ކޮރޯނާވައިރަސް ފެތުރެމުންދާތީ މިހާލަތުގައި ރޯދަ މަހު ނަމާދުކުރާނީ ގޭގައިކަމަށް ސައުދީގެ އިސް ފަތުވާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ސައުދީ އަރަބިއާގެ އިސް ފަތުވާ ކައުންސިލެއް ކަމުގައިވާ ކައުންސިލް އޮފް ސީނިއާ ސްކޯލާސް އިން ނެރެފައިވާ ބަޔާނުގައި ވަނީ "ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ލޮކްޑައުންކޮށް ނުވަތަ ކާފިއު ހިންގާފައިވާ ގައުމުތަކުގައި އުޅޭ މުސްލިމުން ރޯދަ މަހު ނަމާދުކުރަން ޖެހޭނީ ގޭގައި" ކަކަމަށެވެ. އަދި "ނަމާދު ކުރުމުގައި އެއް މުސްލިމަކު އަނެއް މުސްލިމަކަށް ގެއްލުންވާ ޒާތުގެ ކަމެއް ކޮށްގެން ނުވާނެ" ކަމަށާއި "މުސްލިމުންގެ ނަފްސު ސަލާމަތް ކުރުމަކީ މާތްﷲ އަށް ކުއްތަންވުން ގާތްކޮށްދޭނެ ކަމެއް" ކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ.
"ރޯދަ މަހު ރޯދަ ވީއްލުމާއި ހާރުކެއުމުގެ ކަންކަން ގިނަ ބަޔަކު އެއްވެގެން ނުބޭއްވުމާއި އަޅުކަން އަދާކުރުމުގައި ވެސް މުސްލިމުންނަކީ ނަމޫނާ ބައެއްކަން ދައްކުވައިދޭން ޖެހޭނެ"ކަމަށް ސައުދީގެ އިސް ފަތުވާ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
ކޮރޯނާވައިރަސް ފެތުރެމުންދާތީ ސައުދީއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދެހަރަމްގައި ނަމާދު ކުރުން ހުއްޓުމަށް އަމުރު ނެރެ ސައުދީގެ ގިނަ ސަރަހައްދުތަކުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ. އަދި ޢުމްރާގެ އަޅުކަން ވަގުތީގޮތުން ހުއްޓާލާފައިވާއިރު މިއަހަރުގެ ޙައްޖުގެ ތައްޔާރީތައްވެސް ވަނީ މަޑު ޖައްސާލަފައެވެ. ރާއްޖޭގައިވެސް ހުރިހާ މިސްކިތެއްގައި ޖަމާއަތުގެ ނަމާދުކުރުން ހުއްޓާލާފައިވާއިރު ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

















ޚިޔާލު