ތަޢުލީމީ މަންހަޖުގައި މިއުޒިކް ހިމަނައި، އެ ކިޔަވައިދީ އެ ކަމަށް ބާރުއަޅާކަމުގައިވާނަމަ، އެއީ ކަނޑައެޅިގެން އިސްލާމްދީނާ ތައާރަޟްވާ ކަމެއް ކަމަށާއި އޭގެ ސަބަބުން މިހާރަށްވުރެ ބޮޑަށް ޖީލު ހަލާކުވެގެންދާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެރޭ ރޭޑިއޯ އެޓޯލްއިން ފޮނުވި "ފަނާރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝައިޚް ޝަމީމް ވިދާޅުވީ ތަޢުލީމީ މަންހަޖުގައި މިއުޒިކް ހިމެނުމަކީ އިސްލާމްދީނަށް ހުރި ވަރަށްބޮޑު ގޮންޖެހުމެއް ކަމަށާއި އެފަދަ ނުބައި ކަމެއް މަޖުބޫރު ނުވަތަ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައިވެސް އޮވެގެން ނުވާނެ ކަމަށެވެ.
މިއުޒިކަކީ ޙަރާމް ކަމެއްކަން ޤުރުއާނާއި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމްގެ ހަދީޘާއި ޢިލްމުވެރިންގެ ތަޙްޤީޤުތަކުން ޘާބިތުވެފައިވާކަން ދަލީލާއެކު ޝައިޚް ބަޔާންކުރެއްވިއެވެ. އަދި ފާފައިގެ އެކި ދަރަޖަތައް ހުންނައިރުގައި، މިއުޒިކް ހިމެނޭނީ ކުދިކުދި އާދައިގެ ފާފައިގެ ތެރޭގައި ނޫން ކަމަށާއި، އެ ހިމެނެނީ ނުރައްކާތެރި ބޮޑު ފާފައިގެ ތެރޭގައި ކަމަށް ޝައިޚް ވިދާޅުވިއެވެ. މިއުޒިކަކީ ސީދާ ޝައިޠާނާގެ ތިއަރީއެއް ކަމާއި، އެއީ ﷲ ގެ މަގުން މީހުން މަގުފުރައްދަން ޝައިޠާނާ ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ﷲ ޞުބްޙާނަހޫވަތައާލާ ބަޔާންކުރައްވާފައިވުމުން، އެއީ އާދައިގެ ފާފައަކަށް ނުވާނެ ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ، މިއުޒިކަކީ ނުބައި، ފާޙިޝް، މުންކަރާތްތަކުގެ މަގަށް މީހާ ގެންދާ އެއްޗެއް ކަމަށާއި، އޭގެ ސަބަބުން މާއްދީ ފައިދާއެއްނުކުރާއިރު، އުޚްރަވީ ގޮތުން ބަލާއިރު އެއީ އީމާންތެރިކަމަށް ކަނޑައެޅިގެން ހުރި ގެއްލުމެއް ކަމަށެވެ. މިހާބޮޑަށް މި ގެއްލުން މިހާރުވެސް އޮވެމެ، ގާނޫނީ ހައިސިއްޔަތު ލިބިގެން، ބާރުހުރި ފަރާތްތަކުން ސްކޫލްގެ މާއްދާއެއްގެ ގޮތުގައި ކަނޑައަޅައިގެން މިއުޒިކް ދަސްކޮށްދިނުމުގެ މާނައަކީ ކޮބައިތޯ ޝައިޚް ސުވާލުއުފެއްދެވިއެވެ.
ޝައިޚް ވިދާޅުވީ ކަމާބެހޭ ދާއިރާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރޭގައި ރަނގަޅު ބޭފުޅުން އެބަތިއްބެވި ކަމަށާއި، ނަމަވެސް ނިޔަތް ނުބައި މީހުން ވެސް އެބަތިބި ކަމަށެވެ. މިހާރުވެސް ގައުމުގެ 60% - 80% ޒުވާނުން ހަލާކުވެފައިވާ ކަމަށާއި ގޯސް ނިޔަތެއް ހުރި ބަޔަކު މަސައްކަތްކުރަނީ ކުރިއަށް އޮތްތާގައި 99% ޒުވާނުން ހަލާކުކޮށް ގައުމު ދުއްވާލުމަށް ކަމަށް ޝައިޚް ސިފަކުރެއްވިއެވެ.
ޝައިޚް ވިދާޅުވީ މިހާރު އޯލެވެލް އާއި އޭލެވެލް ނިންމާ ދަރިވަރުން ގިނަވެ، ތަޢުލީމީ ދާއިރާ އަށް ކުރިއަށްވުރެ ތަރައްޤީ އައިސްފައިވާ ނަމަވެސް، ސްކޫލް ނިންމާ ގިނަ ބަޔަކަށް ދިރިއުޅެން ކުރާނެ މަސައްކަތެއް ނޭނގޭ ކަމަށެވެ. އަދި ސްކޫލްތަކުގައި ދަނޑުވެރިކަން، މަސްވެރިކަން، ވަޑާން، އިލެކްޓްރޯނިކްސް މަސައްކަތް ފަދަ ކަންތައް ދަސްކޮށްނުދޭ ކަމަށް ފާހަގަކުރެއްވިއެވެ.
ޝައިޚް ވިދާޅުވީ ސްކޫލްތަކުގައި މިއުޒިކް މަޖުބޫރު ކޮށްފިނަމަ އެއީ މާބޮޑަށް ބިރުހުރި ކަމެއް ކަމަށާއި، އެއީ ވަކިން ބޮޑު ފާފައެއް ކަމަށްވެފައި، ފާފަކުރުމަށް މަޖުބޫރު ކުރުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އަދި އިޚްތިޔާރީ މާއްދާއަކަށް މިއުޒިކް ހެދުމަކީ ވެސް ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއުޒިކް އޯކޭވާނީ ކާފަރު ގައުމުތަކަށް ކަމަށެވެ.
ރާއްޖޭގައި މިހާރު އޮތް ތަޢުލީމީ ނިޒާމަކީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުން ނަގައިގެން އުޅޭ ނިޒާމެއް ނޫން ކަމަށާއި، މިއީ އިނގިރޭސީންގެ އަތުން ނަގައިގެން އުޅޭ ނިޒާމެއް ކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ އިނގިރޭސީންގެ އަތުގައި އޮތްގޮތަށް މިކަން ފުރިހަމަވާނީ މިއުޒިކާއި ލަވަ މަޖުބުރު ކުރީމަ ކަމަށާއި، އެކަން ކުރުމަށްޓަކައި ރާއްޖޭގައި ތިބި މަސްއޫލުވެރިންގެ ބޮލަށް ވަދެގެން ކާފަރުންގެ ބަޔަކު މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން އެފަދަ މީހުންނަށް ފައިސާ ދައްކައިގެން، ނުވަތަ ބިރު ދައްކައިގެން ނުވަތަ އެކަހަލަ ކޮންމެވެސް ގޯހެއް އެބައުޅޭ ކަމަށް ޝައިޚް ފާހަގަކުރެއްވިއެވެ.
ޔޫރަޕްގެ ތަންތާގައި ކޮންމެ އަހަރަކު ސްކޫލްތަކުގައި ވަޅި އާއި ބަޑި ފަދަ ތަކެތި ހިފައިހގެން ގޮސް ސްކޫލްތަކުގައި މީހުން މަރައި ގަތުލުކޮށް ހަދަމުންދާކަން ފާހަގަކުރައްވަމުން، ޝައިޚް ވިދާޅުވީ ރާއްޖޭގައިވެސް ކަންތައް ކުރަން އުޅެނީ ޔޫރަޕްގެ އެފަދަ ތަންތާގައި އޮންނަހެން ހެދުމަށް ކަމަށެވެ.
ޝައިޚް ވިދާޅުވީ މިއުޒިކްގެ ބަދަލުގައި އިސްލާމްދީނާ ފުށޫނާރާ ގޮތަކަށް ޙަލާލު މިންގަނޑުގައި "އާރޓް"ގެ ނަމުގައި ހަރަކާތްތަކެއް ހެދިދާނެ ކަމަށާއި، އެގޮތުން ޤުރުއާން ކިޔެވުމަށް ވޮއިސް ޓްރޭނިންގ ހަދައިދިނުމާއި، މިއުޒިކާއި ނުލައި މަދަހަ އާއި ޅެން، ރައިވަރު ފަދަ އެއްޗެހި ބޭނުންކުރެވިދާނެކަން ޝައިޚް ފާހަގަކުރެއްވިއެވެ. ޝައިޚް އަދި ވިދާޅުވީ، އެ ބޭފުޅުންގެ މަޖާކުރުމުގެ ޒަމީރެއް ނެތް ކަމަށް ތަންދޮރުނޭނގޭ ބައެއް މީހުން ހީކުރާ ކަމަށާއި، ނަމަވެސް އެ ބޭފުޅުންވެސް މަޖާކުރައްވާ ކަމަށެވެ.
ޝައިޚް ޝަމީމް ވަނީ، ތަޢުލީމީ މަންހަޖުގެ ތެރޭގައި މިއުޒިކް ނުހިމެނުމަށާއި، ކިޔަވާކުދިން މުންކަރާތްތަކުން ސަލާމަތްކޮށްދިނުމަށް ގައުމުގެ އިސްފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ. އަދި އާންމު ރައްޔިތުންވެސް ޓީމް ވޯކެއް ގޮަތަށް މަސައްކަތްކުރެއްވުމަށާއި، އެގޮތުން ޕެޓިޝަން ހެދުމާއި ކަމާބެހޭ ފަރާތްތްކާ ބައްދަލުކޮށް މިކަން ރަނގަޅުކުރަމަށް މަސައްކަތްކުރެއްވުމަށް ޝައިޚް އެދިލެއްވިއެވެ.
ޝައިޚް ވިދާޅުވީ މިއުޒިކް މަނާކޮށް އެކަން ހުއްޓުވަން ވާހަކަ ދެއްކީމާ ބައެއް ބޭފުޅުން މާބޮޑަށް ހައިރާންވެގެން، "އެއީ ދެންއެވަރުގެ ކަމެއްހޭ" ބުނާ ކަމަށެވެ. ޤުރުއާނުގެ އާޔަތްތަކާއި ތަފްޞީރު އެނގި، އެއީ ކިހާވަރެއްގެ ކަމެއްކަން އެނގޭ މީހަކަށް އެކަންވާނީ ވަރަށް ބޮޑު ކަމަކަށް ކަމުގައި ޝައިޚް ވިދާޅުވިއެވެ.
އެގޮތުން މިސާލުދައްކަވަމުން ޝައިޚް ވިދާޅުވީ އިހުޒަމާނުއްސުރެ ސިހުރު ފަންޑިތަ ހާހޫރައިގެ ކަންތަކަކީ އާންމުކޮށް މުޖުތަމަޢުގައި ކުރަމުން އައި ކަންތައް ކަމަށާއި، ނަމަވެސް މިއަދު އެއީ މައްސަލައެއްކަން އެންމެންނަށް އެނގޭ ކަމަށެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން، ގުޑުގުޑާ، ސިނގެރޭޓް، ބިޑި، ސުއްޓާ ބުއިމުގެ ކަންތަކަކީވެސް ރާއްޖޭގައި އެއްވެސް އުސޫލެއް ހަމައެއް ނެތި ކޮންމެ ތަނެއްގައި ބޮމުން، ކަމުން އައި އެއްޗެއް ކަމަށާއި، ނަމަވެސް މިހާރު ސަރުކާރުން ޤަވާއިދެއް ހަދައި، ވަރަށް ގިނަ އާންމު ތަންތަނުގައި އެ ބުއިން މަނާކޮށްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ސިނގެރޭޓް ބުއިމުގެ ހުއްދަ އޮންނަނީ ވަރަށް މަދު ތަންތަނެއްގައި ކަމށާއި، އެއީ ބޮޑު ކުށަކަށްވެފައިވާ ސަބަބަކީ އޭގެ މަޢުލޫމާތު ރަނގަޅަށް އެނގި އެއީ ނުރައްކާތެރި، ހަޑިހުތުރު، ގޯސް އެއްޗެއްކަން އެނގުމުން ކަމަށް ޝައިޚް ފާހަގަކުރެއްވިއެވެ.
ޝައިޚް ވިދާޅުވީ، މިއުޒިކާއި ލަވައަކީވެސް ކިހާވަރެއްގެ ގޯސް އެއްޗެއްކަން މީހުންނަށް އެނގުމުން، [ދެން އެކަން މަނާކުރުމުގެ ވާހަކަދެއްކީމާ] މީހުން ހައިރާންވެގެން ނޫޅޭނެ ކަމށެވެ. އެހެންވުމާއެކު އެފަދަ ބޭފުޅުންނަށް، މިއުޒިކަކީ ގޯސް އެއްޗެއްކަމާއި، ނުރައްކާތެރި އެއްޗެއްކަން ބަޔާންކޮށްދީ، ޢިލްމީ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ކަމަށް ޝައިޚް ވިދާޅުވިއެވެ.
އާ މަންހަޖު ތަޢާރަފްކުރާއިރު އިސްލާމްދީނާ ފުށޫއަރާ އެއްވެސް ކަމެއް ނޯންނާނެ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ބުނެފައިވާތީ، އެކަމާ ގުޅިގެން ޝައިޚް ޝަމީމް ވިދާޅުވީ، އެއީ ވަރަށް ރީތި ޢިބާރާތެއް ކަމަށާއި އެ ގޮތަށް ބުނުމަކީ އެއްގޮތުން އުފާވާކަމެއް ކަމުގައިވިޔަސް، އޭގައި ޖޯކު ކަމެއްވެސް އެބައޮތް ކަމަށާއި، ސަބަބަކީ، މަންހަޖުގައި މިއުޒިކް ހިމަނާފައިވުމުން އެއީ އިސްލާމްދީނާ ޚިލާފް ކަމަކަށްވާތީ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރ ކަންތައް ބައްޓަންކުރާއިރު އިސްލާމްދީނާ ތައާރަޟްނުވާ ގޮތަށް އެކަން ކުރުމަކީ ވާޖިބެއް ކަމަށާއި، ﷲ ޞުބްހާނަހޫވަތައާލާ އެ ކަމެއްގެ މަސްއޫލިއްޔަތު އަޅުއްވާފައިވަނީ އެންމެ އިސްކޮށް ހުންނަ މީހެއްގެ ބޮލުގައި ކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި ޔަޤީނުންވެސް ﷲ ގެ ޙަޟުރަތުގައި އެ ބޭފުޅަކު ޖަވާބުދާރީވާންޖެހޭނެކަން ޝައިޚް ފާހަގަކުރެއްވިއެވެ.
ޝައިޚް ވިދާޅުވީ އިސްކޮށް ތިއްބަވާ ބޭފުޅުން ކަންކަން ތަޢާރަފްކުރާއިރުގައި، އެންމެ ފުރަތަމަ އެ ބޭފުޅުންނަށް ދެންވާނީ ކިހިނެއް ކަމެއްކަން ނޭނގޭ ކަމަށާއި، އެކަހަލަ ކަންކަމުގައި ޝަރުޢީ މައްސަލަތައް ނުވަތަ ޙަލާލު ޙަރާމް ނޭނގި، ޣާފިލުވެތިއްބަވާ ކަމަށެވެ.
އަދި އާންމު ރައްޔިތުންގެ ތެރޭގައި އެއަށްވުރެ ހޭލުންތެރި މީހުން ގިނަވުމުން، އެ މީސްމީހުން މައްސަލަޖައްސަން ފަށައި، އެވެނި ކަމެއް ގޯހޭ ބުނެ ދީނާ ތައާރަޟްވާކަން ފާހަގަކޮށްދީ އެކަން ރަނގަޅުކުރުވަން އުޅޭ ކަމަށެވެ. ދީނާ ޚިލާފުވާހެން ލަފާކުރެވޭ ކަމެއް ފެނިއްޖެނަމަ، ވެރިންނަށް އެކަން ފާހަގަކޮށްދީ އެކަން ރަނގަޅުކުރުވުމަކީ ރައްޔިތުންގެ ވާޖިބެއް ކަމަށާއި އަޅުގަނޑުމެން އެންމެންނަކީ ގޯސްތައް މަނާކުރަންޖެހޭ ބައެއް ކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ޝަމީމް ވިދާޅުވީ މިއުޒިކަކީ މައްސަލައެއް ހުރި އެއްޗެއްކަން އެންމެ އާދައިގެ މީހާއަށް ވެސް އެންމެ ކުޑަމިނުން އެބައެނގޭ ކަމަށާއި، ހުރިހާ ބޭފުޅުންގެ އެހާ ޢިލުމު ނެތުމުގެ ސަބަބުން ސީދާ ޙަރާމޭ ބުނަން ނުކެރިދާނެ ކަމަށެވެ. ﷲ އާއި ރަސޫލާ ކަމެއް ޙަރާމްކުރައްވާނީ އެ ކަމެއްގައި އަޅުގަނޑުމެންނަށް ދެ ގެއްލުން އޮތީމުން ކަމަށާއި، އެއީ ދުނިޔަވީ ގެއްލުމާއި އުޚްރަވީ ގެއްލުން ކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ ގާނޫނާއި ގަވާއިދު ހެއްދެވުމުގައި އިސްކޮށް ތިއްބަވާ ބޭފުޅުންނަކީވެސް މި ގައުމުގައި އިސްލާމްދީނާ ޚިލާފް އެއްޗެއް އޮވެގެން ނުވާނެ ކަމަށް ވިދާޅުވާ ބޭފުޅުން ކަމަށްވާއިރު، ޢިލްމުވެރިން މިހެން ވިދާޅުވާއިރު ބީރު ކަންފަތެއް ނުދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މިއުޒިކަކީ ޙަރާމް ކަމެއް ކަމަށް ރާއްޖޭގައި ތިއްބެވި ޢިލްމުވެރިން އިއްތިފާޤުވާ މިންވަރަކަށް އެއްވެސް ކަމެއްގައި އިއްތިފާޤްވެފައި ނެތް ކަމަށާއި، ދިރާސާތަކުން މިކަން ހާމަވެފައިވާ ކަމަށްވެސް ޝައިޚް ޝަމީމް ވިދާޅުވިއެވެ.
މިއުޒިކާއި ނެށުމާއި ލަވަކިއުމުން ޤައުމީ ހިއްވަރު ދިނުމުގެ އިނާމުވެސް އެބަ ދައުލަތުން ދެއްވާ އޭގެ މާނަޔަކީ ކޮބައިތޯ؟
ވަރަށް ރަގަލު ދަރުސެއް’ ދިވެހީން މިނުބައި ވަބާއިން ރައްކާތެރި ކުރައްވާންދޭވެ. އާމީން
ޖުމުހޫރީ ދުވަހަކީ ސެކިއުލާ މަންހަޖުގެ މީހުންގެ ދުވަހެއްބާ؟ އެދުވަހުގައި ޤައުމީ ފެންވަރުގައި ދައުލަތުން އެކި ފަންނުތަކުގެ މީހުންނަށް ހިއްވަރު ދިނުމުގެ އިނާމުވެސް އެބަލިބޭ، އޭގެ ތެރޭގައި މިއުޒިކު ނެށުން ލަވަކިމުގެ ދާއިރާއިންވެސް ޤައުމީ ހިއްވަރު ޝަރަފުގެ އިނާމުވެސް ރައިސު އެބަދެއްވާ އެމަނިކުފާނުގެ ހަމަ އައްޕުޅުން!