މިޞްރުގެ އިސްކަންދަރިއްޔާ އަވަށުގައި ދިރިއުޅޭ ރަހުމްކުޑަ ފިރިހެނަކު އޭނާގެ އަންހެނުން ރުއްސުވަން އޭނާގެ މުސްކުޅި މަންމައަށް އަނިޔާކޮށް މަރާލައިފިއެވެ.
އަލްއަރަބިއްޔާ ނޫހުން ހާމަކޮށްފައިވާ ގޮތުގައި 81 އަހަރުގެ ޒައިނަބު އައްސައްޔިދު މަހްފޫޒަށް އޭނާގެ ފިރިހެންދަރި އަނިޔާކުރީ އޭނާގެ އަންހެނުން ޒައިނަބުގެ ޝަކުވާ ކުރުމުން އަނބިމީހާ ރުއްސަން ކަމަށެވެ. އަދި އަނިޔާ ކުރުމަށްފަހު އެދެމަފިރިން ދިޔައީ ރޭގަނޑުގެ ކެއުމަށް ބޭރަށް ކަމަށާއި އޭރު އޭނާގެ މަންމަ އޮތީ އަނިޔާ ކުުރުމުގެ ސަބަބުން ގައިގެ ތަންތަނުން ލޭފައިބާ ހާލުގައި ހޭނެތިފައި ކަމަށް އަލް އަރަބިއްޔާ ނޫހުން ހާމަކޮށްފައިވެއެވެ.
ޒައިނަބު ދިރިއުޅޭ އެޕާޓްމަންޓުގެ ދޮރުދަށުން ލޭ ނިކުންނަމުން ދާތީވެ އޭނާގެ އަވަށްޓެރިން ބެލް ޖެހުމުންވެސް ދޮރު ނުހުޅުވުމުން އެޕާޓްމަންޓްގެ ދޮރު ވައްޓާލާފައި އެތެރެއަށް ވަތް މީހުންނަށް ފެނުނީ ލޭ ފައިބަ ފައިބަ އޮތް ޒައިނަބުގެ ހަށިގަނޑެވެ.
ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ޒައިނަބުވަނީ ނިޔާވެފައެވެ.
މިކަން އެނގުމުން އޭނާގެ ފިރިހެންދަރިއާއި އަނބިމީހާ ފިލަން މަސައްކަތްކުރި ނަމަވެސް ސަލާމަތީ ފަރާތްތަކުންވަނީ ޒައިނަބުގެ ފިރިހެންދަރި ހައްޔަރުކޮށްފައެވެ. އަދި އޭނާވަނީ ކުށަށް އިއުތިރާފުވެފައި ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޒައިނަބުއަށް އިންސާފު ހޯދަދިނުމަށް މިޞްރުގެ ގިނަ ރައްޔިތުންތަކެއް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށްދަނީ ގޮވަމުންނެވެ. އަދި އޭނާގެ ފިރިހެންދަރީގެ ދިފާއުގައި މަސައްކަތް ނުކުރުމަށް ވަކީލުންނަށްވެސް ވަނީ ގޮވާލާފައެވެ.

















ޚިޔާލު