ކަޝްމީރުގެ އިންޑިއާ ވީފަޅީގެ އަވަށެއް ކަމުގައިވާ ކަތުއާގެ 8 އަހަރުގެ އާސިފާ ނަމަކަށްކިޔާ މުސްލިމް އަންހެންކުއްޖަކު ރަހީނުކޮށް، މަސްތުވާތަކެތިދީ އެތައް ފަހަރެއްގެ މަތިން ރޭޕްކޮށް ގަލުންތަޅައި މަރާލިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ 8 މީހުންވެސް ދައުވާއަށް އިންކާރުކޮށްފިއެވެ.
މިދައުވާ ކޮށްފައިވަނީ ހިންދޫންގެ 8 މީހުންގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފައްޅިއެއް ބަލަހައްޓާ މީހަކާއި ފުލުހުންގެ ހަތަރު މީހެއްގެ އިތުރުން 18 އަހަރުނުވާ މީހަކާއެކު އިތުރު ދެމީހެކެވެ.
މިމައްސަލައިގައި ބޭއްވި ފުރަތަމަ އަޑު އެހުމުގައި ދައުވާ ލިބޭ 8 މީހުންގެ ވަކީލް ބުނެފައިވަނީ ދައުވާ ލިބޭ 8 މީހުންވެސް ދައުވާއަށް އިންކާރުކުރާ ކަމަށާއި ތެދުދޮގު ސާބިތުކުރާ މެޝިންގެ ޓެސްޓް ހެދުމަށް ދައުވާ ލިބޭ މީހުން ތައްޔާރަށް ތިބި ކަމަށެވެ.
މިމައްސަލަ ތަހްޤީގްކޮށް ފުލުހުން ތައްޔާރުކޮށްފައިވާ ލިޔުންތައް ބުނާގޮތުން މިއަހަރުގެ ޖެނުއަރީމަހު އާސިފާ ވަގަށް ނެގުމަށްފަހު 5 ދުވަސްވަންދެން ކަތުއާގެ ހިންދޫ ފައްޅިއެއްގައިވަނީ ފޮރުވައިގެން ގެންގުޅެފައެވެ. އަދި މިދުވަސްތަކުގައި އާސިފާއަށް މަސްތުވާތަކެތީދީ އެތައްފަހަރެއްގެ މަތިންވަނީ ރޭޕްކުރުމުގެ މުޑުދާރު އަމަލު ހިންގާފައެވެ. އަދި އާސިފާ މަރާލާފައިވަނީ ގަލުންތަޅައިގެން ކަމަށްވެސް މިލިޔުންތަކުގައި ބުނެފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މުޖްރިމުންގެ ދިފާއުގައި ހަރުކަށި ހިންދޫންނާއި އިންޑިއާގެ ވެރިކަންކުރާ ހިންދީ ހައްދުފަހަނައެޅި ބީޖޭޕީގެ ބައެއް އިސްވެރިން ތެދުވެފައިވާއިރު މައްސަލައިގެ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅަން ދިޔަ ފުލުހުންނަށް ހިންދޫ ވަކީލުންގެ ގްރޫޕަކުންވަނީ ބިރުދައްކާ ހުރަސްއަޅާފައެވެ.
މީގެ އިތުރުން ތުއްތު އާސިފާގެ އާއިލާގެ ދިފާއުގައި މަސައްކަތްކުރަމުންދާ ވަކީލާއަށްވެސް މިހާރުވަނީ އެތައްފަހަރަކު މަރުގެ އިންޒާރުވެސް ދީފައެވެ.
މިމައްސަލައިގެ އަޑު އެހުމެއްދެން އޮންނާނީ މިމަހުގެ 28 ގައެވެ.

















ޚިޔާލު