ހުޅަނގުގެ ބާރުތަކުގެ މަދަދާއެކު ތުރުކީގައި އޮތް އުޘްމާނީ ޚިލާފަތު ފުނޑުފުނޑު ކޮށްލާ ވެރިކަމަށް އައި މުސްތަފާ ކަމާލް އަތާތުރުކު ތުރުކީގެ ދައުލަތުން އިސްލާމްދީން ފުހެލުާ ފަތުރާލި އަލްމާނިއްޔަތުގެ ސާލާއެކު އެޤައުމު ދެކެފައިވަނީ އަނދިރި ދުވަސްތަކެކެވެ. މިދުވަސްތަކަށް 80 އަހަރާއި ގާްތްވެފައިވަނިކޮށް ތުރުކީގެ ޖައްވުގައި އުޘްމާނީ ޚިލާފަތުގެ މީރުވަސް ދުއްވާލީ 2002 ވަނަ އަހަރުގެ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން އޭކޭ ޕާޓީ ކާމިޔާބު ކުރުމާއި ގުޅިގެންނެވެ. މިއާއެކު އަނެއްކާވެސް ތުރުކީއާއެމެދު ކުރެވެންފެށި އުއްމީދުތައް އާވާންފެށިއެވެ.
ތުރުކީއަކީ މިއަދު އިސްލާމީ ޤައުމުތަކުން އެންމެ ވަރުގަދަ އިޤްތިޞާދުގެ ގޮތުގައި ލީޑު ކުރަމުން އަންނަ އެއްޤައުމެވެ. ދުނިޔޭގެ އެންމެ ވަރުގަދަ 20 އިޤްތިޞާދުގެތެރޭގައި ތުރުކީވަނީ ރޭންކު ކުރެވިފައެވެ. މިސަބަބާއެކު އިސްލާމީ ޤައުމުތަކުގެ ތެރެއިން ތުރުކީ ވެފައިވަނީ ޔޫރަޕަށާއި ހުޅަނގަށް އެންމެ ބޮޑު ގޮންޖެހުމަށްވެފައިވާ އެއް ޤައުމަށެވެ.
މިހާރުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންގެ ޒަޢާމަތުގައި ތުރުކީވަނީ އިސްލާމީ އުއްމަތުގެ އެތަކެއް ވޭނެއް ހިއްސާކޮށްފައެވެ. ހަލާކުވެފައިވާ އެތައް ފާރުގަނޑެއްގައި ބޭސްއަޅައިދީ ފައެވެ. ޔަތީމުވި އެތައް ކުޑަކުދިންނަކާއި ހުވަފަތްވި އެތަކެއް މައިންނަކަށް އެހީތެރިކަން ފޯރުކޮށްދިނީ ތުރުކީއެވެ. މިކަން މުޅި އިސްލާމި އުއްމަތުގެ ކަންކޮޅުތަކަށް ބަލާލުމުން މިއަދުވެސް ފެނިގެންދާނެއެވެ.
މުސްލިމުންގެ ހިތްކަމުގައިވާ މަސްޖިދުލް އަޤްޞާއާއި ފަލަސްތީނުގެ ރައްޔިތުންގެ ދިފާޢުގައި ހަމައެކަނި އެއްޗެއް ވިދާޅުވާން ކެރޭ ލީޑަރަކީ އުރުދުޣާންއެވެ. އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލްއާއްމުތަކަށް ފާޅުގައި ބަސްވިދާޅުވެއެވެ. ކާނާއާއި ބޯފެނާއި ބޭސްފަރުވާއާއި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާނެ އެހީތެރިކަން ތުރުކީގެ ފަރާތުން އަބަދުވެސް ފަލަސްތީނަށް ފޮނުވަމުން ގެންދެއެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވާ ޣާޒާގެ ރައްޔިތުން މަތިންދާ ބޯޓުގައި ތުރުކީއަށް ގެނެސް ފަރުވާދެއެވެ.
މިޞްރުގެ ޑިމޮކުރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުވި ޑރ. މުޙައްމަދު މުރުސީގެ ސަރުކާރަށް މާލީ އެހީތެރިކަން ބެނުންވި ދުވަހު، އިސްލާމީ މަދު ޤައުމުތަކުގެ ތެރެއިން އެހީގެ އަތް ފޯރުކޮށްދިން ޤައުމުގެ ތެރޭގައި ތުރުކީވެސް ހިމެނެއެވެ. އަދި އިސްލާމީ އުއްމަތަކަށް ޚިޔާނާތްތެރިވީ ހާއިނުންތަކެއް ޚަރަދުކޮށްގެން “ބަޣާވާތަކުން” މުރްސީގެ ސަރުކާރު ވެރިކަމުން ދުރުކުރެވުނު އިރު އެކަމާދެކޮޅަށް އެންމެފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދައްކަވަމުންދިޔައީވެސް ތުރުކީއެވެ.
އަވަށްޓެރި ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައަށް 7 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެޤައުމުގެ 4 މިލިއަނަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން ގެންދަނީ ތުރުކީގައެވެ. މީގެ ތެރެއިން 30،000 އަށްވުރެ ގިނަ މީހުންނަށް ތުރުކީގެ ރަށްވެހިކަން ދީފައިވާއިރު ތުރުކީގެ އެހީދޭ ޖަމިއްޔާތަކުން ގެންދަނީ ސޫރިޔާގެ އެތެރޭގައިވެސް ހަރަކާތްތެރިވަމުންނެވެ.
މިޔަންމާގެ ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ހައްދުފަހަނަ އެޅި ބުޑިސްޓުން ހިންގަމުންދިޔަ ޤަތުލްއާއްމުން ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ދިޔުމުން އެކަމުގައިވެސް އެންމެ ބޮޑު އެހީތެރިކަމަކާއި މަދަދެއް ފޯރުކޮށްދެމުންދަނީ ތުރުކީގެ އުރުދުޣަންގެ ސަރުކާރުންނެވެ. މީގެ ކުރިން ހުދު އުރުދުޣާންއާއި ފަސްޓް ލޭޑި ރޮހިންޖާ މުސްލިމުންގެ ހާލު ބެލުމަށް އެމީހުން ގާތަށް ގޮސްފައިވާއިރު މިދިޔަ އަހަރުވެސް ފަސްޓް ލޭޑީވަނީ އެހީގެ ތަކެތި ހިފައިގެން ރޮހިންޖާ މުސްލިމުން ގާތަށް ގޮސްފައެވެ.
ސައުދީ އަރަބިޔާއާއި ޔޫއޭއީ އިސްވެ އޮވެ ޤަތަރު އިނދަޖައްސާލަން ކުރާ މަސައްކަތުގައި އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީވެސް ތުރުކީއެވެ. މިއާއެކު ތުރުކީ ބަލިކަށި ކުރުމަށް އެޤައުމުގެ އިޤްތިޞާދަށް ދެމުންދިޔަ ހަމަލަތަކުގެ އަސަރު މިހާރުވަނީ ފެންނަން ފަށާފައެވެ. އެޤައުމުގެ ފައިސާގެ އަގު މިއިން ދުވަހަކު ދަށަށް ނުދާވަރަށް ދަށަށް ގޮސްފައިވާއިރު އެކަމުގެ ނޭދެވޭ އަސަރު އެޤައުމުގެ ރައްޔިތުންގެ ދިރިއުޅުމަށްވަނީ ކުރަން ފަށާފައެވެ.
2017 ވަނަ އަހަރު ތުރުކީ ވެފައިވަނީ އިންސާނިއްޔަތަށް އެހީ ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެހެން ހުރިހާ ޤައުމުތަކަކުން ލަދުގަންނަވާ ލާފައެވެ. އެގޮތުން މިދިޔަ އަހަރު އެހީގެ ގޮތުގައި ތުރުކީއިން 8.1 ބިލިއަން ޑޮލަރުވަނީ ޚަރަދު ކޮށްފައެވެ.
ކަންހުރީ މިހެންކަމުގައިވާއިރު ތުރުކީގެ އިންތިހާބަކީ މުޅި އިސްލާމީ އުއްމަތަށް ޙާއްސަ އިންތިހާބެކެވެ. ޤައުމުގެ އެތެރެއާއި ބޭރުން އަލްމާނީ ފިކުރުގެ ޖަމާއަތްތަކުން ޤައުމުގެ ވެރިކަން ބަދަލުކުރުމަށް ހިފާފާވާއިރު މުސްލިމުންގެ ހައްޤުގައި ވަކާލާތު ކުރެވޭފަދަ ވެރިއަކު ތުރުކީގެ ޒައާމަތާއި ހަވާލުވުމަކީ އެތަކެއް މުސްލިމުންގެ އެދުމެވެ.
ރައީސް ޢުރުދުޣާންއާއި އެންމެ ވާދަކުރާނެ ކަމަށް ބެލެވޭ އަލްމާނީ ފިކުރަށް ތާއީދުކުރާ މުހައްރަމް އިންޝް ކެމްޕެއިންގައިވެސް ވިދާޅުވަމުން ގެންދެވީ އިންތިހާބު ކާމިޔާބު ވެއްޖެނަމަ ތުރުކީ ބަދަލުކުރާނެ ކަމަށެވެ.

















ޚިޔާލު