ދީނީ ލިޔުންދީން

ނަމާދު ޖަމާޢަތުގައި އަދާކުރުމަކީ ވާޖިބެއް

 

الحمد لله رب العالمين , والصلاة والسلا م على رسوله الأمين , نبينا حمحد  وعلى آله وصحبه أجمعين , أما بعد

އެންމެހާ މުސްލިމު އަޚުންނޭވެ! މާތް ﷲ ވަނީ އެކަލާނގެ މަތިވެރި ފޮތުގައި ނަމާދުގެ ޢިއްޒަތާއި ޤަދަރު އުފުއްލަވާފައެވެ. އަދި އެކަލާނގެ ލޮބުވެތި ރަސޫލާصلى الله عليه وسلم ވެސް ވަނީ ނަމާދުގެ މަތިވެރިކަމާއި މާތްކަން ބަޔާން ކުރައްވާފައެވެ. މިގޮތުން ފަރުޟު ފަސްނަމާދު ޖަމާޢަތުގައި އަދާކޮށް އެނަމާދުތަކަށް ރައްކާތެރިވުމަށް މާތް ﷲ އަމުރު ކުރައްވާފައިވެއެވެ.ފަހެ މުސްލިމުންނާއެކު މިސްކިތުގައި ނަމާދު ޖަމާޢަތުގައިކުރުމަކީ ދީނުގެޝިޢާރުތަކުގެތެރެއިން އެންމެ މަތިވެރި ޝިޢާރެވެ. އަދި އެއީ އެ މުޖުތަމަޢެއްގެ އިސްލާމްކަން ފާޅުވާ އެންމެ އަލިގަދަ ދަލީލެވެ. ނަމާދަކީ އަޅުކަންތަކުގެ ތެރެއިން މާތްﷲގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވާ އަޅުކަމެވެ. އަދި އެއީ ތިމާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވެވޭ އެންމެ ހެޔޮގޮތެވެ. އެނަމާދުގެ ޖަމާޢަތަށް ފަރުވާ ކުޑަކުރުމަކީ މުނާފިޤުންގެ ސިފަތަކުގެ ތެރެއިންވާ ކަމެކެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. (النساء: ١٤٢)މާނައީ : "އަދި އެއުރެން ( އެބަހީ މުނާފިޤުން ) ނަމާދަށް ތެދުވާއިރު ،މީސްތަކުންނަށް ދައްކަމުން ކަންނެއްވެތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ އެއުރެން ﷲ ހަނދުމައެއް ނުކުރެތެވެ." މުނާފިޤުން ކުރާ ޞަދަޤާތް މާތްﷲ ޤަބޫލު ނުކުރައްވާ ސަބަބުތައް ބަޔާން ކުރައްވާ މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ.( التوبة: ٥٤) މާނައި : " އެއުރެން ކަންނެތް ބަޔަކުކަމުގައި ތިބެގެން މެނުވީ ، ނަމާދަށް ނާންނަތެވެ." ފަރުޟު ނަމާދު ޖަމާޢަތުގައިކުރުމަކީ މުސްލިމު ފިރިހެނުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމުގެ އެތައް ދަލީލުތަކެއް ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه و سلمގެ ސުންނަތުގައި ބަޔާން ކުރައްވާފައިވެއެވެ. މިތަނުގައި މިބަޔާންކުރަނީ މިގޮތުން އައިސްފައިހުރި ބައެއް ދަލީލުތަކެވެ. މާތްﷲ ގެ ރުއްސެވުން ހޯދަން ބޭނުންވާ ތެދުވެރި މުއުމިނުންނަށް މިވަރުންވެސް ފުދޭނެކަން ކަށަވަރެވެ. އަދި މި ބަސްފުޅުތައް ކިޔުމަށްފަހު ޖަމާޢަތަށް ނައިސް ހުރުމަށް އެއްވެސް ބަހަނާއެއް ނެތްކަން ތިބާއަށް ފެންނަހުއްޓެވެ.

1- ޖަމާޢަތުގެ ވާޖިބުކަމުގެ މައްޗަށް ޤުރްއާނުގައި ހުރި ބައެއް ދަލީލު:

* މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ . ( البقرة: ٤٣) މާނައީ : " އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތްދޭށެވެ! އަދި ރުކޫޢުކުރާމީހުންނާ އެކުގައި ތިޔަބައިމީހުން ރުކޫޢުކުރާށެވެ! " މި އާޔަތުގައި ނަމާދު ޤާއިމު ކުރުމަށް އަމުރުކުރައްވާފައި އެވަނީ ރުކޫޢުކުރާމީހުންނާ އެކުގައެވެ. އެބަހީ ޖަމާޢަތުގައެވެ. އުޞޫލުލް  ފިޤްހުގެ ޢިލްމުގައި އަމުރު ދަލީލުކުރަނީ ވާޖިބެއް ކަމަށެވެ. މިއާޔަތުގައި އެވަނީ ޖަމާޢަތުގައި ނަމާދުކުރުމަށް އަމުރު ކުރައްވާފައެވެ.

* މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ .( النساء: ١٠٢)  މާނައީ " އަދި އެއުރެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެއުރެއްނައިގެން ނަމާދު ޤާއިމް ކުރައްވައިފިނަމަ ، އެއުރެންގެ ތެރެއިން ބަޔަކު ކަލޭގެފާނާއެކުގައި ނަމާދަށް ޤާއިމުވާ ހުށިކަމެވެ.! " މި އާޔަތުގައި އެބަޔާން ކުރައްވަނީ ހަނގުރާމައިގެ ބިރުވެރިކަމުގެ ޙާލަތުގައި ނަމާދު އަދާ ކުރާނެގޮތެވެ. މިފަދަ ވަގުތުގައިވެސް އެއަންގަވަނީ މުސްލިމުންގެތެރެއިން އެއް ބަޔަކު ޢަދާވާތްތެރިންނާ ކުރިމަތިލައިގެން ތިބޭއިރު އަނެއްބަޔަކު ގޮވައިގެން ނަމާދު ޖަމާޢަތުގައި ކުރުމަށެވެ. ވީމާ ހަނގުރާމައިގެ ޙާލަތުގައި ވެސް ނަމާދު ޖަމާޢަތުގައި ކުރުމަށް އެންގެވިއިރު ސަލާމަތްކަމުގެ ޙާލަތުގައި ނަމާދުގެ ޖަމާޢަތް ދޫކޮށްލުން ހުއްދަވާނީ ކިހިނަކުންހެއްޔެވެ؟

* މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ .( القلم: ٤٢– ٤٣) މާނައީ " ކަންތައްތައް ބޮޑުވެދާދުވަސް ( އެބަހީ: ޤިޔާމަތް ދުވަސް ) ހަނދުމަކުރާށެވެ! ( އެދުވަހުން ) އެއުރެންނަށް ސަޖިދަ ކުރުމަށް ގޮވައިލައްވާނެތެވެ. ފަހެ، އެއުރެންނަކަށް ( އެކަމަކަށް ) ކުޅަދާނަވެގެންނެއް ނުވާނެތެވެ. (42) ( އެއުރެން ތިބޭހުށީ ) އެއުރެންގެ ލޯތައް ތިރިވެ، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. ހަމަކަށަވަރުން ، އެއުރެން ސަލާމަތުންތިބިއިރު ސަޖިދަކުރުމަށް ގޮވާލައްވާކަމުގައި ވިއެވެ." (43) ކަޢުބުލް އަޙްބާރު ވިދާޅުވިއެވެ" މާތް ﷲ ގަންދީ ބުނަމެވެ.  މިއާޔަތް ބާވައިލެއްވުނީ ނަމާދުގެ ޖަމާޢަތަށް ނާންނަ މީހުންނާމެދުގައެވެ.

2- ޖަމާޢަތުގެ ވާޖިބުކަމުގެ މައްޗަށް ސުންނަތުގައި ހުރި ބައެއް ދަލީލު:

* ޞަހީޙު މުސްލިމުގައްޔާއި، އަބޫ ދާވޫދުގައި އަދި އިބްނުމާޖާ ގައި މާތް ﷲ ރުއްސުންލެއްވި އިބްނު އުމްމު މަކްތޫމްގެ ކިބައިން ރިވާކުރެއްވި ޙަދީޘްފުޅެއްގައިވެއެވެ. "ތިމަން ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ އަރިހުގައި ދެންނެވީމެވެ . އޭ ﷲ ގެ ރަސޫލާއެވެ! އަހުރެންނީ ލޯ އަނދިރި މީހަކީމެވެ. އަހަރެންގެ ގެ މިސްކިތާ ކައިރިއެއް ނޫނެވެ. އަހަރެން ގޮވައިގެން އުޅޭ މީހާއަކީ އަހަރެން ކައިރީ އަބަދު ހުންނަ މީހެއް ނޫނެވެ. ވީމާ އަހުރެން ގޭގައި ނަމާދުކުރުމުގެ ލުޔެއް އެބަ އޮތްތޯއެވެ.؟ ޙަދީޘް ކުރެއްވިއެވެ. " هَلْ تَسْمَعُ النِّدَاءَ قَالَ نَعَمْ قَالَ لَا أَجِدُ لَكَ رُخْصَةً" މާނައީ : ބަންގީގެ އަޑު އިވޭހެއްޔެވެ؟ ތިމަން ދެންނެވީމެވެ. އާދޭހެވެ. ދެން ޙަދީޘްކުރެއްވިއެވެ. (އެހެންވީއިރު) " ގޭގައި ނަމާދު ކުރުމުގެ ލުޔެއް ކަލޭގެފާނަކަށް ލިބިގެން ނުވެއެވެ. " ސަލާމާއި ޞަލާތްލެއްވި ކީރިތި ރަސޫލާ މިފަދަ ޙާލަތުގައިވާ މީހަކަށް ޖަމާޢަތް ދޫކޮށްލުމަށް ހުއްދަ ނުދެއްވިއިރު ، އަހަރެމެންފަދަ ލޮލަށް ފެންނަ މީހުންގެ އޮތީ ކޮން ޢުޛުރެއްހެއްޔެވެ؟

* މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން އަލް އިމާމު ބުޚާރީއާއި އަލްއިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘްފުޅެއްގައިވެއެވެ. "وَالَّذِي نَفْسِي بِيَدِهِ لَقَدْ هَمَمْتُ أَنْ آمُرَ بِحَطَبٍ فَيُحْطَبَ ثُمَّ آمُرَ بِالصَّلَاةِ فَيُؤَذَّنَ لَهَا ثُمَّ آمُرَ رَجُلًا فَيَؤُمَّ النَّاسَ ثُمَّ أُخَالِفَ إِلَى رِجَالٍ فَأُحَرِّقَ عَلَيْهِمْ بُيُوتَهُمْ " މާނައީ : ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ވިދާޅުވަމެވެ. ދަރުއެއް ކުރުވައި ބަންގި ގޮވަން އަމުރުކޮށް މީސްތަކުންނާއިގެން ނަމާދުކުރުމަށް މީހަކަށް އަމުރުކުރުމަށްފަހު (ފަރުޟު) ނަމާދަށް ނައިސް ތިބޭ ފިރިހެނުންގެ ގެތައް ބަލައި އެގެތައް އެމީހުންގެ މައްޗަށް އަލިފާންޖަހައި އަންދާލަފާނަމޭ ތިމަންކަލޭގެފާނު ހިތްޕުޅަށް އަރާވަޑައިގަންނަވައެވެ." ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަން ނުކުރެއްވީ އެ ގެތަކުގައި އަންހެނުންނާއި ކުޑަކުދީން އަދި ޢުޛުރުވެރިން ތިބޭނެތީއެވެ.

* عبد الله بن عباس رضي الله عنهما ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ." ބަންގީގެ އަޑުއިވި ޢުޛުރަކާއި ނުލާ އިޖާބަ ނުދިން  މީހާގެ ނަމާދެއް ނުވެއެވެ. " ( އަބޫދާވޫދު )

3- ޖަމާޢަތުގެ ވާޖިބުކަމުގެ މައްޗަށް ޢަޞްޙާބުބޭކަލުންގެ ބަސްފުޅު : އަލް އިމާމު މުސްލިމް މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު މަސްޢޫދުގެ ކިބައިން ރިވާކުރެއްވިއެވެ. ޢަބްދުﷲ ބުނު މަސްޢޫދު ވިދާޅުވިއެވެ. " މާދަމާ މުސްލިމެއްގެގޮތުގައި މާތްﷲ އާ ބައްދަލުކުރަން ބޭނުން މީހާ ފަހެ މި ފަރުޟުފަސް ނަމާދަށް ގޮވާލެވުމުން ޖަމާޢަތުގައި އަދާކުރާހުށިކަމެވެ! ފަހެ މާތް ﷲ އެކަލާނގެ ނަބިއްޔާއަށް ވަނީ ތެދުމަގުގެ ގޮތްތައް ޝަރްޢު ކުރައްވާފައެވެ. ޖަމާޢަތުގެ ނަމާދަކީ މާތް ﷲ އަންގަވާފައިވާ ތެދުމަގުގެ ގޮތެވެ. ޖަމާޢަތަށް ނައިސް ގޭގައި ނަމާދުކުރާ މީހުން ފަދައިން ގޭގައި ނަމާދު ކުރާނަމަ ތިޔަބައި މީހުން އެދޫކުރަނީ ތިޔަބައިމީހުންގެ ނަބިއްޔާގެ ގޮތެވެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ނަބިއްޔާގެ ގޮތް ދޫކޮށްފިނަމަ ތިޔަބައިމީހުން މަގުފުރެދޭނެކަން ކަށަވަރެވެ. އަހަރެމެންގެ ތެރޭގައި އަހަރެމެން ޤަބޫލު ކުރާގޮތުގައި ކަނޑައެޅިގެން ހުރި މުނާފިޤަކު ނޫނީ އެނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވެ ނުހުންނާނެއެވެ. އަހަރެމެންގެ ތެރޭގައި ބަލިމީހުން ދެމީހުންގެ އެހީގައި ނަމާދުގެ ޖަމާޢަތަށް ސަފަށް ޙާޟިރުކުރެވެއެވެ"

މަތީގައި މިލިޔެވި ދިޔަ ދަލީލުތައް ނޫނަސް މި މައުޟޫޢުގައި އެތައްބައިވަރު ދަލީލުތައް އައިސްފައިވެއެވެ. މިވަރުންވެސް އީމާންކަމުގެ އަހުލުވެރިންނަށް ފުދޭނެކަން ކަށަވަރެވެ. އެހެނީ މުއުމިނުންނަކީ ހަނދާންކޮށްދިނުމުން ފައިދާ ކުރާނެ ބައެކެވެ.
އެންމެހާ މުސްލިމުންނޭވެ! ފަރުޟު ފަސްނަމާދު  ޖަމާޢަތުގައި މިސްކިތުގައި އަދާ ކުރުމަށް ރައްކާތެރިވާށެވެ ! އެ މިސްކިތްތައް ނަމާދާއި ، ޤުރްއާން ކިޔެވުމާއި ، ތަސްބީޙައާއި  ތަކުބީރުން ޢިމާރާތް ކުރާށެވެ!  މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ (التوبة: ١٨ )މާނައީ " ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓަނީ ، ﷲ އާއި އާޚިރަތް ދުވަހަށް އީމާންވެ ، ނަމާދު ޤާއިމުކޮށް ، ޒަކާތްދީ ، ﷲ އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ އެއުރެންނީ ،ތެދުމަގު ލިބިގެންވާ މީހުންކަމުގައިވުން ގާތް ބަޔެކެވެ"

* ނަމާދު ޖަމާޢަތުގައި ކުރުމުގެފައިދާ : ޖަމާޢަތުގައި ނަމާދު ކުރުމަކީ ނުހަނު ބޮޑުވެގެންވާ ފައިދާހުރި ކަމެކެވެ. އެކަމުގެ ސަބަބުން މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ފެނިދެނިވެ ތަޢާރަފުވެ ޙާލު ބެލެއެވެ. އަދި އެއް ބަޔަކު އަނެއް ބަޔަކަށް ހެޔޮކަންތަކުގައި އެހީތެރި ވުމުގެ ފުރުޞަތު ލިބެއެވެ. އަދިތެދުމަގުގައި ސާބިތުވެ ތިބުމުގެ ހިތްވަރު ލިބެއެވެ. ނަމާދަށް މިސްކިތަށް ނާންނަ މީހުންނަށް ޖަމާޢަތަށް އައުމަށް އިތުރު ހިތްވަރަކަށް ވެއެވެ. އަދި ނުދަންނަ މީހާއަށް އުގަންނައިދެވި ،ޣާފިލުވެފައިވާ މީހާއަށް ހަނދާންކޮށްދެވެއެވެ. މީގެ އިތުރުން ނަމާދު ޖަމާޢަތުގައި ކުރުމަކީ މުނާފިޤުންގެ ހިތްތަކަށް ވަރަށް އަސަރުކުރުވާ ކަމެކެވެ.އެހެން ކަމުން ޖަމާޢަތުގެ ނަމާދަކީ މުނާފިޤުންގެ މަގުން މިހާ ދުރުކުރާ ކަމެކެވެ. އަދި އެއީ މީސްތަކުންގެ މެދުގައި ފާޅުކުރެވޭ އިސްލާމީ ޝިޢާރެކެވެ. މާތް ﷲ ގެ މަގަށް ޢަމަލާއި ބަހުން ގޮވާލެވޭ ގޮވާލުމެކެވެ. އަދި އެއީ މަތިވެރި އިލާހުގެ ޛިކުރުން މިސްކިތްތައް އާރާސްތުކުރުމެވެ. މި ނޫނަސް ތަފާތު އެތައް ފައިދާތަކެއް ވެއެވެ. އެންމެހާ މުސްލިމު އަޚުންނޭވެ! މިބަޔާނަށްފަހު ތިބާ މިސްކިތަށް ނައިސް ގޭގައި ފަރުޟުނަމާދުކުރުމުގެ އޮތީ ކޮން ޢުޛުރެއް ހެއްޔެވެ؟ ވިސްނާ ހޭ އަރާށެވެ! ޣާފިލުކަމުގެ ނިދިން ހޭލައި މިސްކިތްތަކުން ގޮވާލެވޭ ހިނދު މާތް ﷲ ގެ ގޮވާލުމަށް އިޖާބަދޭށެވެ! ދިންނަވާ ނަޞީބުލިބުމަށް ޓަކައެވެ. ތިބާއީ މާތް ﷲގެ ހަޟްރަތަށް ދަތުރުކުރާނެ މީހަކަށް ވާއިރު ﷲ ގެ ފުއްސެވުމާއި ރުއްސެވުން ލިބިގެންވާ މީހެއްގެ ގޮތުގައި އެ މަތިވެރި އިލާހާ ބައްދަލުވާ މީހަކަށް ވުމަށްޓަކައެވެ. މާތް ﷲ އެންމެހާ މުސްލިމުންނަށް ހެޔޮމަގަށް މަގުދައްކަވައި އެމަގުން ހިގުމުގެ ހެޔޮތައުފީޤު ދެއްވާށި! އާމީން
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين

-----------------------------------------------------------------------------------------

يقول المترجم : އަންހެނުން ނަމާދުކުރުން މޮޅު އިތުރުވެގެންވަނީ ގޭގައެވެ. ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ." ތިޔަބައިމީހުންގެއަނބިން މިސްކިތްތަކުން މަނާ ނުކުރާހުށިކަމެވެ! އެކަނބަލުންގެ ގެ އެކަނބަލުންނަށް (ނަމާދު ކުރުމަށް) ހެޔޮކަން ބޮޑެވެ" ( އަބޫ ދާވޫދު )

މިލިޔުމަކީ المسجد الحرام އާއި  المسجد النبوي ގެ ކަންތައްތައް ބެލެހެއްޓުމާއި ބެހޭ އޮފީހުގެ އިދާރާއެއްކަމުގައިވާ އިރުޝާދު ދިނުމާއި ދީނީގޮތުން ހޭލުންތެރި ކުރުވުމާއި ބެހޭ المسجد الحرام ގެ އިދާރާއިން ނެރެ ޝާއިޢު ކޮށްފައިވާ ލިޔުމެއްގެ
ދިވެހި ތަރުޖަމާއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ޔާ ﷲ! ޝެއިޚަށް ހެޔޮ ޖަޒާ ދެއްވަވައި ރަހުމަތް ލައްވައި، ޝެއިޚުގެ މަސައްކަތުގައި ބަރަކާތް ލައްވަވައި އިބައިލާހު ރުއްސަވާމަގުގައި ޝެއިޚުގެ ފައިތިލަ ސާބިތުކުރައްވާނދޭވެ!..އާމީން

  2. ސެއިހް އެވެ. އަޅުގަނޑަކީ ދިނީ އިލްމު އުނގެނިގެން ހުރި މީހެއްނޫނެވެ އަދި ދީން ދަސްކުރަނީ ސޮކޫލުންނާއި، ފޮތްތަކުން ނާއި ތިޔަފަދަ ބޭފުޅުންގެ ލިޔުންތަކުން ނާއި ދަރުސް ތަކުންނެވެ. އެހެންނަމަވެސް ނަމާދު ޖަމާއަތުގައި ކުރުމުގެ އާންމު ހުކުމަކީ ވާޖުބުކަން އަދި މިފެނުނީއެވެ. ކުރިން ލިބިފައިހުރި މައުލޫމާތުން އެނގިފައިވާ ގޮތުގައި ނަމާދަކީ ވަގުތު ކަނޑައެޅިފައިވާ އެވަގުތުގައި ކުރުން ވާޖުބު އަޅުކަމެކެވެ. އަދި ޖަމާއަތުގައި ނަމާދުކުރުމަކީ ގިނަގުނަ ދަރުމަ އާއި ސަވާބު ލިބޭ ކަމެކެވެ.
    އަޅުގަނޑުގެ ހިތުގައި އުފެދޭ ވަރަށްބޮޑު ސުވާލެއް އެބައޮތެވެ. އެހެން ސެއިހުން ތިހާސީރިއަސްކޮށް ނަމާދު ޖަމާއަތުގައި ކުރުމާއި ބެހޭގޮތުން ސްޓްރެއިޓް ފޯވާރޑްކޮށް ވިދާޅުނުވީ ކީއްވެބާވައެވެ….

Your email address will not be published. Required fields are marked *