ސޫރިޔާ ހަނގުރާމަ 2011 ވަނަ އަހަރު ފެށުނު ފަހުން މިދިޔަ އަހަރަކީ އެންމެ މަދުން މީހުން މަރުވި އަހަރު ކަމުގައި ސީރިއަން އޮބްޒަރވޭޓަރީ އޮން ހިއުމަންރައިޓްސް (އެސްއޯއެޗްއާރު) ޖަމިއްޔާއިން ހާމަކޮށްފިއެވެ.
އެޖަމިއްޔާގެ ފަރާތުން އިއްޔެ ހާމަކުރި ހިސާބުތަކުން ދައްކާގޮތުގައި 2018 ވަނަ އަހަރު ސޫރިޔާ ހަނގުރާމައިގައި 19،666 މީހުންވަނީ މަރުވެފައެވެ. މީގެ ތެރޭގައި 6349 އާއްމު ރައްޔިތުން ހިމެނޭއިރު އޭގެ ތެރޭގައި 1437 ކުޑަކުދިން ހިމެނެއެވެ.
2017 ވަނަ އަހަރު 33،000 ވުރެ ގިނަ މީހުން ސޫރިޔާ ހަނގުރާމައިގައި މަރުވި އިރު އެއިގެ ތެރޭގައި 10،000 އަށްވުރެ ގިނަ އާއްމު ރައްޔިތުން ހިމެނެއެވެ.
އެސްއޯއެޗްއާރު ހިސާބުތައް ދައްކާގޮތުން ސޫރިޔާ ހަނގުރާމައިގައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ 2014 ވަނަ އަހަރުއެވެ. އެއަހަރު 76،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. 2014 ވަނަ އަހަރަކީ ބައްޝާރު އަސަދާއި ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކުން ސޫރިޔާގެ ޤޫތާއާއި ހިމްސް ފަދަ ބޮޑެތި ސިޓީތައް އެޖަމާއަތްތަކުގެ ކޮންޓްރޯލް ދަަށަށް ގެންދިޔަ އަހަރެވެ. އަދި ސޫރިޔާ އަދި އިރާޤްގައި އައިއެސް ޖަމާއަތުން ޚިލާފަތް އިޢުލާނުވެސް ކުރިއަހަރެވެ. މީގެ އިތުރުން 2014 ވަނަ އަހަރަކީ ބައްޝާރު އަސަދު ރަޝިޔާގެ އެހީތެރިކަމާއެކު ހަނގުރާމަކޮށް ސޫރިޔާގެ ބޮޑެތި އަވަށްތަކެއް އޭނާގެ ބާރުގެ ދަަށަށްވެސް ގެންދިޔަ އަހަރެވެ.

















ޚިޔާލު