ދީނީ ލިޔުންދީން

ޢާޝޫރާ ދުވަހުގެ ރޯދައިގެ މަތިވެރިކަން

ޢާޝޫރާ ދުވަހަކީ މުޙައްރަމު މަހުގެ 10 ވަނަ ދުވަހެވެ. މި ދުވަހު ރޯދަ ހިފުން ސުންނަތްވެގެން ވެއެވެ.

ޢަބްދުﷲ ބުން ޢައްބާސް ރަޟިޔަﷲ އަންހު ރިވާކުރައްވާފައި ވެއެވެ. "ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގަތުމުން ޔަހޫދީން ޢާޝޫރާ ދުވަހު ރޯދާ ހިފާތަން ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މިއީ ކޮންކަމެއް ހެއްޔެވެ؟" ދެން އެބައިމީހުން ބުންޏެވެ. " މިއީ މާތްވެގެންވާ ދުވަހެކެވެ. އެހެނީ މޫސާގެފާނާއި ބަނީ އިސްރާއީލުގެ ބާގައިގެ މީހުން އެބައިމީހުންގެ ދުސްމަނުންގެ ކިބައިން ސަލާމަތްވީ ދުވަހަކީ މިއީއެވެ. އެހެންކަމުން ތިމަންމެން ރޯދަހިފަނީއެވެ." ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. "މޫސާގެފާނުގެ މައްޗަށް ތިޔަބައިމީހުންނަށްވުރެ ތިމަންކަލޭގެފާނު މާ ޙައްޤުކަން ބޮޑުވެގެންވެއެވެ."

އަދި އެކަލޭގެފާނު އެދުވަހު ރޯދަ ހިއްޕަވައި އެދުވަހު ރޯދަ ހިފުމަށް އަމުރުކުރެއްވިއެވެ.

އަދިވެސް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
އިބުނު އައްބާސް ރަޟިޔަﷲ އަންހު ބަޔާންކުރެއްވިއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާށެވެ. އަދި ޔަހޫދީންނާއި ޚިލާފުވާށެވެ. ތިޔަބައިމީހުން ރޯދަހިފާއިރު ކުރިން އެއްދުވަހާ އެކު ނުވަތަ ފަހަތުން އެއްދުވަހާއެކު ރޯދަ ހިފާހުށިކަމެވެ" އެބަހީ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފުން، ނުވަތަ 10 ވަނަ ދުވަހާއި އަދި 11 ވަނަ ދުވަހު ރޯދަ ހިފުމެވެ. (މުއްތަފަޤުން އަލައިހި)

އަދިވެސް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ރޯދަ މަހުގެ ރޯދައަށްފަހު އެންމެ މަތިވެރިވެގެންވާ ރޯދައަކީ މާތްﷲ ގެ މައްސަރުކަމަށްވާ މުޙައްރަމު މަހު ހިފާ ރޯދައެވެ" (މުސްލިމް)

މިދުވަހުގެ ރޯދަ ހިފުން އެންމެ އައުލާކަން ބޮޑުވެގެންވަނީ 9 ވަނަ ދުވަހާއި އަދި 10 ވަނަ ދުވަސް އެއްކޮށް ހިފުމެވެ. ނުވަތަ 10 ވަނަ ދުވަހާއި 11 ވަނަ ދުވަސް އެއްކޮށް ހިފުމެވެ. އެއީ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ފަދައިން ޔަހޫދީންނާއި ޚިލާފުވުމަށްޓަކައެވެ. "ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާށެވެ. އަދި ޔަހޫދީންނާއި ޚިލާފުވާށެވެ. ތިޔަބައިމީހުން ރޯދަހިފާއިރު ކުރިން އެއްދުވަހާ އެކު ނުވަތަ ފަހަތުން އެއްދުވަހާއެކު ރޯދަ ހިފާހުށި ކަމެވެ."

މީގެ އިތުރުން އިބުނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވާ ފަދައިން އެންމެ ރައްކާތެރިވެގެންވަނީ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހާއި އަދި 11 ވަނަ ދުވަސް އެއްކޮށް ތިން ދުވަހު ރޯދަ ހިފުމެވެ.

މީގެ އިތުރުން އިބުނުލް ޤައްޔިމު ރަޙިމަހުﷲ ޛާދުލް މަޢާދުގައި ލިޔުއްވާފައިވެއެވެ. ޢާޝޫރާ ދުވަހުގެ ރޯދަހިފުންވަނީ ހަތަރުގޮތަކަށެވެ.
1. ދިހަވަނަ ދުވަހު އެކަނި ރޯދަހިފުން
2. ނުވަތަ 9 ވަނަ ދުވަހާއި އެކު ރޯދަހިފުން
3. ނުވަތަ އެގާރަ ވަނަ ދުވަހާއި އެކު ރޯދަހިފުން
4. ތިންދުވަހު ރޯދަހިފުން.. އެބަހީ: 9ވަނަ ދުވަހާއި ދިހަވަނަ ދުވަހާއި 11ވަނަ ދުވަހު އެއްކޮށް ރޯދަހިފުން.

އެންމެފައިދާބޮޑީ ތިންދުވަހު ރޯދަހިފުމެވެ. އެއީ މިމާތް މައްސަރުގައި ތިންދުވަހުގެ ރޯދަހިފުން ހާޞިލުވާތީއެވެ. ޝެއިޚުގެ ބަސްކޮޅު ނިމުނީ.. ރަޙިމަހުﷲ

މިއަހަރު  ޢާޝޫރާ ދުވަސް އަންނަނީ ކޮންދުވަހަކު؟

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ޢާޝޫރާ ދުވަސް ކަމަށްވާ 10 މުޙައްރަމު ދިމާވަނީ 20 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހާއެވެ.

ނިންމުން

ވީމާ ހުރިހާ ބޭފުޅުންވެސް މިމަހުގައި ވީހާވެސް ގިނައިން ސުންނަތް ރޯދަ ހިފުމަށް ސަމާލުކަން ދެއްވުމަކީ ތިޔަބޭފުޅުންގެ ހެޔޮ ޢަމަލުތަކަށް ލިބިގެންދާ ބޮޑު ކުރިއެރުމެކެވެ.

އަދިވެސް މި ރޯދަތަކުގެ އިތުރުން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހާއި އަދި ޙިޖުރީ ކޮންމެ މަހެއްގެ 13، 14، 15 ވަނަ ދުވަހުގެ ރޯދަ ހިއްޕެވުމަކީ ކޮންމެ މަހެއްގައިވެސް ސުންނަތެކެވެ. މަތީގައި އެވާ މުސްލިމް ޙަދީޘުން އެނގޭ ގޮތުގައި ރަމަޟާން މަހަށް ފަހު އެންމެ މަތިވެރިވެގެންވަނީ މުޙައްރަމު މަހުގެ ރޯދައެވެ. އެހެނީ މި މަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މައްސަރުކަމަށް ޙަދީޘްތަކުގައި ބަޔާންވެފައިވެއެވެ.

 

ގުޅުންހުރި

1 ޚިޔާލު

  1. ޤަޟާ ރޯދަން ހިފަންޖެހިފައިވާ މީހުން ހަދާނީ ކިނެއްތަ؟

Your email address will not be published. Required fields are marked *