ރިޕޯޓްދިއިސްލާމް

އަންހެނެއްވިއްޔާ ހަންގަނޑެވެ. "ޕިއްލޭ" މެން އަންހެނުންނަށް ހޯދައިދޭ ޝަރަފާއި ކަރާމާތުގެ ތެރެއިން... (1 ވަނަ ބައި)

"އަބޫ އުމާމާ" ގެ ގަލަމުން

މިއަދު އަޅުގަނޑުމެންގެ ތެރެއަށް ފެތުރިގެން މިދިޔައީ ކޮންމެވެސް ޕިއްލޭއެއްގެ އަޑެކެވެ. މިވާގޮތަކީ ދިވެހި ރާއްޖޭގައި އަންހެނުންގެ ޝަރަފާއި ކަރާމާތް ނިގުޅައިގެނެވެނީ ޔޯއެވެ. އެކަނބަލުންނަށް އިހާނެތިކޮށް ހިތެވެނީ ޔޯއެވެ. ލަދުވެތިކަމާއި ޝަރަފާއި ކަރާމާތުން އެއްކިބާވެ ޒިނޭގެ ލަދުޙަޔާތެއްނެތް ޢަމަލުހިންގުމުގެ ސަބަބުން ޙައްދުޖެހުން ޤާއިމްކުރުމަކީ ޒަމާނީ ޑިމޮކްރަސީގެ "މަތިވެރި" އުސޫލުތަކާއި އަންހެނުންގެ ޢިއްޒަތާއި ފުށުއަރާކަމަކަށް ވަނީޔޯއެވެ. އަދި މިކަމާމެދު ދިވެހިން ބަހުސަކަށް ދާންވީއްޔޯއެވެ؟ އަދި މިނޫނަސް އަޅުގަނޑުމެންގެ މާތް އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ހަޖޫޖެހުމުގެ ގޮތުން އިތުރު ވާހަކަތައް މި އަންހެނާ ދެއްކިމެއެވެ.

މި އަންހެނާ މިވާހަކަދައްކާ ނިމުމާއެކު ދިވެހިންގެ  "ޢިއްޒަތްތެރިން" އަތްތިލަބަޑިޖައްސަވާ އެކަކަށްވުރެ އަނެކަކު ކުރިން މި އަންހެނާ އާއި އަތާއި އަތްޖޯޑުކޮށް ސަލާމްކުރުމަށްޓަކައި ތެޅިގަތްތަން ދުށީމެވެ. އެކަމަކު ޢިއްޒަތްތެރިކަންވަނީ ﷲއަށާއި އެކަލާނގެ ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް އަށާއި މުއުމިނުންނަށް ކަން އަހަރުމެން ދަންނަމުއެވެ.

މިހާސަރުތައްދެމި މި އަންހެނާ އަކީ އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އެމްބެސެޑަރެކެވެ. މި އދ. ނުވަތަ ޔޫއެން އަކީ ޑިމޮކްރަސީގެ އައްޕައެވެ. އެކަމަކު ޑިމޮކްރަސީ އެންމެބޮޑަށް ފޫގޮސްފައި އޮންނަނީވެސް މިތަނުގައެވެ. އެއީ ޑިމޮކްރަސީ އަކީ ގިނަމީހުން ބޭނުންވާގޮތް ކަމަށްވާއިރު  އދ. ގެ އެހެން ހުރިހާ މެމްބަރުން އެއްކޮޅަށް ޖެހުނަސް  އެމެރިކާ، ނުވަތަ ރަޝިޔާ ނުވަތަ ޗައިނާ ނުވަތަ ފްރާންސް ނުވަތަ ޔޫކޭ އިދިކޮޅު ހަދައިފިނަމަ އެކަމެއް އެހާހިސާބުން ނިމުނީއެވެ. ވީޓޯކުރުމުގެ ބާރުލިބިފައިވާ މިފަސްޤައުމަކީ އދ. ގެ ދާއިމީ ފަސް މެމްބަރުންނެވެ. މިގުރޫޕުން ޖާގަލިބޭތޯ އިންޑިޔާ އާއި ޖަޕާނު ފަދަ ޤައުމުތަކުން ހޭބޯނާރާ މިހާރުވެސް މަސައްކަތްކުރަނީއެވެ. މިއީ އދ. ގެ ޑިމޮކަރަސީގެ ޙާލަތެވެ. މައުޟޫއަށް އެނބުރި ދަމާ ހިނގާށެވެ.

މި އަންހެނާ މިފާޅުކުރި ޚިޔާލަކީ ދިވެހިންގެ ތެރެއަށް އަލަށް އައިސްގެން އުޅޭ ޚިޔާލެއްނޫނެވެ. މިއީ މީގެ ކުރިން ބައެއް ދިވެހި ވެބްސައިޓްތަކާއި ފޯރަމްތަކުގައި ބައެއްދިވެހިން ފާޅުކޮށްފައިވާ ޚިޔާލެކެވެ. އަދި ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަންތައްތަކުގައިވެސް ޚިޔާލު ހޯދުމުގެ ޕޯލްތައް ބައެއް މަޝްހޫރު ދިވެހި ވެބްސައިޓްތަކުން ފެނެއެވެ. މިގޮތުން ރާއްޖޭގެ އެންމެ މަޝްހޫރު އޮންލައިން ނޫހެއްގައި އަންހެނުން ޤާޟީކަމަށް އިސްކުރަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބަލަން ހުޅުވާލި ޕޯލްއެއް އަޅުގަނޑު ދުށީމެވެ. މިހާރުވެސް އެސައިޓުގެ އާކައިވް އިން މިފެންނަން ހުރުމަކީ އެކަށީގެންވާ ކަމެކެވެ.  މިފަދަ ޚިޔާލެއް މިހާ ފާޅުކަންބޮޑު ގޮތެއްގައި އަދި ރާއްޖޭގެ ޤާނޫނުތައް ހަދާ މަޖުލީހުގައި ފާޅުކުރެވުނު މިއީ ފުރަތަމަ ފަހަރު ކަންނޭނގެއެވެ. މިއަންހެނާ މިކަމެއްމިކުރީ ދިވެހިންގެ ބައެއްގެ "ބެކަޕް" ލިބިގެން ކަމާމެދު ކުޑަކޮށްވެސް ޝައްކެއް ނުކުރަމެވެ.

މަޢަފުކުރައްވާށެވެ. ލިޔުމުގެ ސުރުޚީގައި އެހިމެނޭ ޢިބާރާތާ ހަމައަށް އަދިވެސް މިއުޅެނީ ނުދެވިގެންނެވެ. ދަންނަވަން މިއުޅެނީ ހުޅަނގުގެ ޤައުމުތަކުން އަންހެނުންނަށް ހޯދައިދޭ ޢިއްޒަތާއި ޝަރަފާއި ކަރާމާތުގެ "ފުރިހަމަ" ކަމުގެ ވާހަކައެވެ. އެމީހުން އެދަޢުވާކުރާ އަންހެނުންނާއި ފިރިހެނުންގެ "ހަމަހަމަ" ކަމުގެ ވާހަކައެވެ. ކަމުގެ އަސްލަށް ބަލާއިރު، އެމީހުން އެހޯދައިދޭ ޢިއްޒަތާއި ޝަރަފާއި ހަމަހަމަކަން އެއީ ހަމަ ވަހުމެކެވެ. ދަޅައެކެވެ. އަވާމެންދުރެކެވެ. ރަނގަޅަށް ލޯހުޅުވައިގެން ބަލައިލައިފިނަމަ މިކަމުގެ ޙަޤީޤަތް ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނާނެއެވެ. އެކަން ސާބިތުކޮށްދިނުމަކީ ދާދި ފަސޭހަކަމެކެވެ.

ތަފާތު ޤައުމުތަކުގެ ސަރުކާރުތަކާއި ބޮޑެތި ކުންފުނިތަކާއި ވިޔަފާރިވެރިންގެ ވާހަކައެއް ނުދައްކާނަމެވެ. ޢާއިލީ ގުޅުމާއި ޖަމާޢަތް ޖަމާޢަތުގެ ވާހަކަވެސް މިފަހަރު ބާއްވާށެވެ. މިއުޒިކާއި މުނިފޫހިފިލުވުމުގެ ދާއިރާވެސް މިފަހަރު އެއްކިބާ ކުރަމާ ހިނގާށެވެ. މިވަގުތު ހަމައެކަނި ފާހަގަކޮށްލަން ބޭނުންވަނީ ދުނިޔޭގެ ފެންވަރުގައި ކުޅެވޭ ކުޅިވަރެވެ. ތަފާތު އެކި ތަންތާގައި ތަފާތު ނަންނަމުގައި ތަފާތު ގޮތްގޮތަށް ކުޅެވޭ ކުޅިވަރުތަކެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް ކުޅޭ ކުޅިވަރުތަކެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް ބަލާ ކުޅިވަރުތަކެވެ.

"ދަންނަވަން މިއުޅެނީ ހުޅަނގުގެ ޤައުމުތަކުން އަންހެނުންނަށް ހޯދައިދޭ ޢިއްޒަތާއި ޝަރަފާއި ކަރާމާތުގެ "ފުރިހަމަ" ކަމުގެ ވާހަކައެވެ. އެމީހުން އެދަޢުވާކުރާ އަންހެނުންނާއި ފިރިހެނުންގެ "ހަމަހަމަ" ކަމުގެ ވާހަކައެވެ. ކަމުގެ އަސްލަށް ބަލާއިރު، އެމީހުން އެހޯދައިދޭ ޢިއްޒަތާއި ޝަރަފާއި ހަމަހަމަކަން އެއީ ހަމަ ވަހުމެކެވެ. ދަޅައެކެވެ. އަވާމެންދުރެކެވެ. ރަނގަޅަށް ލޯހުޅުވައިގެން ބަލައިލައިފިނަމަ މިކަމުގެ ޙަޤީޤަތް ކޮންމެ މީހަކަށްވެސް ފެންނާނެއެވެ."

އެވެރިންގެ ތެރޭގައި ކުޅެވޭ ހުރިހާ ކުޅިވަރެއްގައިހެން އަންހެނުން ނަމަ އަޅަން މިޖެހެނީ ވަރަށް ނިވާކަންކުޑަ ހަށިގަނޑުގެ ބޮޑުބައެއް ހާމަވާފަދަ ހެދުންތަކެވެ. އަޖައިބުވާންޖެހޭ ކަމަކީ ހަމަ އެކުޅިވަރުތައް ފިރިހެނުން ކުޅޭއިރު ހަށިގަނޑުގެ ބޮޑުބައެއް ނިވާކުރާ ކަމެވެ. މިއިން ދޭހަވާ އެއްޗަކީ އަންހެނުން މައިގަނޑު ގޮތެއްގައި މިބޭނުންކުރެވެނީ "ސެކްސް އޮބްޖެކްޓް" ތަކެއްގެ ގޮތުގައެވެ.

އާދޭހެވެ. ފިރިހެނުންގެ ޖިންސީ އަރީޒާ ހޭލައްވާލާ އެކަމުގެ ކަރުހިއްކުން ބޮޑުކޮށް އަދި އެކަން ކެނޑުވުމަށް ބޭނުންކުރެވޭ ވަޞީލަތެއްގެ ގޮތުގައެވެ. ކުޅިވަރުތަކުގެ ޤަވާޢިދުތައް ކަނޑައަޅާ، ކުޅިވަރުތައް އިންތިޒާމްކުރުމުގައި ނުވަތަ ކުޅިވަރުތަކަށް ޚަރަދުކޮށް ސްޕޮންސަރުކުރުމުގައި އިސްސަފުގައި މިތިބެނީ ގިނައިން ފިރިހެނުންނެވެ. އެހެންކަމަށްވުމާއެކު އެވެރިންގެ މައިގަނޑު ބޭނުމަކަށް ވެފައި މިއޮންނަނީ އެކުޅިވަރުތަކުގައި ބައިވެރިވާ އަންހެންވެރިންގެ ހަށިތައް ނީލަންކިޔޭނެ ގޮތް ހެދުމެވެ. އަންހެނުންގެ ހުނަރާއި ކުޅަދާނަކަމަށްވުރެ ބޮޑަށް އެވެރިން ސަމާލުކަންދެނީ އަންހެނުންގެ ޖިސްމުތަކަށެވެ.

މިސާލަކަށް ޓެނިސް ނަގަމާ ހިނގާށެވެ. އަންހެނުން ލާން މިޖެހެނީ ޓޮޕަކާއި ފޫކޮޅު ނުފޮރުވޭވަރުގެ މިނީސްކާޓެކެވެ. ޓޮޕް މިހުންނަނީ ގައިގެ ބައްޓަމަށް ގަޔަށް ބާރުކޮށެވެ. ކުޅިވަރުގެ ގަވާއިދު ބުނާގޮތުން އެމީހުންނަކަށް ފައިގެ ފަލަމަސްގަނޑު ނިވައެއް ނުކުރެވެއެވެ. ކުޅެން މިޖެހެނީ ލައިގެން ހުންނަ ޖަނގިޔާ ދައްކައިގެންނެވެ. އެކަމަކު ފިރިހެނުން ގަޔަށް ދޫކޮށް ހުންނަ ޓީޝާޓް ލާއިރު ކަކުލާއި ހަމައަށް ފޯރާ ސޯޓް ވެސް ލެވެއެވެ. ރަފައެލް ނަޑާލް އެނގިލައްވާތޯއެވެ؟ މިއީ މިމީހުން މިކިޔާ ޝަރަފެވެ. ހަމަހަމަ ކަމެވެ.

(ނުނިމޭ)

ގުޅުންހުރި

6 ޚިޔާލު

  1. 2 ވަނަ ބަޔަށް އިންތިޒާރު ކުރަން

  2. ކީއްކުރާނީ އިއްޒަތްތެރި ޑޮކްޓަރވެސް ތެޅގަތީ ކަންވެ ނިމުނުފަހުން ނެވެ. އެކަމަނާ ވަާހަކަ ދައްކަމުން ދިޔައިރު ކަމަނާގެ ބުރުސޫރަ ފެނިފައި އެވާހަކަ އެވަގުތު ފަހުމް ނުވީ ކަމަށް ވެދާނެއެވެ. މީވެސް އިއްޒަތްތެރި ޑޮކްޓަރުން ދީނަށް ލޯބިކުރާ މިންވަރެވެ.

  3. ވަރަށް ރަގަޅު ވާހަކައެއް

  4. ކީކޭ ދެންބުނާނީވެސް ދޯ!؟ އަންތަރީސް ނުވާނެތަ ހައްގުގޮތާ ބާތިލުގޮތް ލޮލުންފެންން އިރުވެސް މި ނުކުޅެދޭ އިންސާނަ ގަބޫލެއް ނުކުރޭ.

  5. އ.ދ ގެ އިންސާނީ ހައްޤުތަކާއި ބެހޭ އެމްބެސެޑަރ ރާއްޖެ އައީ ދިވެހި ސަރުކާރުގެ ދައުވަތަކަށް ،އޭނާ ރާއްޖޭގައި ތަގުރީރު ކުރުމުގެ ފުރުސަތު ވެރިކަން ހިންގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އާއި ޤާނޫނު ހެދުމުގެ ބާރު ރައްޔިތުން މަޖިލީހުގެ ރައީސް ދެއްވީމަ އޭނަ އަށް އެތަގުރީރު ކުރެވުނީ މިކަން އެންމެން ނަށް ވެސް އެނގޭ ، މީގައި ހެއްވާ ކަމަކީ ، އިސްލާމް ދީނަށް ލޯބި ކުރާ ފަރާތް ތަކުން މި ތަގުރީރާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރާއިރުވެސް ، ރައީސުލް ޖުމްހޫރިއްޔާ ކޮންމެވެސް އެހެން ކަމަކާ ކަން ބޮޑުވެގެން އުޅެނީ މޫސުމަށް އަންނަ ބަދަލުތައް އޮޅުވާލާ ވާހަކަޔާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވާ ވާހަކަ ، މިކަމުން ދޭހަ ވަނީ ، މީ ދިވެހި ސަރުކާރުން ރައްޔިތުންގެ ސަމާލުކަން ދީނާއި ގުޅޭ ކަންކަމުގައި އެކިފަހަރު އެކި ފަރާތް ފަރާތައް ކޮންސަންޓްރޭޝަން ބަދަލްކޮށް މޯޓިވޭޓްކޮށް ރައްޔިތުން ހަލަބޮލި ކޮށްފައި ކޮންމެވެސް ކަހަލަ ކަމެއް އަނެއްކާވެސް ކޮއްލައިގެން ވެސް ދުނިޔޭގެ ސަމާލުކަން ހޯދައިގެން މެޑަލްއެއް ހޯދުން، ހިސާބަށް ވުރެ ބޮޑަށް އަމިއްލަ އެދުން ބޮޑުވާ މީހުންގެ ނިމުން ވަރަށް ހިތިގޮތަކަށް މިދުނިޔެ މަތީގައިވެސް ފެންނަމުންދާ ކަމީ ހަގީގަތެއް

  6. ހުދް މި ލިއުމުގައި އެކަނިވެސް އަންހެނުންގެ އެތައް ހައްޤަކަށް ލިއުންތެރިޔާ އަރައިގަނެފައިވޭ..ދެން އަހާލަން ބޭނުންވާ ވާހަކައަކީ ހައްދު ޖަހަން އަމުރު ކުރައްވާފައިވަނީ ހަަމައެކަނި އަންހެނުންގެ ގައިގާތޯ؟ ޒިނޭ ޒިނޭ އަށް އަށް ވަނީ ހަމައެކަނި އަންހެނުން ކުރީމަތޯާ؟ ތިޔަ ފަދަ އިއްޒަތާއި ސަރަފު ލިބެން ބޭނުންވާ މީހުން އަބަދުވެސް އެދޭނީ އަންހެނުން ފައިފޮހީގެ ދަރަޖަ ލިބެން. ދެން އިންލާމް ދީން ހަރިޔާރެއްގެ ގޮތުގައި ބޭނުންކުއްގެން ވާހަކަ ދައްކާނީވެސް ތިޔަ ފަދަ ނާތަހްޒީބް މީހުން. ބަަލަގަ އިސްލާމްދީނަށްވުރެން އަންހެނުންގެ ޙައްގުތައް ހިމާޔަތްވެގެންވާ ދީނެއް ނުވޭ…ދެން މީހުންގެ ވިސްނުން އޮޅުވާލާ ފިތުނަ ފަސާދަކުރަން ދުނިޔޭގައި އުޅޭ މީހުންގެ ވާހަކަ ޤުރުއާނުގައި އެތައް ފަހަރަކު އައިސްފައިވޭ…

Your email address will not be published. Required fields are marked *

More in ރިޕޯޓް