ރިޕޯޓްދިއިސްލާމް

މުސްލިމުން އަޅުކަން ކުރަނީ ގެފުޅަށް ބާ؟

މުސްލިމުންނަކީ ބުދަށް އަޅުކަން ކުރުމާ ވަރަށް ދެކޮޅު ހަދާ ބައެކެވެ. ވީއިރު މުސްލިމުން ކަޢުބަތުﷲ ގެފުޅަށް ސަޖިދަ ކުރަނީ ކީއްވެ ބާއެވެ؟ އަދި އެތަނަށް އެބައިމީހުން ﷲ ގެ ގެފުޅޭ ކިޔަނީ ކީއްވެ ހެއްޔެވެ؟ ﷲ އެތާގައި ދިރި އުޅޭކަމަށް މުސްލިމުން ޤަބޫލު ކުރަނީ ހެއްޔެވެ؟

މަތީގައި އެވަނީ ޣައިރު މުސްލިމަކު ކުރި ސުވާލެކެވެ. ސުވާލު ކިޔާލުމުން ބައެއް މީހުންނަށް ކޮންމެހެން ޖަވާބު އެނގެން ބޭނުންވާ ފަދަ ސުވާލެއް ކަމަށް އަހަރެން ދެކޭ ސުވާލެކެވެ. ކޮންމެއަކަސް މީގެ ޖަވާބު ވިސްނުން ހުރި މީހަކަށް ވަރަށް ފަސޭހައިން ވިސްނައިގަނެވިދާނެއެވެ. ތިބޭފުޅާ އެހާ ފޫހިނުކޮށް، ވަކި ވަކިން ސުވާލުތަކުގެ ޖަވާބު އަޅުގަނޑަށް ލިބިފައިވާ ޢިލްމެއްގެ އެހީގައި ގެނެސްދޭނަމެވެ.

ފުރަތަމަ : މުސްލިމުންނަކީ ބުދަށް އަޅުކަން ކުރުމާ ވަރަށް ދެކޮޅު ހަދާ ބަޔެކެވެ. ވީ އިރު މުސްލިމުން ކައުބަތުﷲ ގެފުޅަށް ސަޖިދަ ކުރަނީ ކީއްވެބާ އެވެ؟

ތެދެކެވެ. މުސްލިމުންނަކީ ބުދަށް އަޅުކަން ކުރުމާއި، މާތް ﷲ އާ ޝަރީކު ކުރުން ވަރަށް ބޮޑަށް މަނާކޮށް ދެކޮޅުހަދާ ބަޔެކެވެ. އެއީ އެބައިމީހުންނަށް އިސްލާމްދީނުގައި އަމުރުކުރާ ގޮތްވެސް މެއެވެ. އަދި އިސްލާމްދީން މާތް ﷲ ފޮނުއްވީވެސް ޝިރުކުގެ ޖަހާލަތުންނާއި، ބުދަށް އަޅުކަން ކުރުމުން އިންސާނީ ނަސްލު ސަލާމަތް ކުރެއްވުމަށެވެ. އެހެންކަމުން، މުޅި ދީން ބިނާ ވެފައިވަނީ މާތް ﷲ އެއްކައުވަންތަކޮށް، މާތް ﷲ އާ ޝިރުކު ކުރުވޭ ހުރިހާ ކަމަކުން އެއްކިބާވުމުގެ މައްޗަށެވެ.

އެކަމަކު ދެވަނަ ސުވާލަށް އެއްބަސްވާން އަޅުގަނޑަކަށް ނުކެރޭނެއެވެ. މުސްލިމުން ސަޖިދަ ޖަހަނީ އެއްގޮތަކަށް ވެސް ކައުބަތުﷲ ގެފުޅަކަށް ނޫނެވެ. މުސްލިމުން ސަޖިދަ ކުރަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެވެ. ނަމަވެސް ޣައިރު މުސްލިމުންގެ ތެރޭގައި މަޝްހޫރުކޮށް ދެކެވޭ ވާހަކަ އަކީ މުސްލިމުން ކައުބަތުﷲ ގެފުޅަށް ސަޖިދަ ޖަހާ ވާހަކަ އެވެ. އެބައި މީހުން ބުނާ ގޮތުން މުސްލިމުން އަޅުކަން ކުރަނީ ކައުބަތުﷲ ގެފުޅަށެވެ.

އަޅުގަނޑު ތިބޭފުޅާއާ ސުވާލެއް ކޮށްލަން ބޭނުމެވެ. ދުނިޔޭގެ ތާރީޚުގައި މިވީހާ ދުވަހަށް ދުވަހަކުވެސް އެއްވެސް ދީނެއްގެ މީހަކު އޭނަ އަޅުކަންކުރާ ބުދު ނުވަތަ އެހެންވެސް އަޅުކަން ކުރަން ބޭނުން ކުރާ ނިޝާނަކަށް، އޭގެ މައްޗަށް އަރައި ނުވަތަ އެއީ ބޮޑު އެއްޗެއްނަމަ އޭގެ ތެރެއަށް ވަދެ ހުރެ އަޅުކަން ކުރި ތަނެއް ދެކުނިން ހެއްޔެވެ؟ ނުދެކޭނަމަ އެފަދަ ޚަބަރެއް ލިބިލެއްވި ހެއްޔެވެ؟ ނުވަތަ ފޮތަކުން ވިޔަސް އެފަދަ ވާހަކަ ފެނުނު ހެއްޔެވެ؟ އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ޖަވާބުގައި ބުނާނީ ހަމަ ނޫނެކޭ އެވެ.

މައްސަލައެއް ނެތެވެ. އިންސާނީ ޠަބީއަތު ޤަބޫލުކުރާ ގޮތުންވެސް ތިމާ އަޅުކަން ކުރާ އެއްޗެއްގެ މައްޗަށް އަރާހުރެ ނުވަތަ އެތެރެއަށް ވަދެ ހުރެ އަޅުކަން ކުރުމަކީ ވަރަށް ޤަދަރު ކުޑަ ކަމެކެވެ. ދެން ވިސްނަންވީ ކަމަކީ، ކަންތައް މިހެން އޮތްއިރު މުސްލިމުން ކައުބަތުﷲ ގެފުޅަށް އަޅުކަން ކުރާނަމަ އެތާނގެ މައްޗައް އަރާހުރެ އަޅުކަން ނުކުރެވުނީހެވެ. އަދި އެތާނގެ މައްޗަށް އަރާހުރެ ބަންގި ގޮވާ ނަމާދަށް ނުގޮވާނެ ކަން ކަށަވަރެވެ. ނަމަވެސް ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާ ފަތަޙަ ކުރެއްވި ދުވަހު ބިލާލްގެފާނު މައްކާގެ ގެފުޅު މައްޗަށް އަރުއްވާ ހުންނަވައިގެން ބަންގި ގޮވާލެއްވިއެވެ. އަދި ގެފުޅުގެ ތެރޭގައި ހުންނަވައިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމް، ނަމާދު ކުރެއްވި ކަމަށް ވެސް ރިވާޔަތްތަކުން ސާބިތުވާން އެބަ އޮތެވެ. އެހެންކަމުން، މުސްލިމުންނަކީ ސަހަރާއެއްގެ މެދުގައި ހުރި ކަޅު ފޮއްޓަކަށް އަޅުކަން ކުރާ ބައެކޭ ބުނެވެން އެބަ އޮތް ހެއްޔެވެ؟

މުސްލިމުން ކަޢުބަތުﷲ ގެފުޅާ ކުރިމަތިލައިގެން ހުރެ ނަމާދު ކުރަނީ މާތް ﷲ ކީރިތި ޤުރުއާނުގައި އެކަމަށް އަމުރު ކުރައްވާފައި ވުމުންނެވެ. އެއީ ގެފުޅަށް އަޅުކަން ކުރުމުގެ ގޮތުންނެއް ނޫނެވެ. އެއީ މުސްލިމުންގެ ވަޙްދަތު ހާމަވެގެންދާ ކަމެކެވެ. އިސްލާމުންނަކީ މާތް ﷲ ގެ ދީނުގައި ފުނަލުގެ ދަތްތައް ފަދައިން ހަމަހަމަ ބަޔެއްކަން ހާމަ ކުރުމަށެވެ. އެއްވެސް ގޮތަކަށް ގެފުޅަށް އަޅުކަން ކުރުމުގެ ނިޔަތުގައެއް ނޫނެވެ. އެގޮތަށް މީހަކު ނިޔަތް ގަނެފިނަމަ، އޭނަގެ ނަމާދު ބާޠިލްވާނެއެވެ. އެއީ ޝިރުކުގެ ތެރެއަށް ވަދެގެން ދާނެއެވެ. ނަމަވެސް، މުސްލިމުން ނިޔަތް ގަންނަނީ ގެފުޅަކަށް ނޫނެވެ. މުސްލިމުން ނިޔަތް ގަންނަނީ މާތް ﷲ އަށް އަޅުކަން ކުރުމަށެވެ. ކައުބާ އަކީ ހަމައެކަނި މިސްރާބެކެވެ. އެއީ މުސްލިމުންގެ ވަޙްދަތުގެ ރަމްޒެއްގެ ގޮތުންނެވެ. އިތުރު އެއްވެސް ކަމެއް މީގައި ނުވެއެވެ.

ގެފުޅަކީ މާތް ﷲ އަޅުގަނޑުމެން އެއިލާހަށް ކުރާ ނަމާދުގައި ހުރިހައި މުސްލިމުން އެއްބައިވަންތަ ކުރެއްވުމުގެ ގޮތުން ކަނޑައަޅުއްވައިދެއްވި ޤިބުލައެވެ. ހަމަޔަޤީނުންވެސް މީހަކު ނަމާދު ކުރާ ނަމަ، ކޮންމެވެސް ދިމާލަކަށް ހުއްޓި ހުންނަން ޖެހޭނެއެވެ. އެހެންކަމުން، އެކި މީހުން އެކި ދިމަ ދިމާލަށް ނަމާދު ކުރުމުގެ ވަޙްދަތުގެ ރަމްޒު ގެއްލެއެވެ. ވުމާއެކު، ހުރިހައި މުސްލިމުންވެސް އެވަނީ އެއް ޤިބުލައަކަށް ނަމާދުގައި އިއްތިފާޤުވުމަށް ކަނޑައެޅިފައެވެ. މިއީ ހަމައެކަނި އެއްބައިވަންތަކަމާއި ވަޙްދަތުގެ ރަމްޒެކެވެ.

މިސާލަކަށް ވަކި ހަމައެއް ނެތި ނަމާދު ކުރުން އޮތް ނަމަ އެއްބަޔަކު ހުޅަނގަށް އަނެއްބަޔަކު އުތުރަށް އަނެއްބަޔަކު ދެކުނަށް އަދި އިރު މައްޗަށް ތިބެ ނަމާދު ކުރަންވެއްޖެ ނަމަ ނަމާދުގެ ސަފެއް އޮންނާނެ ގޮތް ނިކަން ތިބޭފުޅުން ތަޞައްވުރު ކޮއްލައްވާށެވެ.
އެންމެ ފުރަތަމަ ދުނިޔޭގެ ޗާޓެއް ކުރެހި ބަޔަކީ މުސްލިމުންނެވެ. އެބައިމީހުން ކުރެހީ ދެކުނު ތަނޑި މައްޗަށް އަދި އުތުރު ތަނޑި ތިރިޔަށް ވާ ގޮތަށެވެ. މި ޗާޓު ގައި ކައުބަތުﷲ ގެފުޅު ހުރީ ދުނިޔޭގެ މެދަށްވާ ގޮތަށެވެ. އެހެން ނަމަވެސް އޭގެ ޒަމާންތަކެއް ފަހުން، ހުޅަނގު މީހުން މި ޗާޓް ބަދަލުކޮށް ދެކުނު ތަނޑި ދަށަށް އަދި އުތުރު ތަނޑި މައްޗަށް ވާ ގޮތަށް ޗާޓެއް ކުރެހިއެވެ. ނަމަވެސް، މިފަހަރުވެސް ކައުބަތުﷲ ގެފުޅު ދިމާވަނީ ހަމަ ދުނިޔޭގެ މެދަށެވެ.

އެހެންކަމުން ޙައްޖަށް ދާ މީހުންނާ އަދި ޢުމްރާ ކުރާ މީހުން ވެސް ގެފުޅު ވަށައިގެން ޠަވާފް ކުރަނީ އެންމެ ކަމެއް ރަމްޒު ކޮށްދިނުމުގެ މަޤްޞަދުގައެވެ. އެއީ މުސްލިމުން އަޅުކަން ކުރަނީ އެއްކައުވަންތަ އިލާހަކަށް ކަން ރަމްޒު ކޮށްދިނުމުގެ މަޤްސަދުގައެވެ.

ޣައިރު މުސްލިމުންގެ މިދަޢުވާއަށް އެންމެ ފުރިހަމަ ރައްދެއް ދެއްވާފައި ވަނީ އުމަރުގެ ފާނެވެ. އެކަލޭގެފާނު ވިދާޅު ވެފައި ވެއެވެ. ބުޙާރީގެ ހަދީޡް ފޮތުގެ ޙައްޖާ ބެހޭ ބާބުގެ ހަދީޡް ނަންބަރު 675 ގައި އެކަލޭގެފާނު ވިދާޅުވި ކަމަށް ރިވާވެގެން ވެއެވެ. "ކަޢުބަތުﷲ ގެފުޅުގައި ވާ ޙަޖަރުލް އަސްވަދު (ކަޅު ހިލަ) އާ ދިމާލަށް ވަޑައިގެން ވިދާޅުވިއެވެ. "ﷲ ގަންދީ ބުނަމެވެ. ތިމަން ކަލޭގެފާނަށް ތި ހިލައިގެ ފަރާތުން ފައިދާ އެއް އަދި ގެއްލުމެއް ނެތެވެ. ރަސޫލު ﷲ ޞައްލައްﷲ ޢަލައި ވަސައްލަމް ތި ހިލައިގައި ބޮސްދެއްވާ ނެހެއްދެވި ނަމަ ތިމަން ކަލޭގެފާނުވެސް އެކަން ނުކުރެއްވީހެވެ." އެހެން ކަމުން މީގެއިންވެސް އަޅުގަނޑުމެންނަށް އެނގިގެން ދަނީ މުސްލިމުންނަކީ ހިލަޔާއި ވެއްޔާއި އަދި މިފަދަ އެއްޗެއްސަށް އަޅުކަން ކުރާނެ ބައެއް ނޫން ކަމެވެ.

ދެވަނަ : އަދި އެތަނަށް އެބައިމީހުން ﷲ ގެ ގެފުޅޭ ކިޔަނީ ކީއްވެ ހެއްޔެވެ؟ ﷲ އެތާނގައި ދިރި އުޅޭކަމަށް މުސްލިމުން ޤަބޫލު ކުރަނީ ހެއްޔެވެ؟

މިސުވާލުގެ ޖަވާބު ހަމަ ބުއްދި ލިބިގެންވާ ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ. މުސްލިމުން ހަމަ އެކަނި ﷲ ގެ ގެފުޅޭ ކިޔަނީ ކައުބަތުﷲ ގެފުޅަކަށް ނޫނެވެ. ކޮންމެ މިސްކިތަކީ ވެސް ﷲ ގެ ގެކޮޅެކެވެ. މިސާލަށް ވިސްނަވާށެވެ. މިސްކިތަކީ ވަކި މީހަކަށް ނިޞްބަތްވާ ތަނަކަށް ވެއްޖެނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ އެމީހަކު ނުރުހޭ ނުވަތަ ރުޅި އަންމަ މީހެއްނަމަ ޔަޤީނުންވެސް އެ މިސްކިތަކަށް އެރިޔަ ނުދޭނެ ކަން ކަށަވަރެވެ. އެހެނެއްކަމަކު ﷲ ގެ ގެކޮޅޭ ބުނެވިއްޖެ ނަމަ އެތަނަށް ދެރަ ނިކަމެތި ފަޤީރަކަސް މުއްސަނދި މަހުޖަނަކަސް ހަމަހަމަ ވެގެން ވެއެވެ. އެކަކުގެ މައްޗަށް އަނެކަކު އެތާނގައި މޮޅެއް ލިބިގެން ނުވެ އެވެ. ނަމާދު ކުރަން ޖެހެނީ ކޮނޑާ ކޮނޑު ޖެހި ފަޔާއި ފައި ޖެހިފައި ހުންނަހެން ކައިރި ކައިރީގައި ނޫން ހެއްޔެވެ؟

އެހެންވީމާ، އެތަނަށް ﷲ ގެ ގެކޮޅޭ ނުބުނެ ބުނަންވީ ކާކުގެ ގެކޮޅެއް ހެއްޔެވެ؟ ޙާއްޞަކޮށް ކަޢުބަތުﷲ ގެފުޅަށް މުސްލިމުން ލޯބި ކުރަނީ އެތާނގައި ﷲ ވޮޑިގެންވާތީކީ ނޫނެވެ. މާތް ﷲ ވޮޑިގެންވަނީ ޢަރުޝީގައި ކަމަށް ޤުރުއާނުގެ އެތައް ތަނެއްގައި ބަޔާން ވެގެންވެއެވެ. އެހެންވީމާ، މިއީ ސުވާލު އުފެދޭ ކަމެއް ނޫނެވެ.

މުސްލިމުންގެ ނަމުގައިވެސް އަޅުގަނޑުމެންގެ ހިތު ތެރޭގައި ޝައްކާއި ވަހުމުގެ އުފެއްދުމުގެ ބޭނުމުގައި މިފަދަ ސުވާލުކުރާ މީހުން އުޅެއެވެ. މިއީ ހަރުބީ ކާފަރުންނަށް ވުރެންވެސް ނުރައްކާތެރި ބައެކެވެ. މިއީ ނަރަކައިގެ އެންމެ އަޑިއަށް އެއްލާލެވޭނެ ކަމަށް މާތް ﷲ ވަޢުދުވެ ވޮޑިގެންވާ މުނާފިޤުންނެވެ. އެބައިމީހުންނަކީ މުސްލިމް ފޭރާމުގައި ތިއްބަސް ހިތުގައި ކުފުރު ފޮރުވައިގެން ތިބޭ ބައެކެވެ. މިފަދަ މީހުންގެ މިކަހަލަ ސުވާލުތަކަކީ ވަރަށް ބަލިކަށި ޟަޢީފު ސުވާލުތަކެކެވެ. އެމީހުންނަށްވެސް އެކަން އެނގެއެވެ. ނަމަވެސް އެބައިމީހުންގެ މަޤްޞަދަކީ މުސްލިމުންގެ ތެރެއިން އަޤީދާ ބަލިކަށި މީހުން މަގުފުރައްދާލުމެވެ. އެހެންކަމުން އިލްތިމާސަކީ މިބައިމީހުންގެ މިފަދަ މަކަރުވެރި ދަލުގައި މުސްލިމު އަޚުންނާއި އުޚުތުން ނުޖެހޭށޭއެވެ. އަދި ދީނުގެ ޢިލްމު ކުޅަދާނަވީ މިންވަރަކުން ހޯދުމެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ވަރަށް ފުރިހަމަ ލިޔުމެއް

  2. ހާދަ ރަގަޅު ލިޔުމެކޭ! މާޝާ ﷲ!

  3. ވަރަށް ރަނގަޅު ލިޔުމެއް..

  4. ދިވެހިން ނޫންބަޔަކު ކަޢުބާޔަށް ﷲ ގެގެފުޅޭ ކިޔާތީ ނާޑުހަމަވެ.

Your email address will not be published. Required fields are marked *

More in ރިޕޯޓް