ސުވާލު:ބުރުގާ ނާޅާ މީހާ ސުވަރުގެ ނުވަދެވޭނޭ ނުވަތަ ސުވަރުގޭގެ ވަސްވެސް ނުފެންނާނޭ ޙަދީޘްގައި އޮންނަކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެހެން އޮންނަކަމަށް ޤަބޫލުވެސް ކުރަމެވެ. އެނގިފައިވާގޮތުގައި ނަރަކާގައި ދާއިމީކޮށް ތިބޭނީ ކާފަރުންނެވެ. ވީމާ ބުރުގާ ނާޅާމީހުންނަށް ސުވަރުގެ ވަދެވޭނެތޯ؟ އަދި ނުވަދެވެންޏާ ނުވަދެވެނީ ކީވެގެންތޯއާއި ބުރުގާ އަކީ ދީނުގެ ކަމެއް ކަމަށް ޤަބޫލުކޮށް ނޭޅުމަކީ އެމީހަކު ކާފަރު ވާނެ ކަމެއްތޯ؟
ޖަވާބު:
بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.
މުއުމިނު އަންހެނާ އޭނާގެ އައުރަ ނިވާކުރުމަކީ ވާޖިބެއްކަން ދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. މާތް ﷲ ވަޙީ ކުރައްވަނީ ( يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلابِيبِهِنَّ ذَلِكَ أَدْنَى أَن يُعْرَفْنَ فَلا يُؤْذَيْنَ ..... ) އަލްއަޙްޛާބު 59. މާނައީ: " އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން (ޖިލްބާބުތަކުން) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުންނަކީ މުއުމިނު ޢިއްފަތްތެރި އަންހެނުންކަން އެނގިގެންވުމަށާއި ފާސިޤުންގެ ކިބައިން އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ."
މިގޮތުން މުއުމިނު އަންހެނާގެ މޫނާއި ދެ އަތްތިލަނޫން އެހެން ހުރިހާ ތަނެއް ނިވާކޮށް ފޮރުވުމަށް ހުރިހާ ޢިލްމުވެރިންވެސް އިއްތިފާޤުވެލައްވައެވެ. ހިޔާލުތަފާތު ވެފައިވަނީ މޫނު ނިވާކުރުމާމެދުގައެވެ. ބައެއް ޢިލްމުވެރިން މޫނު ނިވާކުރުން ވާޖިބު ކުރައްވާއިރު، ބައެއް ޢިލްމުވެރިން ވާޖިބެއްކަމަށް ދެކިވަޑައިނުގަންނަވައެވެ. އަދި ވާޖިބެއްކަމަށް ދެކިވަޑައިނުގަންނަވާ ޢިލްމުވެރިންވެސް ފިތުނަވެރި ޙާލަތްތަކުގައި މޫނު ނިވާ ކުރަންޖެހޭނެކަމަށް ވިދާޅުވެއެވެ. ކޮންމެއަކަސް މޫނުނިވާކުރުމަކީވެސް ދީނުގެތެރެއިން ވާކަމެއްކަމާމެދު ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެލައްވައެވެ. ވީމާ، މުއުމިނު އަންހެނުންނަށް އޮތީ އެކަނބަލުންގެ ޢައުރަ ނިވާކޮށްގެން ތިބުމެވެ.
ދެން ތިޔަ ސުވާލުގެ ޖަވާބުގައި ދަންނަވާނީ މުއުމިނު އަންހެނާގެ ޢައުރައަކީ ފޮރުންވަންޖެހޭ އެއްޗެއްކަން ޤަބޫލުކޮށް އެހެންނަމަވެސް ބުރުގާ ނާޅާ އަންހެންނާ މާތް ﷲ ގެ އިރާދަފުޅާ މިންވަރުފުޅުން ސުވަރުގެ ވަންނާނެއެވެ. އޭނާއަކީ ކާފަރެކޭ ނުބުނެވޭނެއެވެ. އަދި އޭނާއަކީ ނަރަކައިގައި އަބަދުގެ އަބަދަށް ދެމި އޮންނާނެ މީހެއްނޫނެވެ. އެހެންނަމަވެސް އެފަދަ މީހަކު އެވަނީ ވަރަށް ބޮޑޫ ނުރައްކަލެއްގައެވެ. ސަބަބަކީ އައުރަ ނިވާނުކުރުމަކީ ބޮޑެތިފާފަތަކުގެ ތެރެއިން ފާފައަކަށް ވާތީއެވެ. މާތް ﷲ އެމީހެއްގެ ފާފަ ނުފުއްސަވައިފިނަމަ ނަރައިކައިގެ ވޭންދެނިވި ޢަޛާބު އެމީހަކަށް ޙައްޤުވެގެންވުމާއި އަދި އެކަމުގެ ވަޢީދުގެ ބަސްފުޅުއައިސްފައިވާތީއެވެ.
ބުރުގާ އެޅުމަކީ (އައުރަނިވާކުރުމަކީ) ވާޖިބެއްކަމާމެދު އިންކާރުކޮށް ނުވަތަ އެއަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ މުރުތައްދުވެ ދީނުންބޭރުވާނެ ކަމެކެވެ. އެއީ ދީނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ކަމަކަށް އެނގިހުރެ އިންކާރުކޮށް ނުވަތަ މަލާމާތްކުރުމަކީ އެމީހަކު ދީނުންބޭރުވެ ކާފަރު ވާނޭ ކަމެއްކަމަށްވާތީއެވެ.
މިފަދަ މީހަކު މަރުވުމުގެ ކުރިން މާތް ﷲއަށް ތައުބާވެ އިސްތިޣްފާރުކުރަންޖެހޭނެއެވެ. އެހެންނޫނީ އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑެވެ.
ސުވާލުގައި ތިވާ ބުރުގާ ނާޅާ (ނުވަތަ ހެދުން ލައިގެން އޮރިޔާމުން ތިބޭ) މީހުން ސުވަރުގެ ނުވަދެވޭނޭ ނުވަތަ ސުވަރުގޭގެ ވަސްވެސް ނުފެންނާނޭ ޙަދީޘްގައި އޮންނަކަމަށް ޢިލްމުވެރިން ވިދާޅުވާ ޙަދީޘަކީ ޞައްޙަ ޙަދީޘެކެވެ.
މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ: " صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْم مَعَهُمْ سِيَاطٌ كَأَذْنَابِ اْلبَقَرِ يَضْربُونَ بِهَا النَّاسَ ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيْلاَتٌ مَائِلاَتٌ ، رُؤُوْسُهُنَّ كَأَسْنِمَةِ الْبَخْتِ الْمَائِلَةِ ، لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيْحَهَا ، وإنَّ رِيْحَهَا لَيُوْجَد مِنْ مَسِيْرَةِ كَذَا وَكَذَا " ރަވާހު މުސްލިމް. 5547 .މާނައީ: "ނަރަކައިގެ އަހްލުވެރިންގެ ތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަން ކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގެ ގައިގާ ނުޙައްޤުން ތަޅާ އަދަބު ދޭ ބަޔަކާއި، ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލު ގޮށްގަނޑު ހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ. އެތާނގެ ވަސް އެވަނީ އެވެނި މިވެނި މޭލުކޮޅަށް ފޯރާފައެވެ."
މިޙަދީޘްގައި އެވާ " لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيْحَهَا " މާނަ: " އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ." މި ބަސްފުޅަކީ ވަޢީދުގެ ބަސްފުޅެކެވެ. މިބަސްފުޅުގެ ޝަރަޙާގައި ދެމާނައެއް ދޭހަވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ:
1- އައުރަ ނިވާނުކުރުމަކީ ޙަރާމްކަމެއްކަން އެނގި ހުރެ އެ ޙަރާމްކަންތައް ޙަލާލުކޮށް އައުރަ ނިވާނުކުރާ މީހާ ސުވަރުގެ ނުވަންނާނެއެވެ.
2- ފުރަތަމަ ސުވަރުގެއަށް ގޮވާލެވޭއިރު ކާމިޔާބުލިގެންވާ މީހުންނާއެކު ނުވަދެވޭނެއެވެ.
ކޮންމެއަކަސް އެފަދަ މީހަކު އެވަނީ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށް އަރައިގެންފައެވެ. އެމީހަކު އައުރަ ނިވާނުކޮށްހުރެ މަރުވެއްޖެނަމަ މާތްﷲ އެމީހަކަށް ފުއްސަވައިދެއްވައިފިނަމަ އުފަލުގެ ކޮޅެއްނެތެވެ. ފުއްސަވައިނުދެއްވައިފިނަމަ ހަލާކުގެ ކޮޅެއްނެތެވެ. އެމީހަކަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ. އެހެން ނަމަވެސް އެމީހަކު ނަރަކައިގައި އަބަދަށް ދެމިނުއޮންނާއެވެ. އައުރަނިވާނުކުރުން، އަދި ޒިނޭކުރުން ފަދަ ބެޑެތި ފާފަތައްކުރާމީހުންނާމެދު އަހްލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއަކީ މިއީއެވެ.
މާތް ﷲ ވަހީކުރައްވަނީ: " إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ " ނިސާ ސޫރަތުގެ 48 ވަނަ އާޔަތް. މާނައީ: ހަމަކަށަވަރުން ﷲ، އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވާނެތެވެ...." އާދެ އޭނަގެ ފާފަތަކުން ތައުބާނުވާ މީހާއެވެ.
އެހެންނަމަވެސް އޭނަގެ ފާފައިން ތައުބާވެއްޖެނަމަ މާތް ﷲ އެމީހަކަށް އެފާފަ އެއް ފުއްސަވާދެއްވާނެއެވެ. މާތްﷲ ވަހީކުރައްވަނީ: " قُلْ يَا عِبَادِي الَّذِيْنَ أَسْرَفُوْا عَلَى أَنْفُسِهِمْ لاَ تَقْنَطُوْا مِنْ رَحْمَةِ اللهِ إِنَّ اللهَ يَغْفِرُ الذُّنُوْبَ جَمِيْعًا..." ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތް. މާނައީ:" ކަލޭގެފާނު ވިދާޅު ވާށެވެ! އެބައިމީހުނަގެ އަމިއްލަ ނަފުޞުތަކުގެ މައްޗަށް ފާފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާންގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުއްމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އީ، އެންމެހައި ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ."
މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހިދާޔަތު ދައްކަވާ ހެޔޮމަގަށް އުޅުމުގެ ތަޥްފީޤުދެއްވާށި! އާމިން.
واللّـه أعلم
ޖަވާބު: އެމްވީ އިސްލާމް ކިޔުއޭ
ގައުމުގެދަރީންނޭ ހަޔާތުގެ މިވަގުތު ކޮޅާއި މެދުވިސްނާނުލާއިފި ނަމަ ފަހުން ހިތާމަކުރަންޖެހޭނެ އެއްބާއިލުމުވެރިން ވަލިއްޔުލްއަމުރާ ދެކޮޅުހެދުން މަނާކުރާއިރު ވަލިއްޔުލް އަމުރު މުސްލިމުންނާއި އިސްލާމުދީނާއި ދެކޮޅަށް ކުރަން ފަށާފައިވާމަސައްކަތައްރިޔާއަތް ކުރުމަކާނުލާ ތިމާގެމުސްލިމު އަހާދިމާލައް ދުއްވައިގަންނަނީ ކީއްވެތޯ ސުވާލުއުފެދެއެވެ ހިތާމަކުރަން މާއްދިއްޔަތުގެ އަޅުންނަށްއިލުމުވެރިންވެ ދުނިޔެއަށްޓަކާ އާޙިރަތް ވިއްކަމުން ސޭލުއަޅުވަން ތިދަނީކުޑަވެސްޖެހިލުމެއްނުވާހާލު ގައުމުފަސާދަ ކުރާއިލުމުވެރިން ވެސް އެބުރި އައުމަށް ގޮވާލަން ޔާﷲއިލުމުވެރިންނަކީއަޅަމެންނަށް އޮޅުވާލައި ބަޔަކުމުގައިނުލަށްވާދޭ އެބައިމީހުންނަކީ ރަގަޅުމަގުދައްކާބަޔަކުކަމުގައިލަށްވާދޭ