މުސީބާތެއް ކުރިމަތި ވެއްޖެނަމަ ހިތްވަރުގަދަކޮށް ޢަޒްމު ވަރުގަދަ ކުރަން ޖެހޭނެ ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
ޝެއިޚް މިމަޢުޟޫޢަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ﷲ ތަޢާލާއަކީ ހުރިހާ ކަމަކަށްވެސް ކުޅަދުންވަންތަ ރަސްކަލާންގެ ކަމަށާއި އެކަލާނގެއަށް ނުފުއްދޭނެ އެއްވެސް ވަޢުދެއް، އިޖާބަ ނުކުރެއްވޭނެ އެއްވެސް ދުޢާއެއް، ޝިފާ ނުދެއްވޭނެ އެއްވެސް ބައްޔެއް ނުވާ ކަމަށެވެ. މީގެ އިތުރުން ހިތް ހަލާކުވެފައިވާ މީހަކަށް އުފާވެރިކަން ދެވޭނީވެސް ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. އެހެންކަމުން މުސީބާތެއް ކުރިމަތިވުމުން އެކަމަށް ކެތްތެރިވެ ﷲ ތަޢާލާއަށް ދަންނަވަން ޖެހެއެވެ.
އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ކަމެއް ދިމާ ވުމުން އެކަމާ މެދު ހިތް ނުތަނަވަސްވެ މާޔޫސްވެ، ގިނަ ފަހަރަށް އެކަމުން އަރައިނުގަނެވޭނެ ކަމަށް ދެކެވޭ މީހުންނެވެ. ނަމަވެސް ހަނދާން ކުރަން ޖެހޭނެ ކަމަކީ ﷲ ތަޢާލާ އެއަޅަކަށް ނުއުފުލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެ ކަމެވެ.
އެހެންކަމުން ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ އަޅުގަނޑުމެން ހަނދާން ކުރަންވީ މިދުނިޔެއަކީ ވަގުތީ ތަނެއް ކަމާއި، އަޅުގަނޑުމެން އެންމެންވެސް އާޚިރަތާއި މެދު ވިސްނާ އާޚިރަތުގައި ބާއްޖަވެރި އަދި އުފާވެރި ޙަޔާތެއް ލިބޭތޯ މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
ޚިޔާލު