަކަމުގެ ހިނގާލުމަކަށް ވުމުން، ޔާހޫދީންނާއި މުސްލިމުންގެ މެދުގައި ޖެހިފައިވާ މައްސަލަ އަދި ފަލަސްޠީން އިސްރާއީލް މައްސލަތައް ޢާއްމުންގެ މެދުގައި ހަސްސާސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލަތަކުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ބޭފުޅަކު ބައިވެރިވުމުގެ ސަބަބުން މިއެއްވުމުގެ މަޤުޞަދާއި ބެހޭ ގޮތުން ބަޔަކު ސުވާލު އުފައްދާނެތީކަމަށެވެ.
ނަމަވެސް މިޚަބަރުތައް ދެޤައުމުގެ ޚާރިޖީ ވުޒާރާއިންވެސް ވަނީ ދޮގުކޮށްފައެވެ.

















ޚިޔާލު