ދީނީ ލިޔުންދީން

ސަޢުދީ ފަތުވާކޮމިޓީގެ ޢިލްމުވެރިންނަށް ބަދުބަސް ބުނުމަކީ ފަސާދައަށް ކުރެވޭ ތާއީދެއް

 

ނޯޓު : މިމަޒްމޫނު ލިޔަން މިޖެހުނު ސަބަބަކީ 14 މެއި 2012 ދުވަހު ސަން އޮންލައިންގައި މީހަކު "އާމީރުންނާ ދެކޮޅަށް ނިކުންނަން ޖެހޭނެ" މިމައުޟޫގެ ދަށުގައި އިސްލާމް ދިނުގެ ޢާންމު އުޞޫލާ ޚިލާފަށް ވާހަކަ ދައްކާފައިވާތީ އާއި އުންމަތުގެ ޢިލްމުވެރިންގެ ބޮލުގައި އަނިޔާވެރިކަމަށް އެހީތެރިވުމުގެ އިލްޒާމު އަޅުވާފައިވާތީ އެކަމުގައި އެއްޗެއް ބުނަން މަޖުބޫރުވުމެވެ.

ފުރަތަމަ ނުކުތާ:

"އާމިރުންނާ ދެކޮޅަށް ތެދުވަން ޖެހޭނެއެވެ". ލިޔުންތެރިޔާ މިހެން މިޢިބާރާތް ލިޔެފައި އޮތުމުން ޙުކުމުގެ އަޞްލަކީ ވެރިންނާ ދެކޮޅަށް ނުކުތުން ހުއްދަވުންކަމުގައި ދޭހަވެއެވެ. އަދި ވެރިންނާ ދެކޮޅަށް ނުކުތުމަކީ އިސްލާމްދީނުގައި ކޮންމެހެން ކުރަންޖެހޭ ވާޖިބު ޢަމަލެއްކަމުގައި ދޭހަވެއެވެ. ނަމަވެސް އެއީ މުޅިން އޮޅުމެކެވެ. ވެރިންނާ ދެކޮޅަށް ނުކުތުމުގެ އަޞްލު ޙުކުމަކީ އެއީ ހުއްދަކަމެއް ނޫނެވެ. ޝަރީޢަތުގައި ބާރުއަޅުއްވާފައި އޮތީ ވެރިންނާ ދެކޮޅަށް ނުނިކުތުމަށެވެ. މިއީ މިކަމުގެ އަޞްލުޙުކުމް އޮންނަގޮތެވެ. ވެރިންނާ ދެކޮޅަށް ނިކުތުން ހުއްދަވުމަކީ ނާދިރު ޙާލަތެއްގައި އަންނަ ޙުކުމެކެވެ. އެއީ ޢާންމު ޙުކުމެއް ނޫނެވެ. ނަމަވެސް ލިޔުންތެރިޔާ އާމިރުންނާ ދެކޮޅަށް ދެތުވަން ޖެހޭނެޔޭ " ބުނެފައި އޮތުން އެއީ ޝަރީޢަތުގައި އެކަމަށް ބާރުއަޅާފައިވާ ޢާންމު ޙުކުމެއްކަމުގައި ދޭހަވެއެވެ. މިއީ ވަރަށް ބޮޑު އޮޅުވާލުމެކެވެ.

ދެވަނަނުކުތާ:

އިސްލާމީ ދުނިޔޭގައި ވެރިން ހިންގަމުންދާ ހުރިހާ އަނިޔާވެރި ޢަމަލެއް އެޤައުމުތަކުގެ ކުރުމަށް ބާރުއަޅާ ބަޔަކީ ސަޢުދީގެ ފަތުވާ ކޮމިޓީގެ ޢިލްމުވެރިންކަމުގައި ބުނެފައިވުމީ އިސްލާމީޝަރީޢަތް ތަންފީޛުކުރެވޭ ޤައުމެއްގައިނަމަ ތަޢުޒީރު ކުރަންޖެހޭވަރު ކުށެކެވެ. އެބަހުން ދޭހަކޮށްދެނީ ތިމާމެންނަށް ޢިލްމު ލިބިފައިނުވާކަމާއި، ޢިލްމުން މިންވަރެއް ލިބިފައި ނުވާތަނުގައި ޢިލްމުގެ އަހުލުވެރިންނާ މެދުގައި ތިމާމެންގެ ހިތްތަކުގައި ފޮރުވިފައިވާ ޙަސަދަވެރިކަމާއި ރުޅިވެރިކަމާއި ޢަދާވާތްތެރިކަމެވެ. ފުރަތަމައިނުން ލިޔުންތެރިޔާ ވިސްނާލަންވީ ތިމާމެންގެ ފެންވަރެވެ. ޢިލްމުގެ މައިދާނުގައި ތިމާމެންނާ އެބޭފުޅުންނާހުރި ތަފާތެވެ. އަދި ލިޔުންތެރިޔާ އެބައެއްގެ ގާތުން ޚިޔާލު ހޯދާފައި އެވާމީސްމީހުންނާއި ސަޢުދީގެ ފަތުވާ ކޮމިޓީގެ ޢިލްމުވެރިންނާ ހުރި ފަރަޤެވެ. އެބޭފުޅުންނަކީ މުޅިދުނިޔޭގެ ހުރިހާ މުސްލިމުތަކުން އެބޭފުޅުންގެ ފަތުވާތަކަށް އިޙްތިރާމްކުރާ ޤަދަރުވެރި ބައެކެވެ. ހިތުގައި ބަލިމަޑުކަމެއްވާ މީހަކު ނޫނީ މިކަމަށް އިންކާރެއް ނުކުރާނެއެވެ.

ސަޢުދީގެ ފަތުވާ ކޮމިޓީއިން ދެއްވާފައިވާ ފަތުވާތައް އެއްކުރެވިފައިވާ ފޮތްތަކުގެ ޢަދަދު އެތައް ވޮލްޔުމަކަށް އަރައެވެ. އޭގެތެރޭގައި އިސްލާމީ ޢަޤީދާއާއި ފިޤުހުގެ ހުރިހާ ބާބެއް ޝާމިލުވެއެވެ. އަދި އެބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކީ އަމިއްލަފުޅަށް އެތައް ފޮތެއް ލިޔުއްވާފައިވާ ބޭފުޅުންނެވެ. މިއީ އިސްލާމީ އުންމަތަށް ދެއްވާފައިވާ ވަރަށް އަގުބޮޑު ހަދިޔާއެކެވެ. އެބޭފުޅުންނަށް ޚިޔާނާތާއި އަނިޔާގެ އިނގިލި ދިއްކުރަމުންދާއިރު ތިމާމެންގެފަރާތުން އުންމަތަށް އަދި ކިއެއްތަ ތިމާމެންގެ ޤައުމަށް ކުރީ ކޮންފައިދާއެއް ހެއްޔެވެ؟

ތިންވަނަ ނުކުތާ:

ސަޢުދީގެ ފަތުވާ ކޮމިޓީގެ ޢިލްމުވެރިންނަކީ އެބޭފުޅުންގެ މުސާރައަށް ދީންވިއްކާލާފައިވާ ބައެއްކަމުގައި ބުނި ބުނުމަކީވެސް އެބޭފުޅުންގެ ބޮލުގައި އެޅުވި ވަރަށް ބޮޑު ބުހުތާނު އިލްޒާމެކެވެ. ތިމާމެން ކަންތައް ކުރާގޮތަށް އެހެންމީހުންވެސް ކަންކުރާނެ ކަމަށް ދެކުމަކީ އެއްވެސް ޙުއްޖަތެއް ބުރުހާނަކާނުލާ ކުރެވޭ ނުބައި ތުހުމަތަކަށް ނޫނީ ނުވާނެތެވެ.

ދަންނައެވެ. ސައުދީ ޢަރަބިޔާއަކީ އެޤައުމުގައި ޑިމޮކްރަސީ ނެތެއްކަމަކު އިސްލާމީ ޝަރީޢަތުގެ ހިޔަލުގައި ލިބިފައިވާ އަމާންކަމުގެ ނިޢުމަތް މުޅިދުނިޔެއަށް ދައްކަމުންދާ ނަމޫނާ ދައުލަތެކެވެ. އެއީ ތައުޙީދުގެ ބިމެވެ. އެތަނުގައި އިންސާނުންގެ ހައިޘިއްޔަތުން މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ޙައްޤުތައް އެ،އިންސާނާއަށް ލިބިދީފައިވެއެވެ. އެއީ ހުރިހާ ގޮތަކުންވެސް އެންމެ ދީލަތި އެހީތަކެއް އިސްލާމީ ދުނިޔެއަށް އަދި ކިއެއްތަ މުޅި ދުނިޔެއަށްވެސް ދެމުންދާ އެއްޤައުމެވެ. ދުނިޔޭގެ ނިސްބަތުން އެންމެގިނަ ދަންނަބޭކަލުން އެޤައުމެއްގައި ތިއްބެވި ޤައުމެވެ. މީހުންގެ މުދަލާއި ތަކެއްޗަށް އެއަށްވުރެ ވަކިންބޮޑު ރައްކާތެރިކަމެއް ލިބިފައިވާ ޤައުމެއްނެތެވެ. ރައްޔިތުންނާއި ވެރިންނާއި ޢިލްމުވެރިންނާ އޮންނަ ގާތްގުޅުމުގެ ސަބަބުން ޤައުމުތެރޭގައި ފިތުނައިގެ އަލިފާން ރޯކުރާމީހުންނަށް އެފަސްގަނޑުވަނީ ދަތި ތަނަކަށް ވެފައެވެ. މިއީ ހައްތާވެސް މާތް ﷲ ދެއްވާފައިވާ ނިޢުމަތްތަކެވެ. މިނިޢުމަތްތަކުގެ ފަހަތުގައި ޙަސަދައިގެ ލޯތަކެއްވާކަން ޔަޤީނެވެ. އޭގެތެރެއިން އެންމެ ނުރައްކާތެރި ލޮލަކީ ޑިމޮކްރަސީއާއި ޑިމޮކްރަސީގެ އައުވާނުންގެ ލޯތަކެވެ.

މިއާއެކު އެތަނުގައިވެސް އިންސާނީ މުޖްތަމަޢެއްގައި ނޯވެ ނުދާނެ ނުބަޔާއި ފަސާދަ ކޮންމެވެސް މިންވަރަކަށް އޮތުމަކީ މުޅި ތަނަށް ޢާއްމު ހުކުމެއްކުރުމަށް އޮތް ޙުއްޖަތަކަށްނުވާނެއެވެ. ޚާއްޞަކޮށް ޙައްޤު ފާޅުކުރަމުންދާ ޢިލްމުގެ އަހުލުވެރީންގެ މައްޗަށް އެފަދަ ޙުކުމެއް ޢާންމު ކުރުމުގެ ސަބަބަކަށް އެކަން ވެގެން ނުވާނެއެވެ. އެހެނިހެން ޤަޥުމުތަކާ އަޅާކިޔާލާނަމަ އިންޞާފުވެރި، ލޮލަކަށް އެތަނުގެ އަމާންކަމާއި މުޖްތަމަޢުގެ ރައްކާތެރިކަން އެހެނިހެން ޤަޥުމުތަކަށްވުރެ އެތައްގުނައަކަށް ފުރިހަމަކަން ރަނގަޅަށް ފެންނާނެމެއެވެ. އެހެންކަމުން އިސްލާމީ ޤަވުމެއް މިފަދައިން އޮތުމަށް ކާފަރުން ރުހޭނީވެސް ކޮންފަދަޔަކުން ހެއްޔެވެ؟

ދަންނައެވެ. ހުރިހާތަނެއްގެ ޙާލު އެއްގޮތެއް ނޫނެވެ. އެކި ޤައުމުތަކުގެ ކަންހުރީ އެކިދަރަޖައަށެވެ. ވީމާ އެކި ޤައުމުތަކުގައި އިޞްލާޙަށް މަސައްކަތް ކުރަންޖެހޭ ގޮތްވެސް ތަފާތެވެ. އަދި ބޭނުންކުރަންޖެހޭ ވަސީލަތްތައްވެސް ތަފާތެވެ.

މިއަދު ސަޢުދީގެ ވެރިކަމާ ދެކޮޅަށް ނިކުންނަ މީހުންނަށް ސާބަސް ކިޔުމަކީ ފިތުނަފަސާދައަށް ސާބަސްކިޔުމެވެ. އެއީ މުސްލިމުންނަށް ލިބިފައިވާ އަމާންކަން ނަގާލައި އެބައިމީހުންގެ މެދުގައި ލޭ އޮހުރުވުމަށް ހިތްވަރުދިނުމެވެ. އެއީ މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ލެޔާއި މުދަލުގެ ޙުރުމަތް ކަނޑައި މީސްތަކުންގެ އަބުރު ނަގާލުމަށް ފޯރިދިނުމެވެ. އަދި އެއީ އެތަނުގައި ތަންފީޛު ކުރެވިފައިވާ އިސްލާމީ ޝަރުޢީ ނިޒާމަށް ޙަސަދަވެރިވެ އެނިޒާމު ހަލާކުކޮށް ވަޟުޢީ ޤާނޫނު ގެނައުމަށް އެހީތެރިވުންކަމުގައިނޫނީ ނުވާނެއެވެ.

ވީމާ ޢިލްމުގެ އަހުލުވެރިންނަށް ބަދުބަސް ބުނުމުގެ ފަލްސަފާއިން ދުރުވެ ތައުބާ ވުމަށް ލިޔުންތެރިޔާއަށް ވަޞިއްޔަތް ކުރަމެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ސަން ގައި ލިޔެފައި ވާ ލިންކު ހާމަ ކޮއްދިނުން އެދެން

Your email address will not be published. Required fields are marked *