ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުމަކީ ވަރަށް މަތިވެރި ވާޖިބެއް ކަމަށް އަޢްޝައިޚް މުހައްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.
ޝެއިޙް ޙަލީމް މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެކަލޭގެފާނަށް ލޯބިކުރަންޖެހޭ ސަބަބުތަށް ވަރަށް ގިނަ ކަމަށާއި އެގޮތުން ޢަބްދުﷲ ބުން ޢަމްރު ބުނުލް ޢާސް އަރިހުން ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. އެއްދުވަހަކު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސަޢްލަމަ އިބްރާހީމް ޢަލައިހިއްސަލާމްގެ ދޫފުޅު މަތީން ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ބާއްވާ ލައްވާފައިވާ މިއާޔަތް ތިލާވަތު ކުރެއްވިއެވެ. އެއާޔަތުގެ މާނައިގައި ވަނީ އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އެބުދުތަށް އެވަނީ މީސްތަކުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މަގު ފުރައްދާފައެވެ. ފަހެ އެބައި މީހުންގެ ތެރެއިން ތިމަން ކަލޭގަގެފާނަށް ތަބަޢަ ވެއްޖެ މީހަކީ އެއީ ތިމަން ކަލޭގެފާނުގެ ދީނުގެ ތެރެއިން ވާ މީހެކެވެ.
ދެން އެއަށްފަހު އެކަލޭގެފާނު ތިލާވަތު ކުރެއްވީ ޢީސާ ޢަލައިހިއްސަލާމްގެ ދޫފުޅު މަތީން ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ބާއްވާ ލައްވާފައިވާ މިއާޔަތެވެ. އެއާޔަތުގެ މާނައިގައި ވަނީ އިބަ ﷲ އެބައިމީހުންނަށް ޢަޒާބް ދެއްވާ ކަމުގައި ވާނަމަ ފަހެ އެބައި މީހުންނަކީ އިބަ ﷲ އަޅުންނެވެ. އަދި އިބަ ﷲ އެބައި މީހުންގެ ފާފަތަށް ފުއްސަވާ ކަމުގައި ވާނަމަ ފަހެ އިބަ ﷲ އަކީ ޢަޒީޒް ވަންތަ ޙަކީމްވަންތަ އިލާހެވެ.
އެއަށްފަހު އެކަލޭގެފާނު ދެއަތްޕުޅު މައްޗަށް ނަންގަވާ ﷲ ޞުބްހާނަހޫ ވަތަޢާލާގެ ހަޒްރަތުގައި ދުޢާ ދެންނެވިއެވެ. އެދުޢާގެ މާނައިގައި ވަނީ އޭﷲ އެވެ. ތިމަން ކަލޭގެފާނުގެ އުއްމަތަށް ރަޙުމްކުރައްވާ އޯގާރިވެވަޑައި ގަންނަވާފާންދޭވެ. އެއަށްފަހު ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކީރިތި ކުރައްވަން ފެއްޓެވިއެވެ.
އެބައި މީހުންގެ ފާފަތަކުގެ ސަބަބުން ނަރަކައަށް ވެއްދެވޭނެ މީހުންނާއި މެދު އެކަލޭގެފާނު މީގެ ސާދަސަތޭކަ އެތަށް އަހަރެއް ކުރީން ވަނީ ކަންބޮޑުވެ ވަޑައިގެން ﷲ ސުބްހާނަހޫ ވަތަޢާލާގެ ހަޒްރަތުގައި މީސްތަކުންނަށް ރަޙުމް ކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.
ޚިޔާލު