ވިޔަފާރީގައި ދޮގުހަދާ އޮޅުވާލައިގެން އެއްޗެހި ވިއްކާނަމަ ވިޔަފާރީގައި ﷲ ތަޢާލާ ބަރަކާތް ނުލައްވާނެ ކަމަށް އައްޝައިޚް އަޙްމަދު ރިމާޒް ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ އައްނިދާއު ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ މިހާރަކަށް އައިސް ވިޔަފާރި އާއި ފައިސާގެ މުޢާމަލާތްތަކުގައި މަކަރާއި ޙީލަތް ހަދާ އޮޅުވާލުކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޢާއްމު ވެގެންވާ ޖަރީމާއެކެވެ. މިފަދަ ކަންކަމުގެ ސަބަބުން ދޭދޭ އަފްރާދުންގެ މެދުގައި އަދި މުޖުތަމަޢުގެ ވެސް އޮންނަ އެކުވެރިކަމާއި އެއްބައިވަންތަ ކަމާއި އެއްކައުވަންތަ ކަމަށް ބުރުއަރާކަމަށެވެ. އަދި ނަފްރަތާއި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ޢާއްމުވެގެންދާ އަޚްލާޤީ ވަބާއެއްކަމެވެ.
އެހެންކަމުން އިސްލާމްދީން އަޅުގަނޑުމެންގެ މައްޗަށް މިފަދަ ކަންކަން ވަނީ ނަހީ ކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވަނީ އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން، ތިޔަބައިމީހުންގެ މުދާތައް، ތިޔަބައިމީހުންގެ މެދުގައި ބާޠިލު ގޮތުގައި ނުކާށެވެ. މީގެ އިތުރުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ބަޔާން ކުރައްވާ ގޮތުގައި ވިޔަފާރިއާއި މުޢާމަލާތާއި އެނޫންް ކަންކަމުގައި މަކަރާއި ޙީލަތް ހަދާ އޮޅުވާލުމަކީ މުއުމިނުންގެ ސިފައެއް ނޫން ކަމަށެވެ.
ﷲ ތަޢާލާ ވަނީ އެބައި މީހުންނަށް ވަރުގަދަ ޢަޛާބު ދެއްވާނެ ކަމަށް ވަޙީ ކުރައްވާފައެވެ. އަދި ވިޔަފާރީގައި ތެދުވެރިވެ އަމާނާތްތެރި ވެއްޖެނަމަ ވިޔަފާރީގައި ބަރަކާތް ލައްވާނެއެވެ. ﷲ ތަޢާލާ އަބަދުވެސް ބައްލަވާ ވޮޑިގެންވާ އެމީހެއްގެ ހިތުގައި އަބަދުމެ އޮންނަ މީހަކު މިފަދަ ކަމެއް ނުކުރާނެެއެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ ތަޢާލާ އަޅުގަނޑުމެން އެންމެން އަދި މި މުޖުތަމަޢު މިފަދަ އަޚްލާޤީ ނުބައި ސުންޕާ ވަބާތަކުން ތާހިރު ކުރައްވާ އަދި އެފަދައިން ކަންތައް ކުރާ ކެހިވެރި މުޖުރިމުންގެ ކިބައިން އަޅުގަނޑުމެން އެންމެން ސަލާމަތް ކުރެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.
ޚިޔާލު