އުގާންޑާގެ ހޮސްޕިޓަލުތަކުގައި ކޮރަޕްޝަންގެ ކަންކަން ހައްދުން ނެއްޓިފައިވާ ކަމުގެ ޝަކުވާތަކާއެކު އެކަމުގެ ހަޤީގަތެއް ބެލުމަށް އެގައުމުގެ ހެލްތް މިނިސްޓަރ މޫނު ބުރުގާ އަޅައިގެން ހޮސްޕިޓަލަށް ހިނގައްޖެއެވެ.
އެގޮތުން ހެލްތް މިނިސްޓަރ ސާރާ އޮޕެންޑީވަނީ މިދިޔަ ހުކުރުދުވަހު އުގާންޑާގެ ވެރިރަށް ކަމްޕަލާގައި ހުންނަ ނަގުރު ހޮސްޕިޓަލަށް ބަލި މީހެއްގެ ގޮތުގައި ޚިދުމަތް ހޯދަން ގޮސްފައެވެ. އެގޮތުން މިނިސްޓަރ ހޮސްޕިޓަލަށް ގޮސްފައިވަނީވެސް ޓެކްސީ އެއްގައެވެ.
"އަހަރެންނަށް ވަރަށް ބައިވަރު ޝަކުވާތައް ހުށަހެޅިފައި އެބަހުރި ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުން ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ ބަލިމީހުންގެ އަތުން ލާރި ހޯދުމަށް މަސައްކަތް ކުރާކަމުގެ " ހޮނިހިރު ދުވަހު އޭއެފްޕީއަށް ސާރާ ކިޔައިދީފަވެއެވެ.
ހެލްތް މިނިސްޓަރުގެ މިތަހުގީގުގައި ސަރުކާރުން ހޮސްޕިޓަލުގައި ހިލޭ ދެމުންދާ ޚިދުމަތްތަކަށް ލާރި އަތުލަން މަސައްކަތްކުރި ދެމީހަކާވަނީ ދިމާވެފައެވެ. އެގޮތުން ލެބޯޓްރީ ޓެސްޓްތަކެއް ހެދުމަށް ދިއުމުން 150،000 އުގާންޑާ ޝިލިންގ ( 40 ޔޫއެސް ޑޮލަރު) ދިނުމަށް އެދިފައެވެ. ނަމަވެސް އެޓެސްޓްތަކަކީ ހޮސްޕިޓަލުން ހިލޭ ހެދޭ ޓެސްޓް ތަކެކެވެ.
"އަހަރެން ބުނިން އަހަރެން އަތުގައި ލާރި ނެތްވާހަކަ. އެކަމުވެސް ލާރި ދިނުމަށް އެމުވައްޒަފު އަހަރެންނަށް ބާރު އަޅަމުންދިޔަ" ސާރާ ކިޔައިދިނެވެ.
މީގެ އިތުރުންވެސް ނާރސިންގ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފަކުވެސް މިނިސްޓަރު ގާތު ޚިދުމަތް ބޭނުންނަމަ ލާރި ދިނުމަށް އެދުނެވެ. އަދި މިނިސްޓަރުވަނީ އޭނާއަށް ލާރި ދިނުމަށްފަހު، ލާރި ދޭން އެދުނު ދެ މުވައްޒަފުން ހައްޔަރުކުރުމަށް ފުލުހުންނަށް އަންގާފައެވެ.
މިހާދިސާއާއި ގުޅޭގޮތުން އެހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ ޑރ ސްޓެފަންވަނީ ކޮރަޕްޝަނާއި ދެކޮޅަށް މިނިސްޓަރު ކުރައްވަމުންދާ މަސައްކަތަށް ތައުރީފުކޮށް ޝުކުރު އަދާކޮށްފައެވެ.
މުސާރަ ކުޑަވުމުގެ ސަބަބުން އުގާންޑާގެ ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މެޑިކަލް އޮފިޝަލުން ބަލިމީހުން އަތުން ހިލޭ ލިބޭ ޚިދުމަތްތަކަށާއި އެހެން ޚިދުމަތްތަކަށްވެސް އިތުރަށް ލާރި އަތުލުމަކީ އާއްމު ކަމެކެވެ. ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މެޑިކަލް އޮފިޝަލެއްގެ މުސާރައަކީ މަހަކު ގާތްގަނޑަކަށް 70 ވަރަކަށް އެމެރިކާ ޑޮލަރެވެ.

















ޚިޔާލު