ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރުމަށް ޝެއިޚް މުހައްމަދު ޝަމްޢޫން ވިދާޅުވެއްޖެއެވެ.
ޝެއިޚް ޝަމްޢޫން މިހެން ވިދާޅުވެފައިވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަޅުގަނޑުމެން މިދުނިޔޭގައި ކުރަމުންދާ ޢަމަލުތަށް ކުރަނީ ކޮން މަޤްސަދެއްގައިކަން ވިސްނާލަން ޖެހޭކަމަށެވެ. އަދި އެޢަމަލުތައް ކުރުމުގައި ބޭނުން ވަނީ މީހުންގެ ރުހުން ނޫންކަމާއި ﷲގެ ރުހިވޮޑިގަތުން ހޯދުމެވެ. އެހެނީ މިއަދު ގިނަ މީހުން، އެބައިމީހުން ކުރަމުންދާ ޢަމަލުތައް ކުރަނީ މީހުންގެ ރުހުން ހޯދުމަށެވެ. އަދި ހަމަ އެހެންމެ މީސްތަކުން އެއްޗެއް ބުނެފާނެ ކަމަށް ދީނުގެ ކަންކަން ދޫކޮށްލާކަމެވެ.
މީގެ އިތުރުން ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވެއެވެ. ހަމަ ކަށަވަރުން އީމާންވެ ޞާލިޙް ޢަމަލުކުރާ މީހާ ދަންނާށެވެ. ފަހެ ﷲ ތަޢާލާ އޭނާއަށްޓަކައި މީސްތަކުންގެ ހިތްތަކުގައި ލޯބި ލައްވާނެއެވެ. އެހެންކަމުން އަޅުގަނޑުމެން މީސްތަކުންގެ ލޯބި ހޯދުމަށްޓަކައި ދީނުގައި އައިސްފައިވާ ކަންތައްތައް ދޫކޮށްލުމުގެ ބަދަލުގައި، ދީނުގައި އައިސްފައި ގޮތަށް ހުރިހާ ޢަމަލެއްވެސް ކުރެވޭތޯ ބަލަން ޖެހޭނެ ކަމެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނަކީ ވެސް އެކަލާނގެ އަންގަވާފައިވާ ގޮތަށް ދުނިޔޭގެ ޙަޔާތް ވޭތު ކުރާނެ ބަޔަކު ކަމުގައި ލެއްވުން އެދި ދުޢާ ކުރެއްވިއެވެ.
ޚިޔާލު