ދުނިޔެ

ޢުމްރާގެ އަޅުކަން އަދާކުރުމަށް 7.2 މިލިއަން މީހުން ސައުދީއަށް ގޮސްފައިވޭ

މިއަހަރުގެ މިހާތަނަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް 7.2 މިލިއަނަށްވުރެ ގިނަ މީހުން ސައުދީ އަރަބިޔާއަށް ގޮސްފައިވާ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

އެޤައުމުގައި ޙައްޖު އަދި ޢުމްރާގެ ކަންކަމާއި ގުޅޭ މިނިސްޓްރީއިން ހަފްތާއަކު އެއްފަހަރު ނެރެމުން އަންނަ ހިސާބުތައް ދައްކާގޮތުން ރަމަޟާންމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 7،584،424 މީހުންނަށްވަނީ ޢުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ދޫކޮށްފައެވެ. މީގެ ތެރެއިން 7،201،851 މީހުންވަނީ 25 ވަނަ ދުވަހުގެ ނިޔަލަށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް އެތެރެވެފައެވެ.

ޢުމްރާގެ އަޅުކަން އަދާކުރުމަށް އެންމެ ގިނަ މީހުން ސައުދީއަށް ގޮސްފައިވަނީ ވައިގެ މަގުންނެވެ. އެގޮތުން 6,386,751 ޢުމްރާވެރިންވަނީ ވައިގެ މަގުން ސައުދީއަށް އެތެރެވެފައެވެ. މީގެ އިތުރުން އެއްގަމު މަގުންނާއި ކަނޑު މަގުންވެސް ޢުމްރާވެރިން އައިސްފައިވާ ކަމަށް ސައުދީއިން ހާމަކުރެއެވެ.

މިއަހަރު އެއްޤައުމަކުން އެންމެ ގިނަ ޢުމްރާވެރިން ސައުދީއަށް ގޮސްފައިވަނީ ޕާކިސްތާނުންނެވެ. އެޤައުމުގެ 1,590,731 މީހުންވަނީ މިއަހަރުގެ މިހާތަނަށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސްފައެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޢުމްރާއަށް ގޮސްފައިވަނީ މުސްލިމުންގެ އެންމެ އާބާދީ ބޮޑު އިންޑޮނޭސިއާއިންނެވެ. އެޤައުމުން 946,962 މީހުން ޢުމްރާއަށް ގޮސްފައިވާއިރު ތިންވަނައަށް އެންމެ ގިނަ މީހުން ޢުމްރާއަށް ދިޔައީ އިންޑިއާއިންނެވެ.

ވީކްލީ ޢުމްރާ އިންޑިކޭޓަރއަކީ ސައުދީއިން 2030 ވަނަ އަހަރުގެ ތަޞައްވުރުގެ ތެރެއިން އަހަރެއްގެ ތެރޭގައި 30 މިލިއަން ޢުމްރާވެރިންނަށް އަމާޒުކޮށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރަމުން އަންނަ ކަމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ