މިޞްރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ހޯމާދުވަހު ފެށިގެންދާއިރު އެޤައުމުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހް ސީސީއަށް ގާތްގަނޑަކަށް ގޮނޑި ޔަޤީން ވެއްޖެއެވެ.
ހަތަރު އަހަރުގެ އިތުރު ދައުރަކަށް ސީސީ ގޮނޑި ޔަޤީންކޮށްގެން ހުރިއިރު، މިޞްރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް 60 މިލިއަނަށްވުރެ ގިނަ މީހުންވަނީ ރަޖިސްޓްރީ ކޮށްފައެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މާޗް މަހުގެ 26،27 އަދި 28 ގައެވެ.
މިފަހަރުގެ އިންތިހާބުގައި މިހާރު ސީސީއާއި ވާދަކުރާ ހަމައެކަނި ކެނޑިޑޭޓަކަށްހުރީ އެންމެ ފަހުވަގުތު އިންތިހާބުގައި ބައިވެރިވާން ފޯމް ހުށަހެޅި ސީސީގެ ގާތް ބޭފުޅެއް ކަމަށްވާ ގާދު ޕާޓީގެ ލީޑަރ މޫސާ މުސްތަފާ މޫސާއެވެ.
މިޞްރުގެ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މޫސާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ މިޞްރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ބޭފުޅަކު ވާދަކުރާ އިންތިޚާބަކަށްވެ ދުނިޔޭގެ ކުރިމަތީގައި ސީސީއަށް ކުރިމަތިވާނެ ލަދުން ސަލާމަތް ކުރުމަށެވެ.
މޫސާއާއި ގުޅޭގޮތުން ކައިރޯ ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރެއް ކަމަށްވާ މުސްތަފާ ކަމާލް އަލްސައީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު މޫސާއަށް ކާމިޔާބުވުމުގެ އޮތީ ވަރަށް ހަނި ފުރުޞަތެކެވެ. ސަބަބެއް ކަމަށް ވިދާޅުވީ އޭނާގެ ކެމްޕެއިން ބަލިކަށިވުމާއި މަޤްބޫލުކަން ކުޑަވުމުގެ އިތުރުން ގިނަ ބަޔަކަށް އޭނާ އިންތިހާބުގައި ވާދަކުރާކަންވެސް ނޭނގުމެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ސީސީއަށް ގޮންޖެހުމެއް ކުރިމަތިވެދާނެފަދަ އެތައް ކެނޑިޑޭޓަކަށްވަނީ އިންތިހާބުގެ މާކުރިން ޖަލުގެ ކުޑަގޮޅި ޔަޤީންވެފައެވެ. އެގޮތް ބޭނުންނުވި ކެނޑިޑޭޓޫންވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އެގޮތުން މިޞްރުގެ އިންސާނީ ހައްގުތަކާބެހޭ މަޝްހޫރު ޤާނޫނީ ވަކީލު ޚާލިދު އަލީއަށް ސަރުކާރުގެ އުނދަގޫތައް ބޮޑުވެގެންވަނީ ނަން އަނބުރާ ގެންގޮސްފައެވެ. މިސްރުގެ ކުރީގެ ބޮޑުވަޒީރު އަހްމަދު ޝަފީގްވެސްވަނީ ވާދަކުރާނެކަން އިޢުލާނުކުރުމަށްފަހު އެނިންމުން ފަހުން ބަދަލުކޮށްފައެވެ. އިންތިހާބުގައި ވާދަކުރާނެކަން އިޢުލާނުކުރި މިޞްރު ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް ޖެނެރަލް ސާމީ އަނާން ވަނީ ހައްޔަރު ކޮށްފައެވެ.
މީގެ އިތުރުން މިޞްރުގެ ކުރީގެ ރައީސް އަންވަރު ސާދާތުއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ކަމަށްވާ މުހަންމަދު އަންވަރު ސާދާތުވަނީ މިނިވަން އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތްކަމަށް ބުނެ ވާދަކުރެއްވުމުގެ ޚިޔާލު ފަހުން ދޫކޮށްލާފައެވެ. އިންތިހާބުގައި ވާދަކުރާނެކަން އިޢުލާންކުރި އަސްކަރިއްޔާގެ ކާނަލެއް ކަމަށްވާ އަހްމަދު ކޮންސޫވާވެސް ވަނީ ހުސްވި ޑިސެމްބަރމަހު ހައަހަރަށް ޖަލަށް ލާފައެވެ.

















ޚިޔާލު