މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ފަލަސްތީނުގެ ޣައްޒާއިން ސައުދީ އަރަބިއާއަށްދިޔަ ޙައްޖުވެރިން އެނބުރި ޣައްޒާއަށް އައުމަށް މިޞްރުން ރަފާ ބޯޑަރު ހުޅުވައިފިއެވެ.
ފަލަސްތީނުގެ ބޯޑަރު ބަލަހައްޓާ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ޙައްޖުވެރިން ޣައްޒާއަށް އައުމަށް މިޞްރުން ރަފާ ބޯޑަރު ހުޅުވާފައިވަނީ އިއްޔެއެވެ. އަދި މިހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ބޯޑަރު ހުޅުވާފައި ހުންނާނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
މިފަހަރު ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެތެރެވެވޭނީ ހަމައެކަނި ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުންނަށް ކަމަށް މިޞްރުގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.
2007 ވަނަ އަހަރުން ފެށިގެން އިޒްރޭލުން އެއްގަމާއި ކަނޑާއި އަދި ވައިގެ މަގުންވެސް ޣައްޒާ ހިޞާރުކޮށްފައިވާއިރު ޣައްޒާއާއި އެހެން ޤައުމުތަކާއި ގުޅުވަދޭ ހަތް ބޯޑަރުގެ ތެރެއިން ހަ ބޯޑަރެއް ކޮންޓްރޯލް ކުރަމުން ގެންދަނީ އިޒްރޭލުންނެވެ.
2013 ވަނަ އަހަރު މިޞްރަށްގެނައި ބަޣާވާތަކުން އޭރު ވެރިކަމުގައި ހުންނެވި ޑރ މުހައްމަދު މުރްސީ ވެރިކަމުން ދުރުކުރުމަށްފަހު، މިޞްރުގެ ސަރުކާރުން ރަފާ ބޯޑަރު އޮންނަނީ ބަންދުކޮށްފައެވެ. ރަފާ ބޯޑަރަކީ އިޒްރޭލުގެ ކޮންޓްރޯލްނެތި، ޣައްޒާާގެ ރައްޔިތުން ދުނިޔެއާއި ގުޅުވައިދޭ ހަމައެކަނި ދޮރޯއްޓެވެ.

















ޚިޔާލު