"ހުސްއެދުރުން ފޮތް 2" މިހާރު ހިލޭ ޑައުންލޯޑް ކުރެވޭނެ! "ހުސްއެދުރުން 2" މި ފޮތަކީ ތަޖުވީދުގެ ޢަމަލީ ބައިތަކާއި ޢިލްމީ ބައިތަކަށް އަދި ކީރިތި ޤުރްއާން ކިޔަވުމުގެ ޤަވާޢިދުތައް ފަހުމުކޮށްދިނުމަށް ޚާއްޞަކޮށްގެން އަޅުގަނޑު ލިޔުނު ފޮތެކެވެ. ތަޖުވީދުގެ ޢަމަލީ ބަޔަށް ޚާއްޞަކުރެވިގެން "ހުސްއެދުރުން 1" މީގެ ކުރީން ވާނީ ޢާންމުކުރެވިފައެވެ.
"ހުސްއެދުރުން" ސިލްސިލާގެ ފެށުން:
މި ސިލްސިލާ އަކީ އަޅުގަނޑުގެ ޤުރްއާން ކުލާހުގެ ލޮބުވެތި ބެލެނިވެރީންނަށް ޚާއްޞަކޮށްގެން އަޅުގަނޑު ފެށި ޕްރޮގްރާމަކަށް ޚާއްޞަކުރެވުނު ނަމެކެވެ. މި ޕްރޮގްރާމުގެ މަޤްސަދަކަށް އޭރު ވެފައި އޮތީ ޤުރްއާން ކުލާހުގައި ކިޔަވައިދެވޭ ފިލާވަޅުތައް ގޭގައި ދަރިވަރުން ފަރިތަކުރާއިރު ދިމާވާ މައްސަލަތައް ޙައްލުކުރުމަށްބެލެނިވެރިން ހޭލުންތެރިކުރުވުމެވެ. އަދި މިނޫނަސް ކީރިތި ޤުރްއާން އުނގެނުމުގައި ސުވާލު އުފެދޭ އެކި އެކި ކަންކަން ބެލެނިވެރިންނަށް ސާފުކޮށްދީ މި ރޮނގުން ބެލެނިވެރިންނަކީ ޤާބިލް ޢިލްމީ ބަޔަކަށް ހެދުމެވެ.
މި ޕްރޮގްރާމުގެ ސަބަބުން ގިނަބަޔަކަށް މަންފާކުރިއެވެ. ވުމާއިއެކު އަޅުގަނޑުގެ ހުރިހާ ފިލާވަޅުތަކެއް ފޮތެއްގެ ޞިފާގައި ލިޔެ އެ ފޮތުގެ ނަމަކަށް "ހުސްއެދުރުން" މިނަން ޚާއްޞަކޮށް މިއީ ދިގުދެމިގެންދާ ސިލްސިލާ ޕްރޮގްރާމެއްގެ ގޮތުގައި، ޢާންމުކުރަން ނިންމީމެވެ. އަޅުގަނޑު އެންމެ ފުރަތަމަ ލިޔުނު ފޮތް ކަމުގައިވާ "ފަސޭހަ މުޤައްރަރު" މި ފޮތަކީ "ހުސްއެދުރުން" މި ނަމުގައި ނެރޭ ފޮތްތަކުން ކިޔަވައިދިނުމަށް މަގުފަހިވާގޮތަށް، ދަރިވަރުން ތައްޔާރު ކުރުމަށް އެކުލަވާލި މުޤައްރަރެކެވެ.
"ހުސްއެދުރުން" މި ނަން ޚާއްޞަކުރެވުނު ސަބަބު:
އަޅުގަނޑުގެ ފޮތްތަކަށް މިނަން ޚާއްޞަކުރި ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށް ވެފައި މުސްލިމެއްގެ ޙައިސިއްޔަތުން، ކީރިތި ޤުރްއާން ކިޔެވުމުގައި ޢިލްމީ ގޮތުން އެންމެންނަށް ވެސް އެނގި ފަހުމުވާންޖެހޭ ބައިތައް ހުރުމާއި ކިޔެވުމުގައި ޢަމަލީ ގޮތުން ހުރިހާ އެންމެން ވެސް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކިޔެވުން ލާޒިމް ވާތީއެވެ. މިކަން މިހެން އޮތުމުން، ޢަރަބީންގެ ތެރޭގައި ނުހިމެނޭ، ނުވަތަ ޢަރަބި ބަހުގެ ޤަވާޢިދު ނޭނގޭ، މުސްލިމުންނަށް އެ ބައެއްގެ އަމިއްލަ ބަހުން ފަސޭހަކަމާއިއެކު ކިޔާލެވޭ ގޮތަށް ކީރިތި ޤުރްއާން ކިޔެވުމުގެ ޤަވާޢިދު އޮތުމަކީ ބޭނުން ތެރިކަމެކެވެ. އަދި މި ދެންނެވި ޤަވާޢިދުތައް ދަސްކުރުމުގައި ތަޙްޤީޤު ކުރެވޭ ގޮތް އިޚްތިޔާރު ކުރުމަކީ އެންމެ ފައިދާ ހުރި ގޮތެވެ. އަދި "ހުސްއެދުރުން" މި ސިލްސިލާގެ ފޮތްތަކުން، އެ ފޮތްތަކުގައިވާ ތަރުތީބުން ދިރާސާކޮށްފިނަމަ ނުވަތަ އުނގެނިއްޖެ ނަމަ ޢަރަބި ބަސް ނޭގުނަސް އެންމެ އާދައިގެ މީހާވެސް ވެގެންދާނީ ކީރިތި ޤުރްއާން ކިޔެވުމުގެ ޤަވާޢިދުގެ ނިސްބަތުން އެދުރަކަށެވެ. ވީމާ މި ފޮތުގެ ނަމަކީ މި ފޮތުން އުނގެނި ދިރާސާ ކޮށްފިނަމަ ލިބޭ ނަތީޖާއެވެ. މާނައަކީ އޭރުން އަޅުގަނޑުމެން ހުރިހާ މުސްލިމުންނަކީ މި ރޮނގުން ހުސްއެދުރުންނެވެ. އުނގެނުނު އެއްޗެއް އަނެކާއަށް ބުނެދޭން އެނގިގެންދާނެއެވެ.
މި ފޮތުގައިވާ ފިލާވަޅުތަކުގެ ތަރުތީބު:
އަޅުގަނޑު ލިޔުނު ހުރިހާ ފޮތްތަކަކީ އެންމެ ފުރަތަމަ އަޅުގަނޑުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ލިޔުނު ފިލާވަޅުތަކެވެ. ވުމާއި އެކު ޕްރިންޓް ކުރަންޖެހޭ މިންވަރު މަދު ކުރުމަށް ފިލާވަޅު ހުށައަޅައި ދިނުމުގައި އިތުރު މަޢުލޫމާތު ދޭ ގޮތަށް ލިޔުމުން ދެވޭ މިންވަރު މަދުކުރަން އޭރު މަސައްކަތް ކުރީމެވެ. ނަމަވެސް މި ފޮތްތައް ޢާންމު ކުރަން ބޭނުންވާތީ އިތުރު ބައިތަކާއި އެކު ޢާންމު ކުރީއެވެ.
އަޅުގަނޑު ލިޔުނު ހުރިހާ ފޮތްތަކަކީ އެންމެ ފުރަތަމަ އަޅުގަނޑުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ލިޔުނު ފިލާވަޅުތެއް
ތަޖުވީދު ފޮތްތައް ލިޔެވިފައިވާ ގޮތްތަކަށް ބަލާއިރު ޢާންމުކޮށް ތިން ގޮތަކަށް ލިޔެވިފައި ހުރެއެވެ.
އެއީ:
1- ކިޔުމުގެ ޤަވާޢިދު ހަމައެކަނި ކިޔައިގެން އުނގެނުމަށް ޚާއްޞަކޮށްގެން ލިޔެވިފައިވާ ތަޖުވީދު ފޮތްތައް.
2- ކިޔުމުގެ ޤަވާޢިދު ހަމައެކަނި ލިޔުމަށް ބަލައިގެން އުނގެނުމަށް ޚާއްޞަކޮށްގެން ލިޔެވިފައިވާ ތަޖުވީދު ފޮތްތައް.
3- ކިޔުމުގެ ޤަވާޢިދު، ލިޔުމުންނާއި ކިޔުމުން، ތަޙްޤީޤު ކުރެވޭ ގޮތަށް ލިޔެފައިވާ ތަޖުވީދު ފޮތްތައް.
ތަޖުވީދު ފޮތްތައް ލިޔެވިފައިވާ ގޮތްތަކުގެ ތެރެއިން އަޅުގަނޑު އިޚްތިޔާރު ކޮށްފައިވާނީ ތިންވަނަ ގޮތެވެ. ސަބަބަކީ އެގޮތް ހުރިހާ އެންމެންނަށް ވެސް ފަސޭހަވީމައެވެ.
އަޅުގަނޑުގެ ދުޢާ އަކީ މި ފޮތްތަކަކީ އެންމެންނަށް ވެސް ފައިދާ ހުރި ފޮތަކަށް ވެގެންދިއުމެވެ. މާތް ﷲ ގެ އިރާދަފުޅުން ކުރިއަށް އޮތް ދުވަސްތަކުގައި "ހުސްއެދުރުން - 3 4" ޢާންމުންނާއި ހިސާބަށް ފޯރުކޮށްދޭނަމެވެ.
ޑައުންލޯޑް ކުރައްވާ:
ޚިޔާލު