ޢަރަފާތް ދުވަހުގައި ހެޔޮ ކަންކަން ކުރުން ގިނަ ކުރަން ޖެހޭ ކަމަށް އައްޝައިޚް އަޙްމަދު މައުމޫން ވިދާޅުވެއްޖެއެވެ.
ޝެއިޚް މައުމޫން މިހެން ވިދާޅުވެފައިވަނީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ޕޭޖުން ލައިވް ކުރި ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚްގެ ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ޢަރަފާތް ދުވަހު ކުރެވޭނެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ރޯދަ ހިފާ،ގިނަގިނައިން ދުޢާކޮށް، ޤުރްއާން ކިޔެވުން ގިނަކުރަން ޖެހޭނެ ކަމަށެވެ. އަދި ޢަރަފާތް ދުވަހު ރޯދަ ހިފައިފިނަމަ މިއަހަރު އަޅުގަނޑުމެންނަށް ކުރެވޭނެހާ ކުދި ފާފަތައް ފުއްސަވާ، ވޭތުވެދިޔަ އަހަރު ކުރެވުނު ފާފަތައްވެސް ފުއްސަވާދެއްވާނެއެވެ.
މީގެ އިތުރުން ޝެއިޚްގެ ވާހަކައިގައި ވިދާޅުވެފައި ވަނީ ޢަރަފާތް ދުވަހަކީ ވަރަށް މާތް ދުވަހެއް ކަމަށާއި ފުރަތަމަ ކަމަކަށް ބައެއް ޢިލްމުވެރީން ވިދާޅުވަނީ އެއީ އާދަމުގެފާނާއި ޙައްވާގެފާނު ބިމަށް ފައިބާ ވަޑައިގެން އެދެބޭކަލުން ބައްދަލުވި ތަނަކީ ޢަރަފާތު ބިންކަމުގައެވެ. ދެވަނަ ކަމަކަށް ވިދާޅުވެފައިވަނީ އިބްރާހީމް ޢަލައިހިއްސަލާމަށް ޙައްޖުވާން ދަސްކޮށްދެއްވުމަށްޓަކައި ޖިބްރީލްގެފާނު ހުއްޓިވަޑައިގެން ހުންނެވި ތަންކަމުގައެވެ.
ތިންވަނައަށް ވިދާޅުވަނީ އަޅުގަނޑުމެން ޙައްޖަށް ދާއިރު އެކި ނަސްލުގެ މީހުންނާއި އެކި ކަންކޮޅުތަކުގެ މީހުން އެއްތަނަކަށް ޖަމަޢަވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާއި ތަޢާރަފުވެ ބައްދަލުވެގެން ދާނެކަމުގައެވެ. އަދި ހަމަ އެހެންމެ އަނެއް ސަބަބަކީ އެތަނުގެ މާތްކަމާއި މުޤައްދަސްކަން ދެމެހެއްޓުންކަން ވެސް ވަނީ ވިދާޅުވެފައެވެ.
ނިންމާލަމުން ވިދާޅުވެފައި ވަނީ އިންސާނުންނަކީ އަބަދުވެސް ކުށްކުރެވޭ ބައެއް ކަމުން އެފާފަތަކުން ސަލާމަތް ވުމަށްޓަކައި ﷲ ތަޢާލާ އަޅުގަނޑުމެންނަށް ވަރަށް ގިނަ ފުރުސަތުތައް ފަހިކޮށްދެއްވައެވެ. އެހެންކަމުން އަޅުގަނޑުމެން ފައދާ އެދެވޭ ގޮތެއްގައި ހިފުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ.
ޚިޔާލު