ދުނިޔެ

ޖަލުގެ ހާލަތުދަށް، ރައީސް މުރްސީގެ ފުރާނައަށް ނުރައްކާވެފައި

މިޞްރުގެ ރައީސް ޑރ މުޙައްމަދު މުރްސީ ބަހައްޓާފައިހުރި ޖަލުގެ ހާލަތުދަށްކަމުން މުރްސީގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ރިޕޯޓަކުން ހާމަވެއްޖެއެވެ.

ޑިމޮކްރަޓިކް ހަމަތަކުގެ މަތިން މިޞްރުގައި އިންތިހާބުވި ފުރަތަމަ ރައީސް ޑރ މުރްސީ ޖަލަށް ލާފައިވަނީ 2014 ވަނަ އަހަރު ގެނައި ބަޣާވާތަކުން ވެރިކަން ވައްޓާލުމަށް ފަހުގައެވެ. ޑރ މުރްސީ އަކީ ހަކުރުބައްޔާއި މެޔާއި ކިޑްނީގެ ބަލިތައްވެސް ކުރިއްސުރެ ފާހަގަކުރެވިފައިވާ ބޭފުޅެކެވެ.

ބަންދުގެ ކަންކަން ރިވިއު ކުރުމަށް އެކުލަވާލާފައިވާ މިނިވަން ޕެނަލަކުން ބުދަދުވަހު ނެރުނު ރިޕޯޓަކާއި ހަވާލާދީ އޭފްޕީއިން ބުނެފައިވަނީ އުމުރުފުޅުން 66 އަހަރުގެ މުރްސީ ކޮންމެދުވަހަކު 23 ގަޑިއިރުވަންދެން ޖަލުގައި އެކަހެރިކޮށްފައި ބަހައްޓާކަމަށާއި މިކަމަކީ އ.ދ ގެ މިންގަނޑުތަކުން ބަލާއިރުވެސް އަނިޔާގެ ގޮތުގައި ބެލޭނެ ކަމެއް ކަމަށެވެ.

ޕެނަލްގެ ބޭފުޅުން މުރްސީއާއި ބައްދަލުކޮށް ޖަލުގެ ހާލަތު ބެލުމަށް މިޞްރުގެ އިދާރާތަކުން ހުއްދަ ނުދިނުމާއި ގުޅިގެން ރިޕޯޓު ތައްޔާރުކޮށްފައިވަނީ ހެކިތަކާއި މަންޒަރުދުށް މީހުންގެ ބަސްތަކާއި ކަމާއި ގުޅޭގޮތުން އެހެން ޖަމިއްޔާ ޖަމާޢަތްތަކުން ހާމަކޮށްފައިވާ ރިޕޯޓުތައް ފަދަ ތަކެތިން ލިބުނު މައުލޫމާތު ތަކުގެ އަލީގައެވެ.

ޕެނަލްގެ ބޭފުޅުން މުރްސީގެ ދަރިކަލުންކަމަށްވާ އަބްދުﷲ އާއި ބައްދަލުކުރުމުން ބުނެފައިވަނީ އާއިލާއަށް މުރްސީއާއި ބައްދަލުކުރުމުގެ ފުރުޞަތު މިޞްރުގެ އިދާރާތަކުން ދީފައިނުވާ ކަމަށެވެ. އަދި އޭނާގެ ބައްޕަ ބަހައްޓާފައިހުރި ޖަލުގެ ހާލަތު ކުށްވެރިކޮށް ބައްޕައަށް ބޭނުންވާ ސިއްޚީ ފަރުވާއާއި އާއިލީ ބައްދަލުވުންތަކަށް ފުރުސަތު ދިނުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން މިޞްރުގެ ސަރުކާރަށް ޕްރެޝަރ ކޮށްދިނުމަށް އެދިފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ