ރިޕޯޓްދިއިސްލާމް

ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ކޮބާ؟

ދާދިފަހުން ފޭސްބުކްގައި ރައްޓެއްސަކު ލިޔެފައިވާ ސްޓޭޓަސްއެއްގައި މިހާރު ކުރިއަށްދާ އިންޤިލާބުތަކަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ވެރީންނަށް އަމާޒުކޮށްވެސް ރައްޔިތުންގެ މެދުގައި އިންޤިލާބީ ލޭ ހުރިކަމާއި، އެހެންކަމުން ކެތްތެރިކަން އިމްތިޙާނު ނުކުރުމަށް ގޮވާލާފައިވެއެވެ. އޭގެ ޒާތުގައި މި ސްޓޭޓަސްއާއިމެދު އަޅުގަނޑު ދެބަސްވާކަށް ނެތީމެވެ. އެހެންނަމަވެސް، މުހިންމު ދެތިން ނުކުތާއަކަށް އަލިއަޅުވާލަން ބޭނުމެވެ.

ވެރިކަން ބަދަލުވުމުގެ ވިސްނުން އުފެދެނީ ކީއްވެ؟
އިންސާނާއަކީ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާނޭ ފަދައަކުން އުފައްދަވާފައިވާ ﷲގެ މަޚްލޫޤެކެވެ. މަގުދައްކައިދިނުމަށް ވެރީންތަކެއްވެސް ޢައްޔަނުކުރެވެއެވެ. ދުނިޔޭގެ ތާރީޚުގައި ވެރީން ނެތްޒަމާނެއް ފެންނާން އޮތްކަމެއް އަޅުގަނޑަށް އެނގިފައެއް ނުވެއެވެ. ރަސްކަލުންނާއި، ރައީސުންނާއި، ޢަސްކަރީ ޖެނެރަލުން އަދި ތަފާތު ނަންނަމުގައި ވެރީން ޢައްޔަނުކުރެވެއެވެ. މައިގަނޑު ބޭނުމަކީ ތިމަތިމާމެންގެ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމެވެ. އެހެންނަމަވެސް، ތިމާގެ ރައުޔާއި ޚިލާފަށް ވެރިމީހާ ކަމެއް ކޮށްފިނަމަ، އޭނާއާ ދެކޮޅު އިޙްސާސްތަކެއް ކުރެވެއެވެ. ގިނަކަންތައްތައް ކުރާނަމަ، މި އިޙްސާސްތައް އިތުރުވެގެންދެއެވެ. އަދި ގިނަ ބަޔަކު މި އިޙްސާސް އެއްގޮތެއްގައި ކުރާނަމަ، ވެރިކަން ބަދަލުކުރުމުގެ ޝައުޤު އުފެދި، އެ ވިސްނުން އުފެދެއެވެ.

ވެރިކަން ބަދަލުވުމުން ދެން ކަންތައްތައްވަނީ ކިހިނެއް؟
އިންޤިލާބު ގެނެސް ނުވަތަ ވެރިކަން ބަދަލުވުމުން، ޙަޤީޤަތުގައިވެސް ރައްޔިތުންގެ އުންމީދުތައް ޙާޞިލްވޭތޯ މިއީ ވަރަށް ބޮޑު ސުވާލެކެވެ. މިސުވާލުގެ ޖަވާބު ދުނިޔޭގެ އެހާރާއި މިހާރުގެ ތާރީޚުންނާއި، މި ދިވެހި ޖައްވުން ހޯދުމަށް ކިޔުންތެރީންނަށް ދޫކޮށްލަމެވެ.

އެހެންކަމަށްވާނަމަ، ރަނގަޅު ވެރިއަކު ނެތީތަ؟
ރަނގަޅު ވެރިއަކު ހޯދުމަށް ވަރަށް ފަސޭހަ ގޮތެއް އެބައޮތެވެ. އެއީ ކޮންގޮތެއްތޯއެވެ؟ ނުވަތަ ރަނގަޅު ވެރިޔެއްތޯ ބަލާނޭ މިންގަނޑަކީ ކޮބައިތޯ އެވެ؟ ރައްޔިތުންދެކެ ލޯބިވާވަރު ހާމަކޮށް ޕޯޑިއަމްތަކާއި ޓީވީތަކުގައި އިންޓަވިއު ދިނުންތޯއެވެ؟ ފޭސްބުކާއި އެހެނިހެން ސޯޝަލް ނެޓްވޯކްތަކުގައި ލިޔުން ލިޔެ އެކަން ހާމަކުރުންތޯއެވެ؟ ނޫނެކެވެ. އެއީ، އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުމަރުބުނު ޢަބްދުލްޢަޒީޒްގެ މަގެވެ. ފުރިހަމަގޮތުގައި ﷲ އަށް ކިޔަމަންތެރިވުމެވެ. އެހެންވާނަމަ، އެބޭކަލުން ފަދައިން ރައްޔިތު ނިކަމެތި މީހާގެ ޙައްޤަށް ވެރިމީހާ ރައްކާތެރިވާނެ އެވެ.ފަހަރެއްގައިވެސް ރައްޔިތެއްގެ ޙައްޤަކަށް އަރައެއް ނުގަންނާނެއެވެ. އެބޭކަލުންގެ މަގުން ހިނގާ ވެރިއެއްގެ ވެރިކަމުގައި ރައްޔިތުންގެ ޙައްޤުތައް ހޯދަން، މަގު މެދުގައި ހަޅޭއްލަވައި ޕާކުތަކުގައި ނިދާހަދާކަށް ނުޖެހޭނެއެވެ.

ޙަޤީޤަތުގައި އަޅުގަނޑުމެންނަށް މި އުޅެވެނީ މާއްދީ ގޮތުން މިކަން ޙައްލުކުރާށެވެ. އެހެންނަމަވެސް އެކަން އެގޮތަށްވުމަކީ ވާނޭ ކަމެއް ނޫނެވެ. ކުޑަ މިސާލެކެވެ. ކުޑަ އޮފީހަކަށް ލިބޭ އާމްދަނީއިން އެތާނގެ މުވައްޒަފަކު ވައްކަންކުރަނީއެވެ. އެކަން ފަޅާއެރުމުން، އެ މުވައްޒަފު ވަކިކޮށް އޮފީހުގެ އިންތިޒާމްތައް ރަނގަޅުކޮށްފިއެވެ. އެހެން ގޮތަކަށް ބުނާނަމަ، އިންޓާނަލް ކޮންޓްރޯލްސް ނުވަތަ "ސިސްޓަމް" ރަނގަޅު ކޮށްފިއެވެ. އެހެންނަމަވެސް، އެތަނުގެ މުވައްޒަފުންގެ މެދުގައި އެތަނުން ވައްކަންކުރުމުގެ ޝައުޤު ހުރިނަމަ، ކޮންމެވެސް އެހެން އުކުޅަކުން އެކަން ކުރާނެއެވެ. އެހެންނަމަވެސް، އޭނާއަކީ ﷲއަށް އީމާންވާ، ސިއްރާއި ފައުޅުގައި ތިމާކުރާ ކަންތައްތައް ދެނެވޮޑިގެންވާ އިލާހަކު ވާކަމަށް ފުރިހަމައަށް ޤަބޫލުކުރާ މީހަކުނަމަ، ކިތަންމެ ފަސޭހަ ގޮތެއްގައި އެކަން ކުރުމުގެ ފުރުޞަތު އޮތްނަމަވެސް އެކަމެއް ނުކުރާނެއެވެ.

އޭގެ ބޮޑު މަންޒަރު މިޤައުމުން ފެނިގެން އެބަދެއެވެ. ޤާނޫނު އަސާސީ އެކުލަވާލެވި، ތިން ބާރު ވަކިކުރެވިއްޖެއެވެ. އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާނޭ ކަމަށް ބުނެވެ އެވެ. އަދި މީގެ އިތުރުން އެބާރުތަކަށް ފާރަވެރިވާނޭ މުސްތަޤިއްލު މުޢައްޞަޞާތަކެއް އުފައްދައި، ބޮޑު މުސާރަ ދެވެއެވެ. އެހެންނަމަވެސް ނަތީޖާއަކީތޯއެވެ؟ ތިމާއަށް ހޯދުނު ގޮތަކުން ދައުލަތުގެ ފައިސާ ހޯދައި އެއަށް ޚިޔާނާތްތެރިވަނީއެވެ. ގާތްތިމާގެ މީހުންނާއި ރައްޓެހީންނަށް ވަޒީފާ ދެނީއެވެ. މިކަމުގައި ވަކި، ތަންފީޒީ ބާރު (ސަރުކާރު) ނުވަތަ ރައްޔިތުންގެ މަޖިލީހެއް ނުވަތަ ފަނޑިޔާރުގެއެއް ނުވަތަ މުސްތަޤިއްލު މުޢައްޞާޞަތަކެއް ވަކި ތަފާތެއް ނެތެވެ.

އެހެންކަމުން ރައްޔިތުން އަދިވެސް ވިސްނާކަށް ނުވޭތޯއެވެ؟

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް