ދީނީ ލިޔުންދީން

ޝަރީޢަތާ ޚިލާފަށް ވާހަކަ ދެއްކުމަކީ އެއްވެސް މީހަކަށް ލިބިފައިވާ ޙައްޤެއް ނޫން

 

އިސްލާމީ ޝަރީޢަތަކީ ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގެންވާ ޙިކުމަތްވަންތަ މާތް ﷲ ބާވައިލެއް ފުރިހަމަ ނިޒާމަކަށް ވީހިނދު އެ ޝަރީޢަރީޢަތުގައި ވަކިގޮތަކަށް ކަނޑައެޅިފައިވާ އެއްވެސް ކަމަކާ ޚިލާފަށް ގޮތްކިޔުމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި ކިއެއްތަ ކަނޑައެޅިފައިވާ ގޮތަށް ކުރާނީތޯ ނުވަތަ ނުކުރާނީތޯ ބަލަން މަޝްވަރާ ކުރުންވެސް ހުއްދަވެގެން ނުވެއެވެ. ޤުރްއާނާއި ސުންނަތުގައި ވަކިގޮތަކަށް ކަނޑައެޅިފައިވާ ކަމެއް އެނޫން ގޮތަކަށް ގެންދިޔުމަށް މަޝްވަރާ ކުރުމަކީ އިސްލާމް ދީނާއި ދިވެހި ޖުމުހޫރިއްޔާގެ  ޤާނޫނު އަސާސީއާ މުޅިން ފުށުއަރާ ކަމެކެވެ. މިގޮތުން ޙައްދު ތަކާއި ޤިޞާޞް  ގެ މައްސަލަތައް ތަންފީޛު ކުރާނީތޯ ނުވަތަ ނުކުރާނީތޯ ބެލުމަށް ވާހަކަދެއްކުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު އަސާސީއާ ފުށުއަރާކަމެކެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.  وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا   ( އަޙްޒާބު:36) މާނައީ "އަދި اللَّهއާއި، އެކަލާނގެ رسولއާކަމަކަށްނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّهއަށާއި، އެކަލާނގެ رسولއާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."

ޤިޞާސްގެ ޙުކުމަކީ ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައިވާ ޙުކުމެކެވެ.އެހެންކަމުން މިޙުކުމަކީ އުންމަތުގެ ޢިލްމުވެރިން އިޖުމާޢުވާ ޙުކުމެކެވެ. އަދި ޤިޞާޞް ގެ އަދަބު ލުއިކުރުމަކީ އިސްލާމީ ޝަރީޢަތުގައި ޙާކިމަށް ދެވިފައިވާ ބާރެއް ނޫނެވެ. އިސްލާ ޝަރީޢަތުގައި އެބާރު ދެއްވާފައިވަނީ މަރުވި މީހާގެ ވާރުތަވެރިންނަށެވެ.

ވާރުތަވެރިން އެ ޙުކުމް ތަންފީޛު ކުރަން ތިބިހާ ހިނދަކު ޤާޟީ ކޮށްފައިވާ ޙުކުމް ތަންފީޛު ކުރުން ޙާކިމުގެ މައްޗަށް އިސްލާމީ ޝަރީޢަތުން ލާޒިމުކުރެއެވެ.  މާތް ﷲ ވަޙީކުރެއްވިއެވެ.  يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنْثَى بِالْأُنْثَى فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ذَلِكَ تَخْفِيفٌ مِنْ رَبِّكُمْ وَرَحْمَةٌ فَمَنِ اعْتَدَى بَعْدَ ذَلِكَ فَلَهُ عَذَابٌ أَلِيمٌ (178) وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ (179)

(އަލްބަޤަރާ) މާނައީ "އޭ إيمانވެއްޖެ މީސްތަކުންނޭވެ! قتلކުރެވޭ މީހުންނާމެދު قصاصހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخއާގެ ފަރާތުން قصاصގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسانތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمةއެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوةތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ.(178)

އަދިقصاصހިފުމުގައިތިޔަބައިމީހުންނަށް(ވަރަށްބޮޑު)ދިރުމެއްވެއެވެ. އޭ ބުއްދީގެ أهلވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوىވެރިވުމަށްޓަކައެވެ.(179)

މާތް ﷲ ބަޔާން ކުރައްވާފައި އެވަނީ ޤިޞާޞް ހިފުން އެއީ އަހުރެމެންގެ މައްޗަށް މާތްﷲ ފަރުޟުކުރައްވާފައިވާ ކަމެއްކަމަށެވެ. ވީމާ އެކަން ޝަރުޢީގޮތުން މަޢާފުރުމުގެ ޙައްޤު މާތް ﷲ ދެއްވާފައިވާ ފަރާތްކަމުގައިވާ މަރުވި މީހާގެ ވާރުތަވެރިން ފިޔަވާ އެއްވެސް މީހަކަށް އެޙުކުމް ލުއިކުރުމުގެ ޙައްޤު ލިބިގެން ނުވެއެވެ.

ފަރުޟުގެ މާނަ އަހަރުމެންގެ ކޮންމެ މީހަކަށް ވެސް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމާދަކީ ފަރުޟެކެވެ. ރޯދައަކީވެސް ފަރުޟެކެވެ. ނަމާދުކުރަން ޖެހޭތޯ ނުވަތަ ނުޖެހޭތޯ ރައްޔިތުން މަޖިލީހުގައި މަޝްވަރާ ނުކުރެވޭނެއެވެ. އެއީ ފަރުޟެކެވެ. ޤިޞާޞް ހިފުމަކީވެސް އޭގެ ޝަރުޠުތައް ހަމަވާނަމަ ފަރުޟެކެވެ. ވީމާ ނަމާދުގެ ކުރަން ޖެހޭތޯ ނުޖެހޭތޯ މަޝްވަރާކުރުން ހުއްދަ ނުވާ ފަދައިން ޤިޞާޞް ހިފާނީތޯ ނުވަތަ ނުހިފާނީތޯ މަޝްވަރާކުރުން ވެސް ހުއްދަވެގެން ނުވެއެވެ.

ކަން މިހެން ހުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މިކަމާ އެބަ މަޝްވަރާކުރެވެއެވެ. ވީމާ މިއަދު މަޖުލީހުގެ ޢިއްޒަތްތެރި އެންމެހާ މެންބަރުންގެ މައްޗަށް ވާޖިބުވެގެން ވަނީ  މާތް ﷲ ގެޙުކުމްފުޅު ތަންފީޒުކުރަން ބާރު އެޅުއްވުމުގެ ގޮތުން އެ ކަމަށް ވޯޓުދެއްވުމެވެ. އަމިއްލަ ޕާޓީއިން ހުށައަޅާފައިވާ ކަމެއް ފާސްކުރެއްވުމަށް މަޖުލީހަށް ހާޒިރުވެވަޑައިގަތުމަށް އިސްކަން ދެއްވުމަށްވުރެ މާތް ﷲ ގެ ޝަރީޢަތުގެ ފަރާތުން އައިސްފައވާ ކަމަކަށް ބާރުއެޅުއްވުމަށް ޓަކައި މަޖުލީހަށް ޙާޟިރުވެވަޑައިގަތުމަށް މާބޮޑަށް ވެސް އިސްކަން ދެއްވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި މިފަދަ މުހިންމު ކަމެއްގައި ތިމާއާށް ބާރު ދެވެން ހުއްޓައި ތިބާގެ ވޯޓު ނުލިބުމުގެ ސަބަބުން އެކަން ނުވާގޮތަށް ވެއްޖެނަމަ އެކަމުގެ ފާފައާ ކުރިމަތިލާން ޖެހިދާނެއެވެ.

ޤިޞާޞް ޝަރުޢު ކުރެވިފައިވަނީ މީސްތަކުންގެ ފުރާނަތައް ޙިމާޔަތް ކުރެއްވުމަށްޓަކައި ކަންވެސް އިސްވެ ދިޔަ ވަޙީބަސްފުޅުން އެނގިފާޅުވެއެވެ. މީސްތަކުންގެ ފުރާނަތައް ޙިމާޔަތް ކުރުމަށް އެއަށްވުރެ މޮޅުގޮތެއް އޮތް ނަމަ މާތް ﷲ އެގޮތް ބަޔާން ކުރެއްވީސްކަން ކަށަވަރެވެ. ވީމާ ނަފްސުތައް ޙިމާޔަތް ކުރެވޭނީ ޤިޞާޞް ހިފައިގެންނެވެ.

ރައްޔިތުންގެ މަޖްލީހުގެ ޢިތްޒަތްތެރި މެމްބަރުންނަށް ދަންވަމެވެ. ޤިޞާޞުގެ ޙުކުމް ތަންފީޛުކުރަން ނުފެންނަކަމަށް ވޯޓުދެއްވާ ކޮންމެ ބޭފުޅަކު އެވޯޓުދެއްވަނީ މާތް ﷲ ގެޙުކުމްފުޅަކާ ދެކޮޅަށެވެ. މާތް ﷲ ނިޔާކުރައްވާފައިގޮތް އެނގިހުރެ އެގޮތް ރަނގަޅު ނޫންކަމަށް ދެކި ނުވަތަ އެއަށްވުރެ އެހެން ގޮތެއް ރަނގަޅުކަމަށް ދެކި ވޯޓުދޭމީހާ އިސްލާމް ދީނުން ބޭރުވާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ވީމާ ހުރިހާ ޢިތްޒަތްތެރި މެމްބަރުންވެސް މާތް ﷲ އަށް ބިރުވެތިވެ ތަޤުވާވެރި ވުމަށް ވަޞިއްޔަތް ކުރަމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މާތް ﷲ ތިޔަބޭފުޅުންނަށް ހެޔޮވިސްނުން ދެއްވާ ތިޔަބޭފުޅުންނަކީ އިސްލާމީ ޝަރީޢަތުގެ ދިފާޢުގައި މަސައްކަތް ކުރައްވާ ބަޔަކުކަމުގައި މާތް ﷲ ލެއްވުމެވެ. އަދި އެކަމުގެ ދަރުމައާއި ޘަވާބު މިންވަރުކޮށް ދެއްވުމެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އިސްލާމްދީން ތަންފީޒުވާ މިންވަރު މިޤައުމުގައި ބަލަންވީ ނުންތޯ ހިއުމަން ރައިޓުސް ކޮމިޝަނުން ކޮންމުވާހަދާއެއްތިކިޔަނީ، އިސްލާމްދީން ތަންފީޒު ވެފައިވާނަމަ ހުންނާނީ ހުރިހާ މުއާހަދާ. ޢަކަށްވެސް އަމަލުކުރެވިފައި، ތިމުވާހަދާއަށް އަމަލުކުރެވޭ މިންވަރު ބަލަނީ ކާކަށް ދައްކަން، އިސްލާމް ދީން ތަންފީޒުކުރަނީ ﷲ ގެ ރުހުން ހޯދަން ދެދުނިޔޭގެ ބާއްޖަވެރިކަން ހާސިލް ކުރަން! ތިމަވާހަދާތަށް ތަންފީޒުވާ މިންވަރު ތިބަލަން އުޅެނީ ދޮންމީހުން ރުއްސަން ވެގެން ނުންތޯ

Your email address will not be published. Required fields are marked *