ދުނިޔެ

ބޮޑެތި ގައުމުތައް އިސްރާއީލް ކުރިމަތީގައި "ކުޑަކަކޫ" ޖެހިފައި

އިޒްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާއްމު ހުއްޓުވުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ވަނީ ނުކުޅެދިފައެވެ. ގައުމުތަކުން ފެށިގެން ޖަމާއަތްތަކާ ހަމައަށް އިސްރާއީލް ކުށްވެރި ކުރުމުގެ ގޮތުން ދެތިން ބަހެއް ބުނެލުން ފިޔަވައި މާބޮޑު ކަމެއް ކުރެވެމުންދާތީއެއް ނުފެނެއެވެ.

އިޒްރާއީލުން ޣައްޒާ ގައި ހިންގަމުންދާ ގަތުލު އާޢްމަކީ ދުނިޔޭގެ ފަހުގެ ތާރީޚުގައި ފެނިފައިވާ އިންސާނިއްޔަތާ ދެކޮޅު އެންމެ ބޮޑު ޖަރީމާ ކަމުގައިވިޔަސް ދުނިޔޭގެ އެންމެ ބާރުގަދަ ނުފޫޒު ގަދަ ގައުމުތަކުން އިސްރާއީލް ހުއްޓުވުމަށްޓަކައި އެއްވެސް ހަރަކާތެއް ހިންގާތީއެއް ނުފެނެއެވެ.
އެހެންކަމުން އިންސާފާއި ހަމަހަމަކަމަށް ލޯބިކުރާ އެތައް މިލިޔަން ބަޔަކަށް ސިހުމާއި ހައިރާންކަން ވަނީ ލިބިފައެވެ. ދުނިޔޭގެ މިނިވަން މުސްތަގިއްލު ހަމަކޮންމެ ގައުމެއް ހިމެނިގެން ގާއިމުކޮށްފައިވާ ދުނިޔޭގެ ދަރުބާރު ނުވަތަ އދ ވެސް ވަނީ ޣައްޒާގެ މައްސަލާގައި މުޅިން ފޭލްވެފައެވެ.

އދ ޖަމިއްޔާގެ މުހިއްމު ކޮންމެ ކަމެއް ނިންމާ ގުނަވަނަކީ ސަލާމަތީ މަޖިލީސް ކަމަށްވާއިރު އިސްރާއީލް ކުށްވެރިކޮށް ގަރާރު ނެރުމާއި އިޒްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ނިންމުންތައް ނިންމުމުގައި އެމަޖިލިސް ވަނީ ނާކާމިޔާބުވެފަ އެވެ. މިކަމުގެ ސިއްރަކީ ސަލާމަތީ މަޖިލީހުގެ ކޮންމެ ނިންމުމަކީ ނުވަތަ ކޮންމެ ފާސްކުރުމަކީ އެމަޖިލީހުގައި ހިމެނޭ ފަނަރަ ގައުމުގެ ތެރޭން އަޤުލަބިއްޔަތު ލިބިގެން ނިންމަން ޖެހޭ ނިންމުމެއް ކަމަށް ވުމާއި އަދި މިފަދަ އެއްވެސް ނިންމުމަކީ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ދާއިމީ ފަސް ގައުމުގެ ތެރޭން އެއްވެސް ގައުމެއްގެ ވީޓޯއާ ކުރިމަތި ނުވެ ނިންމޭ ނިންމުމަކަށް ވާން ޖެހުމެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރޭން އެމެރިކާ އާއި އިގިރޭސިވިލާތަކީ އިސްރާއީލް ދެކޮޅު އެއްވެސް ނިންމުމަކަށް އަދި ގަރާރަކަށް ރުހުން ނުދޭން އަޒުމް ކަޑައަޅައިގެން ތިބި ގައުމުތަކެއް ކަމަށް ވުމުން ދުވަހަކުވެސް މި މަޖިލީހަށް އިޒްރޭލާ ދެކޮޅު ނިންމުމެއް ނުނިންމެއެވެ.

އދ ގެ ގުނަވަންތަކުގެ ތެރޭން އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލާއި އާއްމު މަޖިލީހާއި މިހެންގޮސް އަމިއްލައަށް ކަންކަން ތަންފީޒު ކުރުމުގެ ބާރު ލިބިފައި ނުވާ ގުނަންތަކުން އިޒްރާއީލުގެ ޖަރީމާތައް ކުށްވެރި ކުރިއަސް އަދި މި ޖަރީމާތަކަކީ ބައިނަލްއަގުވާމީ ގާނޫންތަކާއި އުސޫލުތައް މުގުރާލުމެއް ކަމުގައި ތަކުރާރުކޮށް ބުނަމުން ދިޔަކަމުގައި ވިޔަސް ސަލާމަތީ މަޖިލީހުގެ ފުރަގަސްދިނުމުގެ ސަބަބުން މިއީ ތަނެއްގައި ލައްވާލާ ބުނުމެއް ކަމުގައި ނުވެއެވެ.
ދުނިޔޭގެ ކޮންމެ ކަމެއްގައި އެންމެ އަވަސް ބަސް ބުނެވޭތޯ އަބަދުވެސް ގަދަޢަޅާ ޔޫރަޕުގެ ގުޅުން ޣައްޒާގެ މައްސަލާގައި އޮތީ ދޫ ބަންދުވެފައެވެ.

އިސްރާއީލްގެ ޖަރީމާތައް ޔޫރަޕުގެ ގުޅުމަށް އެއްގޮތަކަށް ވެސް ނުފެންނަކަމަށް ހަދާއިރު މިމައްސަލާގައި ބަހެއް ބުނާން މަޖުބޫރުވެއްޖެނަމަ މައްސަލައިގެ ޒިންމާ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ބޮލުގައި އެޅުވޭތޯ ޔޫރަޕުން އިސްކަންދެއެވެ.

މިކަމުގެ ސިއްރަކީ ޔޫރަޕުގެ ގުޅުމުގައި ނަގާކިޔަން ތިބީ އިސްރާއީލްގެ ހިމާޔަތުގައި އަތުކުރި އޮޅާލައިގެން ތިބި ގައުމުތަކެއް ކަމަށް ވުމެވެ. އެހެންކަމުން ޣައްޒާގެ މައްސަލާގައި ވެސް ޒިންމާވާން ޖެހޭ ފަރާތަކީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންކަމުގައި ބުނަން ޔޫރަޕުން ފަހަކަށް ނުޖެހެއެވެ.

ފަލަސްތީނު އެޖަމިއްޔާއަކަށް ނިސްބަތްވާ އަރަބި ލީގު ނުވަތަ އަރަބި ގައުމުތަކުގެ ޖަމިއްޔާވެސް މިވަގުތު އޮތީ ހަމަހިމޭނުންނެވެ. އަރަބީންގެ މައްސަލަތަކުގައި އަބަދުވެސް އަރަބީންގެ ގުޅިފައިވާ ބަސްބުނެ ގުޅިފައިވާ ނިންމުންތައް ނިންމާ ޖަމާއަތަކީ އަރަބި ލީގުކަމަށްވާއިރު މިފަހަރު ޣައްޒާ އަށް ކުރިމަތިވެފައިވާ މުސީބާތުން ޣައްޒާގެ ނިކަމެތި ރައްޔިތުން މިންޖުކޮށްދިނުމަށް އަރަބި ލީގުން އިސްނަގައިގެން ކުރިކަމެއް ނެތެވެ.

އަރަބި ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއް ނުބާއްވާތާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ވެސް ބައްދަލުވުމެއް ނުބޭއްވެއެވެ. މިކަމުގެ ސިއްރަކީ އަރަބި ގައުމުތަކުގެ ތެރޭން ސީރިޔާ އާއި އިރާގު، ލީބިޔާއާއި ތޫނިސް، ލުބުނާނާއި މިސްރު ފަދަ ގައުމުތައް މިވަގުތު ތިބީ އަމިއްލަ މައްސަލަތަކެއްގެ ތެރޭގައި ވަރަށް ބޮޑަށް ތާށިވެފައިކަމަށް ވުމުން އިސްނަގާނެ ކެރިފޯރުންތެރި ބަޔަކު ނެތުމުން ކަމަށް ވެދާނެއެވެ.

ޚާއްސަކޮށް މިސްރަކީ އަރަބި ދުނިޔޭގެ ލީޑަރު ކަމަށްވާއިރު މިސްރުގެ ޒައާމަތަށް އައިސްފައިވާ ނުރަގަޅު ބަދަލާއި މިސްރުގެ އެތެރޭގެ ހާލަތު ގޯސްވުމަކީ ވެސް އަރަބި ލީގު މިވަގުތު ހަރަކާތްތެރި ނުވުމުގެ ސަބަބަކަށް ވެދާނެއެވެ.

މިފަދަ ހާލަތެއްގައި އަރަބި ލީގު އޮތްއިރު ދުނިޔޭގެ ހުރިހާ މުސްލިމް ގައުމުތަކުގެ މައްޗަށް އެކުލެވޭ ބޮޑު ޖަމިއްޔާ އޯއައިސީ ވެސް އޮތީ މިވަގުތު ހިމޭނުން ނެވެ. އީރާނާއި ތުރުކީ ފަދަ ގައުމުތަކުން ކެނޑިނޭޅި އިސްރާއީލް ކުށްވެރި ކުރަމުންދާއިރު އޯއައިސީގެ ބައްދަލުވުމެއް ބާއްވައި ޣައްޒާގެ ހިމާޔަތުގައި އަދި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ހައްގުގައި މުޅި އިސްލާމީ ދުނިޔެ ގުޅިގެން ކުރާނެ ކަމެއް ނިންމުމަށް ބައްދަލުވުމެއް ބޭއްވޭތޯ މަސައްކަތް ކުރަމުންދާތަނެއް ވެސް ނުފެނެއެވެ.

މިކަމުގެ ސަބަބަކީ އިސްރާއީލްގެ މިތުރުން ކަމުގައިވާ ހުޅަގުގެ ގައުމުތަކުގެ ޗާލާކީ ރޭވުންތަކުގައި ޖެހި، ގުޅިފައިވާ އެއްއަޑަކުން ވާހަކަ ދެއްކޭވަރަށް ވުރެ އިސްލާމީ ގައުމުތަކުގެ މެދުގައި ބައިބައިވުން އުފެދިފައި އޮތުމެވެ.

ޚާއްސަކޮށް ފަލަސްތީނުގެ މައްސަލާގައި މިފަދަ ބައިބައިވުންތައް ބޮޑެވެ. ޣައްޒާގެ ދިފާއުގައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތަކީ ބައެއް ގައުމުތަކުގެ ސަރުކާރުން ގަބޫލު ކުރާގޮތުގައި އެސަރުކާރުތަކަށް ވެސް އޮތް ނުރައްކަލެކެވެ.

ކަންކަން ކުރަން ޖެހޭ މީހުން ޣައްޒާގެ މައްސަލާގައި ފަސްޖެހިފައި ތިއްބަސް އަދި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް ނެގިމަޑުވެފައި ތިއްބަސް ގައުމުތަކުގެ ގައުމީ ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން އިސްނަގައިގެން ޣައްޒާ އަށް އެހީތެރިވުމުގެ ހަރަކާތްތައް ވަނީ ފަށާފައެވެ. މީގެ ތެރޭގައި މުސްލިމް ނޫން ގައުމުތައް ވެސް ހިމެނެ އެވެ. ޣައްޒާގެ މައްސަލައަކީ ދީނީ މައްސަލައަކަށް ވުރެ ބޮޑަށް އިންސާނީ މައްސަލައަކަށް ބަލައިގެން ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގެ އޮއިވަރެއް ދުނިޔޭގެ ކަންކޮޅުތަކުގައި ވަނީ އުފެދިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ