ފަލަސްތީނުގެ މައްސަލައަކީ އަރަބިންގެ އެންމެ އިސްކަމެއްދޭ މައްސަލަކަމަށާއި އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ސައުދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.
ސަލްމާން ރަސްގެފާނު މިފަދައިން ވިދާޅުވެފައިވަނީ ސައުދީ އަރަބިޔާގެ ދަހްރާންގައި ކުރިއަށްދާ އަރަބި ލީގްގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
"ފަލަސްތީނުގެ މައްސަލައަކީ އަހަރުމެން އެންމެ އިސްކަންދޭ މައްސަލަ. ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ލިބެންދެން އެކަން އެގޮތުގައި އޮންނާނެ. ހާއްސަ ގޮތެއްގައި އިރުމަތީ ޤުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހިމެނޭ ގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރެވެންދެން" ސަލްމާން ރަސްގެފާނު ވިދާލުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަލްމާން ރަސްގެފާނުވަނީ އެމެރިކާއިން އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ކަނޑައެޅުމުން އެކަމާ ދެކޮޅަށްވެސް ވާހަކަދައްކަވާފައެވެ.

















ޚިޔާލު