އަމިއްލަ ނަފްސަށް ތެދުވެރިވުމަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށް އައްޝައިޚް މުހައްމަދު މޫސާ ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ އައްނިދާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މިމަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އަމިއްލަ ނަފްސަށް ތެދުވެރި ވުމުގެ ތެރޭގައި ﷲ ތަޢާލާ އިންސާނާއަށް ފަރްޟު ކުރައްވާފައިވާ ކަންކަމުގައި ފަރުވާތެރި ވުމާއި ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތައް ފުރިހަމައަށް އިޤްތިދާވުމެވެ. މީގެ އިތުރުން މާތް ﷲ މަނާ ކުރައްވާ ނަހީ ކުރައްވާފައިވާ އެއްވެސް ކަމެއް އެނަފްސް އެމީހާ ނުބައި ކަންކަމުން ދުރު ކުރުމަށް މަސައްކަތް ކުރުމެވެ. ﷲ ތަޢާލާ ކީރިތިޤުރުއާނުގައި ވަޙީީކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. އިންސާނާ ވަނީ އޭނާގެ ނަފްސުގެ މައްްޗަށްވާ ހެކިވެރިއެއް ކަމުގައެވެ.
އަދި ހަމަ އެހެންމެ އެފަދަ މީހުން ޞާލިޙް ޢަމަލުތަށް ކުރުން މަތީގައި ދެމި ތިބުމާއި، ނަފްސު އަބަދުވެސް ތަރުބިއްޔަތުގެ މަގަށް ގެނައުމާއި، ޞާލިޙް ޢަމަލުތަކުން ނަފްސު ތިމާގެ ނަފްސު ޒީނަތްތެރި ކުރުމާއި، ނަފްސަށް އަދާކުރަންޖެހޭ އެންމެހާ ޙައްޤުތައް އަދާކުރުމާއި، ﷲ އަށް ބިރުވެތިވުމާއި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތަކަށް ވަރަށް ވިސްނާ އަބަދުވެސް ބިރުވެތިވާނެއެވެ.
އަދި ޙަވާލު ކުރެވޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ރަނގަޅަށް އަދާކޮށް، އޭނާގެ ނަފްސުގެ ހުރި އުނި ކަންކަން ހޯދަން މަސައްކަތް ކުރަނެއެވެ. އަދި އެހެން މީހުންނާއި މަޝްވަރާކޮށް އެހެންމީހުން ދޭ ހެޔޮ ނަސޭހަތް އަޑު އަހާނެއެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ އަދި އެއާ އެއްގޮތަށް ޢަމަލްތައް ސީދާ ކުރާނެ ބައެއް ކަމުގައި ލެއްވުމަށާއި ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނަށް ރައްކާތެރިކަން ދެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.
ޚިޔާލު