ސުވަރުގެއާއި ނަރަކައިގެ ވާހަކަދައްކައިފި ނަމަ ސުވަރުގެއަށް ދިއުމަށާއި ނަރަކައިން ސަލާމަތްވުމަށްއަބަދުވެސް އެދެވެއެވެ. އެއީ ހަމައެކަނި އެދެވޭ އެދުމެއް ކަހަލަ ކަމެކެވެ. އެއަށްފަހު ދެން ފެށެނީ ސުވަރުގެ ތަޞައްވަރު ކުރާށެވެ. ނަރަކައިގެމަތިން ހަނދާނެއްވެސް ނުހުރެއެވެ. އެއީ ކިހާ ބިރުވެރިތަނެއްކަމާއި އެތާގެ ވޭން ދެނިވި ޢަޒާބު ހިތަށް ގެނެސް ބިރުވެތި ވާކަށެއްބޭނުމެއް ނުވެއެވެ. ބޭނުންވަނީ ސުވަރުގެއަށްދާށެވެ. ބުނާތީ އަޑުއަހަނީ ސުވަރުގެއިން ބޭނުން އެއްޗެއް ލިބޭނޭކަމެވެ. ބޭނުން ކަމެއް ކޮށްލެވޭނޭކަމެވެ. އަބަދަށް އަރާމާއި އުފާ ލިބޭނޭ ކަމެވެ. ދެން ފެށެނީ ލިސްޓު ކުރާށެވެ. ސުވަރުގެ އަށް ގޮސް ކުރާނެ ކަންތައްތަކާއި ހޯދާނެ އެއްޗިއްސެވެ. މެސީ ދުއްވާކަހަލަ ކާރެކެވެ. ނޫނެކެވެ. އެއަށްވުރެވެސް މޮޅު ކާރެކެވެ. "ފެރާރީ މޭޑް އިން އިޓަލީ އެއްނޫނެވެ. މޭޑް އިން ޖަންނާ އެވެ." ދެންވެސް އަންނަނީ އެތައްބައިވަރު ކަމެކެވެ. ނަމަވެސް އޭގެ ކުރިން އަމިއްލަ ނަފްސާ ކޮށްލަންވީ ސުވާލަކީ: "އަހަންނަށް ސުވަރުގެ ވަދެވޭނެބާއެވެ؟" "ނަރަކައިގެ ޢަޒާބު ދެކުމަކާ ނުލައި ސުވަރުގެ އަށް ވަނުމުގެ ފުރުސަތު އަހަންނަށް ލިބޭނެބާއެވެ؟" "އެފަދަ ބާއްޖަވެރިޔަކަށް ވުމަށްޓަކައި އަހަންނަށް އެބަ މަސައްކަތް ކުރެވޭ ބާއެވެ؟" "ސުވަރުގެއިން ހޯދާނެ އަރާމާއި އުފާ ލިސްޓްކުރާއިރު، އެތަން ޙާޞިލްކުރުމަށްޓަކައި ކުރެވިދާނެ ކަންތައް ތަކަކީ ކޮބައިތޯ ބަލައި، އަހަރެމެންގެ ޢަމަލުތަށް އިޞްލާޙު ކުރެވޭތޯ އެބަ މަސައްކަތް ކުރެވޭތޯއެވެ." އެފަދަ ކަންކަން ވަރަށް ބައިވަރެވެ. މިލިޔުމުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަބަވީ އިރުޝާދުތަކުން ފެންނަން އޮތް އެފަދަ ކަމަކަށް އަލިއަޅުވާލާނަމެވެ. ދުޢާއަކީ މިއަޅާއާއި އެންމެހާ މުސްލިމު އަޚުންނާއި އުޚްތުންނަށް ވެސް ސުވަރުގޭގެ ދާއިމީ ނިޢުމަތްތަށް އަބަދާއި އަބަދަށް ދެއްވައި ނަރަކައިގެ ޢަޒާބުން މިންޖު ކުރެއްވުމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ:
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، رضى الله عنهما قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " خَلَّتَانِ لاَ يُحْصِيهِمَا رَجُلٌ مُسْلِمٌ إِلاَّ دَخَلَ الْجَنَّةَ أَلاَ وَهُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ يُسَبِّحُ اللَّهَ فِي دُبُرِ كُلِّ صَلاَةٍ عَشْرًا وَيَحْمَدُهُ عَشْرًا وَيُكَبِّرُهُ عَشْرًا " . قَالَ فَأَنَا رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَعْقِدُهَا بِيَدِهِ قَالَ " فَتِلْكَ خَمْسُونَ وَمِائَةٌ بِاللِّسَانِ وَأَلْفٌ وَخَمْسُمِائَةٍ فِي الْمِيزَانِ وَإِذَا أَخَذْتَ مَضْجَعَكَ تُسَبِّحُهُ وَتُكَبِّرُهُ وَتَحْمَدُهُ مِائَةً فَتِلْكَ مِائَةٌ بِاللِّسَانِ وَأَلْفٌ فِي الْمِيزَانِ فَأَيُّكُمْ يَعْمَلُ فِي الْيَوْمِ وَاللَّيْلَةِ أَلْفَيْنِ وَخَمْسَمِائَةِ سَيِّئَةٍ " . قَالُوا وَكَيْفَ لاَ يُحْصِيهَا قَالَ " يَأْتِي أَحَدَكُمُ الشَّيْطَانُ وَهُوَ فِي صَلاَتِهِ فَيَقُولُ اذْكُرْ كَذَا اذْكُرْ كَذَا . حَتَّى يَنْفَتِلَ فَلَعَلَّهُ أَنْ لاَ يَفْعَلَ وَيَأْتِيهِ وَهُوَ فِي مَضْجَعِهِ فَلاَ يَزَالُ يُنَوِّمُهُ حَتَّى يَنَامَ " . قَالَ هَذَا حَدِيثٌ حَسَنٌ صَحِيحٌ . وَقَدْ رَوَى شُعْبَةُ وَالثَّوْرِيُّ عَنْ عَطَاءِ بْنِ السَّائِبِ هَذَا الْحَدِيثَ . وَرَوَى الأَعْمَشُ هَذَا الْحَدِيثَ عَنْ عَطَاءِ بْنِ السَّائِبِ مُخْتَصَرًا . وَفِي الْبَابِ عَنْ زَيْدِ بْنِ ثَابِتٍ وَأَنَسٍ وَابْنِ عَبَّاسٍ رضى الله عنهم
ޙަދީޘްގެ މާނަ (ކުޑަ ޝަރަޙައަކާއެކު): ޢަބްދުﷲ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ދެކަމެއް ކުރުންމަތީ މުސްލިމަކު ދެމިހުރެއްޖެކަމުގައިވާނަމަ، އޭގެސަބަބުން އޭނާ ސުވަރުގެ ވަންނާނެއެވެ. އެއީ ވަރަށްފަސޭހަ ދެކަމެކެވެ. ނަމަވެސް އެދެކަންތައް ކުރުންމަތީ ދެމިހުރެވެނީ ވަރަށްމަދުބަޔަކަށެވެ. އޭނާ ކޮންމެ ނަމާދެއްގެ ފަހުން މާތް ﷲ އަށް ދިހަ ފަހަރު ތަސްބީޙާ ކިޔުމާއި (އެބަހީ: "سبحان الله" ދިހަ ފަހަރު ކިޔުމެވެ.) އަދި ދިހަ ފަހަރު ޙަމްދު ކުރުމާއި (އެބަހީ: ދިހަ ފަހަރު، "الحمد لله" ކިޔުމެވެ) އަދި ދިހަފަހަރު ތަކްބީރު ކިޔުމެވެ (އެބަހީ: "الله أكبر" ދިހަފަހަރު ކިޔުމެވެ.)" (އިބްނު ޢުމަރު) ވިދާޅުވިއެވެ. 'ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އިނގިލިފުޅުތަކުން ގުނުއްވަމުން މި ޒިކުރުތައް ކިޔުއްވިތަން އަހަރެން ދެކުނީމެވެ.' އަދި ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ފަހެ (ފަރުޟު ފަސްނަމާދުގެ ކޮންމެނަމާދެއްގެ ފަހުން މިޛިކުރުތައް ކިޔުމުން) ދުލުން އެކިޔެނީ ޖުމްލަ ސަތޭކަ ފަންސާސް ފަހަރުއެވެ. ނަމަވެސް ހެޔޮ ކަމުގެ ތިލަފަތުގައި އެއީ އެއްހާސް ފައްސަތޭކަ ހެޔޮކަމެވެ. (އެއީ ކޮންމެ ހެޔޮކަމެއް 10 ގުނަވާތީއެވެ. 150 ދިހަގުނަ ކޮށްލުމުން ވާނީ 1500 އެވެ.) އަދި ތިބާ ނިދަން އޮށޯވެ ނިދުމުގެ ކުރިން މާތް ﷲ އަށް ތަސްބީޙާއި (އެބަހީ سبحان الله) ، ތަޙްމީދާއި (އެބަހީ الحمد لله)، ތަކްބީރު (އެބަހީ الله أكبر) ޖުމްލަ ސަތޭކަ ފަހަރު ކިޔައިފިނަމަ، ފަހެ ދުލުން އެކިޔެނީ ޖުމްލަ ސަތޭކަ ފަހަރުއެވެ. ނަމަވެސް ހެޔޮ ކަމުގެ ތިލަފަތުގައި އެއީ އެއްހާސް ހެޔޮކަމެވެ. (ވީމާ ފުރަތަމަ ޢަމަލުން ޙާޞިލްކުރެވުނު 1500 ހެޔޮކަމާއި، ދެވަނަ ޢަމަލުން ޙާޞިލްކުރެވުނު 1000 ހެޔޮކަން އެއްކޮށްލުމުން ޖުމްލަ އެވަނީ 2500 ހެޔޮކަމެވެ.) ފަހެ ތިޔަބައިމީހުންގެ ތެރެއިން ރެއަކާއި ދުވާލެއްގެ ތެރޭގައި ދެހާސް ފައްސަތޭކަ ނުބައިކަންތައް ކުރަނީ ކާކުހެއްޔެވެ؟ (މިތަނުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ މުރާދުފުޅަކީ، ހެޔޮ ކަންތަކުން ނުބައި ކަންތައް ފޮހެލައެވެ. އެހެންކަމުން، ކުރިން ބަޔާންވެގެންދިޔަ ދެހާސް ފަސް ސަތޭކަ ހެޔޮކަމުން، ދެހާސް ފަސް ސަތޭކަ ނުބައިކަންތައް ފޮހެލާނެއެވެ. "ތިޔަބައިމީހުންގެ ތެރޭގައި އެފަދައިން ދެހާސް ފަސްސަތޭކަ ނުބައި ކަންތައް ދުވާލެއްގެ މައްޗަށް ކުރެވޭ މީހަކު އެބަހުރިތޯއެވެ؟" މިއީ ސުވާލު އިންކާރީއެކެވެ. މާނައަކީ، އެވަރަށް ޞަޙާބީންގެ ތެރޭގައި ފާފަ ކުރެވޭ ބޭކަލެއް ނުހުންނާނެއެވެ.) އެހިނދު ޞަޙާބީން ސުވާލުކުރެއްވިއެވެ. "މިކަމުގެ މަތީގައި ގިނަމީހުންނަށް ދެމިނުހުރެވެނީ ކީއްވެގެންތޯއެވެ؟" އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "މީހާ ނަމާދުގައި ހުންނައިރު ޝައިޠާނާ އޭނާގެ ގާތަށް އައިސް ބުނެއެވެ. މިވެނި އެވެނި ކަމެއް ހަނދާންކުރާށެވެ. އަދި ނަމާދުން ނިމިގެން ދާހިނދު، މި ޛިކުރުތައް ކުރާކަށް އޭނާ ހަނދާން ނުހުރެދާނެއެވެ. އަދި އޭނާ ނިދަން އޮށޯންނަ ހިނދު، ޝައިޠާނާ އޭނާގެ ގާތަށް އައިސް އޭނާ ނިދިއްޖައުމަށް ދާންދެން (މި ޛިކުރުތައް ނުކިޔައި ނިންދެވުމަށްޓަކައި) އޭނާ ނިދި ޖައްސުވައެވެ."
ވިސްނާލައްވާށެވެ. މިއީ ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ފަދައިން ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް މިދެކަންތައް ފަސޭހައިން ކޮށްލެވޭނީ ޙަޤީޤީ މާނައެއްގައި ސުވަރުގެ ވަނުމަށް އެދޭމީހަކަށެވެ. ސުވަރުގޭގެ ވާހަކަ ދައްކާއިރަށް ހިޔާލީ ފޮލާގެ ކަނޑަކަށް ފެތޭފަދަ މީހަކަށް ނޫނެވެ. އޭނާ ފަތިހު ފަތިސް ނަމާދުގެ ފަހުން މި ޛިކުރުތަށް ކިޔުމަށްޓަކައި ފަތިސްނަމާދަށް ދިއުމަށްޓަކައި އަވަހަށް ތެދުވާނެއެވެ. އިތުރު ޘަވާބު ހޯދުމަށް ޓަކައި ފަތިސްނަމާދުގެ އިހު ސުންނަތް ދެތަކުޢަތް ކުރެވޭތޯވެސް ބަލާނެއެވެ. އަދި ފަތިސްނަމާދުގެ ފަހުން ޒިކުރުތައް ކިޔުމަށްޓަކައި ވަޤުތުކޮޅެއް ހޭދަކުރާނެއެވެ. ދެން އެއަށް ފަހު އޭނާ އިންތިޒާރުކުރާނީ މެންދުރުނަމާދު ކުރެވޭނޭ އިރަކަށެވެ. ފިރިހެނެއްނަމަ ޖަމާޢަތުގައެވެ. އެއީ ފިރިހެނުންނަށް ނަމާދު ކުރަން އަންގަވާފައިވަނީ ޖަމާޢަތުގައި ކަމަށްވާތީއެވެ. އަންހެނެއް ނަމަ ގޭގައެވެ. އެއީ އަންހެނާއަށް އެންމެ ރަނގަޅީ ގޭގައި ނަމާދުކުރުން ކަމުގައިވާތީއެވެ. އަދި ނަމާދު ކުރާއިރު، ޚުޝޫޢަތްތެރި ވުމަށް އޭނާ މަސައްކަތްކުރާނެއެވެ. އެއީ ނަމާދުގައި ޘަވާބު ލިބެނީ އޭނާ ޚުޝާޢަތްތެރިވީ މިންވަރަކުން ކަމަށްވާތީއެވެ. ދެންވެސް ފަހަރަކު ނަމާދަކަށް އޭނާ އިންތިޒާރު ކުރާނެއެވެ. މިހެންގޮސް (ނަމާދާއި މިސްކިތަށް ހިތުގައިވާ ލޯތްބެއްގެ ބޮޑުކަމުން) އޭނާގެ ހިތް މިސްކިތާ ގުޅިފައިވާ މީހުންގެ ތެރެއިންވެސް ވެދާނެއެވެ. އޭރުން އަދި މާރަނގަޅެވެ. ޢަރުޝީގެ ހިޔާ ނޫން އެހެން ހިޔަލެއް ނުވާ ދުވަހު (ޤިޔާމަތް ދުވަހު) ޢަރުޝީގެ ހިޔާ ލިބޭނޭކަމަށް އަންގަވާފައިވާ 7 މީހުން ގެތެރޭގައި އެމީހެއްގެ ހިތް މިސްކިތާއި ގުޅިފައިވާ މީހާ ހިމެނެއެވެ. ކޮންމެ ނަމާދެއްގެ ފަހުންވެސް އޭނާ ޒިކުރުތަށް ބަރާބަރަށް ކިޔާނެއެވެ. ދެން އަނެއްދުވަހުގެ ފަތިސްނަމާދަށް ހޭލެވުމަށްޓަކައި އަވަހަށް ނިދުމަށްޓަކައި އޭނާ އޮށޯންނާނެއެވެ. ނިދުމުގެ ކުރިން ބޭކާރު ވާހަކަތަކުގައި ވަޤުތު ހޭދައެއް ނުކުރާނެއެވެ. ފިލްމުބެލުމާއި އެފަދަ އެހެންކަންތައް ކުރުމުންވެސް ދުރުވާނެއެވެ. މީސްތަކުންގެ މައްޗަށް ހިތް ސާފުކޮށް ޚަލާސް ކުރުމަށްފަހު ނިދުމުގެ ކުރިން ކިޔަންޖެހޭ ޒިކުރުތަށް ކިޔުމަށްފަރު އަރާމު ނިންޖެއް ލިބޭތޯ އޮށޯންނާނެއެވެ.
އަދިނިމުނީއެއްނޫނެވެ. ޙަދީޘްގައި ވާފަދައިން މިދެކަންތައް ކުރުމުން އޭނާ ދުރުހެލިކުރުވަނީ ޝައިޠާނާއެވެ. ވީމާ ޝައިޠާނާ އާ ދުރުހެލިވުމަށް އޭނާ އަބަދުވެސް މަސައްކަތްކުރާނެއެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔައި، ﷲ އަށް ޛިކުރުކުރުން މަތީ ގިނަ ވަޤުތު ހޭދަކުރާނެއެވެ. ސިއްރާއި ފާޅުގައި ﷲއަށް ބިރުވެތިވެ، ނުބައި ފާޙިޝް ޢަމަލުތަކާއި އެނޫންވެސް ފާފަތަކާއި ދުރުވާނެއެވެ. އަދި ތަޤްވާވެރިވެ ނަފްސު އިޞްލާޙުކުރުމަށް ގަދައަޅައި މަސައްކަތްކުރާނެއެވެ. މިހެންގޮސް އޭނާ މަތީގައި ބަޔާންވެދިޔަ ޒިކުރުތަށް ބަރާބަރަށް ކިޔުމުގެ އިތުރުން ދުވަހަކަށް ފަހު ދުވަހެއް ﷲއާއި އެއިލާހުގެ ދީނާ ގާތްވަމުންދާނެއެވެ. އަދި ޝައިޠާނާއާއި ދުރަށްދާނެއެވެ. މިހެންގޮސް ﷲގެ އިރާދަފުޅުން ޝައިޠާނާއަށް ބާރުނުފޯރުވޭ ހިސާބައްވެސް ގޮސްދާނެއެވެ. އެއީ ﷲ ވަޙީ ކުރަށްވާފައިވާ ފަދައިންނެވެ. ﴿إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلَّا مَنِ اتَّبَعَكَ مِنَ الْغَاوِينَ ﴾ -الحجر: ٤٢- މާނަ: "ހަމަކަށަވަރުން، ތިމަންއިލާހުގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެތެރެއިން ކަލޭގެއަށް تبع ވާ މީހުން މެނުވީއެވެ." މިހެންގޮސް ﷲގެ އިރާދަފުޅުން ނަރަކައިން ސަލާމަތްވެ، ސުވަރުގެ ޔަޤީންވާ މީހުންގެތެރެއިން އޭނާ ވެދާނެއެވެ. ވީމާ ކުޑަ ކުޑަ ހިތްވަރެއްލައި މިދެކަންތައް ކުރުންމަތީ ދެމިހުރެވޭތޯ މަސައްކަތްކުރަމާތޯއެވެ؟ އިން ޝާ ﷲ ނުވާންވީ ސަބަބެއް ނެތެވެ.

















ޚިޔާލު