އޮސްޓްރިއާއިން އެޤައުމުގެ 7 މިސްކިތެއް ބަންދުކޮށް 60 އިމާމުން ޤައުމުން ފޮނުވާލަން ނިންމައިފިއެވެ.
ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެޤައުމުގެ ޗާންސެލަރ ސެބާސްޓިއަން ކޫޒް ބުނީ ދީނީ ކަންކަމާއިބެހޭ އޮފީހުން ހިންގި ތަހުގީގުތަކުން އެނގޭ ގޮތުގައި މިހަތް މިސްކިތުންދަނީ އޮސްޓްރިއާގެ ޤާނޫނުތަކާއި ޚިލާފަށް އެމީހުންގެ ކަންކަން ހިންގަމުންނެވެ. އެގޮތުން 2015 ވަނަ އަހަރު އެކުލަވާލާފައިވާ މުސްލިމުންގެ ކަންކަމާއި ގުޅޭ ޤާނުނުގެ ދަށުން ޤައުމުން ބޭރުގެ ފަންޑެއް ޤައުމުގައި ދިރިއުޅޭ މުސްލިމުންގެ މުޖުތަމައުތަކަށް ބޭނުންކުރުމަކީ މަނާކަމެއް ކަމަށާއި އެކަން މިމިސްކިތްތަކާއި އެތަންތަނުގެ އިމާމުން ކޮށްފައިވާ ކަމަށެވެ.
"އަހަރުމެންނަކީ ދީނީ މިނިވަންކަން ނެގެހެއްޓުމަށް މަސައްކަތްކުރާ ބައެއް. ހަމަ އެހެންމެ އަހަރުމެންގެ ދެމިއޮތުމަށް ހެދިފައިވާ ޤާނޫނުތަކަށްވެސް އަހަރުމެން ޢަމަލުކުރަންޖެހޭ. ސިޔާސަތުތައް އިސްލާމްދީނާއި އެއްގޮތަށް ބައްޓަންކުރުމާއި ހަރުކަށި ފިކުރުތަކަކީ އަހަރުމެންޖާގަ ދޭނެ ކަންކަމެއް ނޫން" ކޫޒް ބުނެފައިވެއެވެ.
ކޫޒްގެ ކޮންޒަވޭޓިވް ޕާޓީގެ ކޯލިޝަން ޕާޓްނަރ އަދި އިސްލާމްދީނާއި ދެކޮޅަށް މަސައްކަތްކުރަމުންދާ ފްރީޑަމް ޕާޓީގެ އަދި ވައިސް ޗާންސެލަރގެ މަޤާމް ފުރަމުންދާ ހެއިންޒް ކްރިސްޓިއަން މިބައްދަލުވުމުގައި ވާހަކަދައްކަމުން ބުނެފައިވަނީ މިއީ އިސްލާމީ ހަރުކަށި ވިސްނުމާއި ދެކޮޅަށް ކުރާ މަސައްކަތުގެ ފެށުމެއް ކަމަށެވެ.
ތުރުކީގެ ބަހުގެ ހަމަލާތަކެއް އޮސްޓްރިއާއަށް
އޮސްޓްރިއާއިން ބަންދުކުރަން ނިންމި ހަތް މިސްކިތުގެ ތެރެއިން އެއް މިސްކިތަކީ އޮސްޓްރިއާގައި ހަރަކާތްތެރިވާ ޓަރކިޝް އިސްލާމިކް ކަލްޓަރަލް އެސޯސިއޭޝަންއިން ހިންގަމުންދާ މިސްކިތެކެވެ. އަދި ޤައުމުން ފޮނުވާލަން ނިންމި ގިނަ އިމާމުންނަކީ ތުރުކީގެ ރައްޔިތުންނެވެ. މ
މިކަމާއި ގުޅިގެން ތުރުކީ ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް ކަލިން ޓްވިޓަރގައި ބުނެފައިވަނީ މިކަމަކީ ބައިނަލްއަޤްވާމީ ޤާނޫނީ އުސޫލުތަކާއި ކުދި ޖަމާއަތްތަކުގެ ހައްޤަށް އަރައިގަތުން ކަމަށެވެ. އަދި މިގޮތަށް މުސްލިމް ޖަމާއަތްތަކާއިމެދު ޢަމަލުކުރަނީ ސިޔާސީ ގޮތުން މަންފާތަކެއް ހޯދުމަށް ކަމަށްވެސް ބުނެފައިވެއެވެ.
މުސްލިމުންނަށް ދަތި އުނދަގޫ ދުވަސްތަކެއް
އޮސްޓްރިއާގެ އަބާދީގެ 8 އިންސައްތަ މުސްލިމުން ހިއްސާކުރާއިރު އެޤައުމުގައި މުސްލިމުންނަށް ކުރިމަތިކުރުވާ ފިއްތުންތައްދަނީ ދުވަހެއް ދުވަހަަކަށް އިތުރުވަމުންނެވެ.
އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރމަހުގެ އެއްވަނަ ދުވަހުވަނީ އާއްމު ތަންތަނުގައި މޫނު ބުރާ އެޅުން މަނާކުރާ ޤަވައިދެއްހަދާ އެއަށް ޢަމަލުކުރަން ފަށާފައެވެ. އެގޮތުން އެމިޤަވައިދެއް އޭރުވެސް ފާސްކޮށްފައިވަނީ ޑިސެމްބަރމަހު އޮތް އާއްމު އިންތިހާބަށް ފްރީޑަމް ޕާޓީއަށް ވޯޓު ހޯދުމުގެ ގޮތުންނެވެ.
ތުރުކީގެ ކަލްޓަރަލް އެސޯސިއެޝަންގައި ކޮންސަލްޓެންޓެއް ގޮތުގައި މަސައްކަތްކުރަމުން އަންނަ މަހުމޫދު ވަނީ އޮސްޓްރިއާ ސަރުކާރުގެ މިއަމަލު ޑިމޮކްރަސީއަށްވެސް ހުރި ލަދެއްގެ ގޮތުގައި ސިފަކޮށްފައެވެ.
"މިއީ ހަމަ ޝޮކެއް. ޑިމޮކްރަސީއަށްވެސް ހުރި ލަދުވެތިކަމެއް މިކަމަކީ. ޔޫރަޕުގައި ދިރިއުޅޭ މުސްލިމް ބައިމަދު ޖަމާއަތްތަކަށް ކުރިއަށް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް" މަހުމޫދު ބުންޏެވެ.

















ޚިޔާލު