ދުނިޔޭގެ ޙަޔާތަކީ އަޅުގަނޑުމެން ހެޔޮ ޢަމަލު ކުރަން ލިބިފައިވާ ހަމައެކަނި އޮތް ފުރުސަތު ކަމަށް ޝެއިޚް އަހްމަދު ނާޒިހް ވިދާޅުވެއްޖެއެވެ.
ޝެއިޚް ނާޒިހް މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚްގެ ވާހަކައިގައި އިތުރަށް ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ހެޔޮ ޢަމަލު ކޮށްގެން އޭގެ އެންމެ މަތީ ދަރަޖައަށް ވާސިލު ވާން ބޭނުންވާނެ މީހެކެވެ. ނަމަވެސް މިފުރުސަތަކީ ހިނދުކޮޅަކުން ނިމިގެންދާނެ ކުޑަކުޑަ ފުރުސަތެކެވެ. އެގޮތުން ދުނިޔެވީ ޙަޔާތާއި އަޅާ ވަކިވެގެން ދިޔަ ކަމުގައި ވިއަސް ހެޔޮ ޢަމަލުގެ ޘަވާބު ލިބޭނެ މަގުތަކެއް ނުވަތަ ލިބޭނެ ގޮތްތަކެއް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވަނީ ޙަދީޘް ކުރައްވާފައެވެ.
އެ ހަދީޘް ބަސްފުޅުގެ މާނައިގައި ވަނީ އާދަމުގެ ދަރިޔާ މަރުވެއްޖެ ކަމުގައި ވާނަމަ އޭނާގެ ޢަމަލުތައް ތިން ކަމަކުން މެނުވީ މެދުކެނޑިގެން ނުދެއެވެ. އެއީ ދިގުދެމިގެންދާ ޞަދަޤާތަކާއި އެމީހާ ދޫކޮށްފައިދާ ޢިލްމަކާއި އެމީހާ ދޫކޮށްފައިދާ ޞާލިޙް ދަރިއެކެވެ.
މީގެ އިތުރުން ތިބާ މަރުވުމަށް ފަހުގައި ވެސް ބަޔަކަށް އޭގެ ސަބަބުން ފައިދާ ކުރާނެ ކަމެއް ދޫކޮށްލާފައި ހިގައްޖެ ކަމުގައި ވާނަމަ އަދި ބަޔަކު އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފާނަމަ މަރުވެފައި އޮންނަ މީހާއަށް އެކަމުގެ ސަވާބާއި ދަރުމަ ލިބިގެން ދާނެއެވެ. އަދި އެންމެ ބޮޑަށް ފައިދާ ކުރާނީ ދޫކޮށްފައިދާ ޢިލްމުންނެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ ސުބްހާނަހޫ ވަތަޢާލާ އަޅިގަނޑުމެން އެންމެންނަކީވެސް މިފަދަ ޢިލްމު ފަތުރާ އަދި މިފަދަ ހެޔޮ ޢަމަލު ކުރާ ބަޔަކު ކަމުގައި ލެއްވުން އެދި ދުޢާ ކުރެއްވިއެވެ.
ޚިޔާލު