ރާއްޖޭގެ ތަޢުލީމީ ނިޒާމު މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކޮށް ބައިނަލްއަޤުވާމީގޮތުން ވާދަވެރި ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން އަމާޒު ހިފާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި ކުރިއަށްދާ އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް ސެމިނަރ ފައްޓަވައިދެއްވަމުން ނައިބު ރައީސް ވިދާޅުވީ، އިސްލާމީ ދުނިޔޭގައި ޢިލްމު ފެތުރުއްވުމުގައި އައިއައިއައިޓީއާއި އައިއައިޔޫއެމުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރެވޭ ކަމަށެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސެމިނަރަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއާއި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް ގުޅިގެން ބާއްވާ ސެމިނަރެކެވެ.
"އައިއައިޔޫއެމްއާއި އައިއައިއައިޓީ އަދި އައިޔޫއެމް ގުޅިގެން މިބާއްވާ ސެމިނަރއަކީ އިސްލާމީ ޢިލްމުގެ އަލީގައި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް. ތަޢުލީމުގެ އަލީގައި އިންސާނީ ވަޞީލަތް ބިނާކުރުމަށް ސަރުކާރުން އިސްކަންދޭ," ނައިބު ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާގެ ރެކްޓަރ އެމެރިޓަސް ޕްރޮފެސަރ ދާތޯ ޑރ. ޢުޘްމާން ބިން ބަކާރު ވިދާޅުވެފައިވަނީ ލީޑަރުންގެ ގޮތުގައި ކުރިއަށްދާނީ އަބަދުވެސް ޢިލްމުގެ އަހުލުވެރިންކަމަށެވެ. އަދި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޑރ. ޢުމަރު ޙަސަން ކަސޫލޭ ވިދާޅުވެފައިވަނީ ކޮންމެ މުޖުތަމަޢެއްގެވެސް ކުރިއެރުން ގުޅިފައިވަނީ ޢިލްމާއި ކަމަށެވެ.
ނައިބު ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ ޤައުމުތަކުގައި މީހުން ބިނާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް ކަމަށާއި، ބަދަލުވަމުންދާ ދުނިޔޭގައި އިސްލާމީ ޢިލްމުގެ މަތީގައި މީހުން ބިނާކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައެވެ.
ޚިޔާލު