ރާއްޖޭގެ ޚަބަރު

ޢިލްމުވެރިންނަށް ހުރަސް އެޅިކަމުގައި ވިޔަސް.....!

ވައިކަރަދޫ

ވައިކަރަދޫ

ދިވެހިރާއްޖޭގައި ސިޔާސީ ވާހަކަ ދައްކާތާ މިވީ އަހަރެއް ދެ އަހަރެއް ނޫނެވެ. އެކި ގިންތީގެ މީހުން ތަފާތު ފަންތިތަކުގައި ސިޔާސީ ވާހަކަ ދައްކާތާ ކިތަންމެ ޒަމާނެކެވެ. ތެދާއި ދޮގުގެ މައްޗަށް އެކުލެވިގެންވާ ސިޔާސީ ވާހަކަތަކުން ދޭދޭ ފަރުދުންގެ މެދުގައި ފިތުނަވެރިކަމާއި ޒާތީ ތަޢައްސުބު އުފެދިފައިވަނީ އިންތިހާޔަށެވެ. އެއީ ވަކި ބޭފުޅަކު ނުވަތަ ވަކި ސިޔާސީ ޕާޓީ އަކުން ދެއްކި، ނުވަތަ ދައްކަމުންދާ ވާހަކަތަކުގެ ނަތީޖާއެއް ނޫނެވެ.

ދިވެހިރާއްޖޭގައި މިވަގުތު ތިބި އެންމެ ބޮޑު ސިޔާސީ ދެ ލީޑަރުންނަކީ ކުރީގެ ރައީސް މައުމޫން އާއި ނަޝީދުއެވެ. މި ދެބޭފުޅުންނަކީ އެބޭފުޅުންގެ ކޮންމެ ވާހަކައެއްމެ ނޫސްތަކުގެ ފަލަ ސުރުޚީގައި ލިޔެވޭ ދެބޭފުޅުންނެވެ. ފިތުނަވެރި ވާހަކަ ތަކާއި، ތެދާއި ދޮގުގެ މައްޗަށް އެކުލެވިގެންވާ ތުހުމަތުތައް މީގެ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ނުކުރައްވާ ދުވަހެއް މަދުވާނެއެވެ. އަދި މި ދެބޭފުޅުންގެ އަރިހުގައި އެނބުރޭ ސިޔާސީންވެސް މިދެންނެވި ފިތުނަވެރި މަސައްކަތުގައި ރެއާއި ދުވާލު ހޭދަކުރަމުންދެއެވެ.
ދެންނެވުނު ޙަޤީޤަތާއެކުވެސް، ހއ އިން ފެށިގެން އައްޑު އަތޮޅާ ދެމެދު ވީ ކޮންމެ ރަށަކަށް މިބޭފުޅުން ބޭނުން ކޮންމެ ވަގުތަކު އަރައި، ބޭނުން ކޮންމެ ވާހަކައެއްމެ ގެންދަވަނީ ދައްކަމުންނެވެ. ޑިމޮކްރަސީ އޭ ކިޔުނު ނިޒާމުގެ ހިޔާވަހިކަމުގައި ތިބެ، ފިތުނަވެރި ވާހަކަތަކާއި ދޮގުވެރި ބަސްތައް ތަކުރާރު ކުރައްވަމުން ގެންދަވަނީ މިނިވަންކަމާއެކު އެވެ.
ފިތުނަވެރި އަލްމާނީ ސިޔާސީ ލީޑަރުންނަށް ބަޔާންވެދިޔަ މިނިވަންކަމާއި ފަހި ފުރުސަތުތައް ލިބިފައި ވީނަމަވެސް، ސިޔާސީ މަސްރަހުގައި ހިނގަމުންދާ ލާދީނީ، އަދި ލާއިންސާނީ ވާހަކަ ދައްކައި، ޣަފްލަތުގެ ނިދިން ރައްޔިތުން ހޭލައްވާލަން ރެއާއި ދުވާލު މަސައްކަތް ކުރައްވާ ދީނީ ޢިލްމުވެރިންނަށް މިނިވަންކަމެއް ނެތެވެ. ޙައްޤު ބަޔާން ކުރެއްވުމުގެ ފަހި ފުރުސަތުތަކެއްވެސް ނެތެވެ.
އާލްމާނީ ވިސްނުމުގެ ސިޔާސީ ޒަޢީމުން އެމީހުންގެ ތަނަވަސްކަމާއި ނުފޫޒުން ޚިސާރު ކޮށްފައިވާ އަތޮޅު ކައުންސިލް ތަކާއި، ރަށު ކައުންސިލްތައް މެދުވެރިކޮށް ދީނީ ޢިލްމުވެރިންގެ ވާޖިބާތައް ހުރަސް އަޅަމުންދަނީ ރީތި ނަންނަމުގައި މޮޅު ބަހަނާތަކެއް ޢާންމު ރައްޔިތުންގެ ކުރިމައްޗަށް ހުށައަޅަމުންނެވެ. ޢިލްމުވެރިން ވަޑައިގެން ދައްކަވަނީ ފިތުނަވެރި ވާހަކަތަކެއް ކަމުގައި ރައްޔިތުންނަށް ވިސްނައިދީގެންނެވެ.

ޙައްޤު ބަސް ވިދާޅުވުމުގައި ފަސްޖެހުމެއްނެތް ދީނީ ޢިލްމުވެރިން، އެބޭފުޅުންގެ ލޯމަތިން ފެންނަމުންދާ މުންކަރާތްތަކަށް އިންކާރު ކުރެއްވުމަކީ ތަބީޢަތެވެ. އެއީ އެބޭފުޅުންނަށް ލިބިފައިވީ ޢިލްމާއި، އެބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ސަބަބުން، ފިޠުރަތު އެބޭފުޅުންނަށް ލާޒިމުކުރާ ގޮތެވެ.

ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާއިރު، އެކަލާންގެއަށް ޝަރީކު ކުރުމަށް ޣައިރު މުސްލިމުން ގެންގުޅޭ ޒާތުގެ ބުދުތަކެއް ޢާންމު ކުރެވޭ މަންޒަރު ބަލަން ހަނުހިމޭނުން ހުރުމީ ޣީރަތްތެރި މުސްލިމެއްގެ ޠަބީޢަތެއް ނޫނެވެ. އެ އެއްޗަކީ ނުބައިކަމުގެ މަންމަ ކަމުގައި ރަޙުމަތުއްލިލް ޢާލަމީން ޙަދީޘް ކުރައްވާފައިވާ ބަނގުރާ ޢާންމު ކުރުމީ އިޚްލާޞްތެރި މުސްލިމަކު ރުހި ޤަބޫލު ވާނޭ ކަމެއް ނޫނެވެ.

މުންކަރާތެއް ފެންނަހިނދު، އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެމުންކަރާތެއް މަނާކުރުމަށް ކީރިތި ޤުރުއާނާއި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަގުމާތްވި އިރުޝާދުތައް އައިސްފައިވާއިރު، މި ބީދައިން ޢަމަލުކުރުމީ ފިތުނަ އުފެއްދުން ކަމުގައި ދުށުމީ ޖާހިލު ކަމެވެ. އަދި އެއީ ފިތުނަ އުފެއްދުން ކަމުގައި ދެންތިބީންނަށް ވިސްނައިދިނުމީ ފާސިޤު ކަމާއި ލާދީނީ ކަމެވެ.

ލާދީނީ ޚިޔާލުތަކުން ކަސްތޮޅު އެޅިފައިވާ ސެކިއުލަރިސްޓުން، އެމީހުންގެ ބާރާއި ނުފޫޒުގެ ބޭނުންކޮށް، އިޚްލާޞްތެރި ދީނީ ޢިލްމުވެރިންގެ ޝަޚްޞިއްޔަތު ޤަތުލުކޮށް، އެބޭފޫޅުންގެ ވާޖިބަށް ގަސްތުގައި ހުރަސް އަޅަމުންދަނީ ﷲ ސުބުޙާނަޙޫ ވަތަޢާލާގެ ދީން މިބިންމަތިން ފޮހެލުމަށެވެ. ޔަހޫދީންގެ އަތުން ލިބޭ މަދު ފައިސާކޮޅުގެ ދަހިވެތިކަމުގައެވެ.
އޭ އަވާމެންދުރުގެ ފަހަތުން ދުވާ މުޖުރިމުންނޭވެ! ކަލޭމެން ﷲ ތަޢާލާގެ ދީން މިބިންމަތިން ފޮހެލުމަށް މަތިހަށި ނަގައި މަސައްކަތް ކުރިކަމުގައި ވިޔަސް، މިދީނުގެ ޢިލްމުވެރިންނާއި، ތަޢުލީމު ނެތިކޮށްލަން މަސައްކަތް ކުރިކަމުގައި ވިޔަސް، ތިޔަ އެދުމެއް ޙާޞިލެއް ނުކުރެވޭނެއެވެ. އެހެނީ އިސްލާމްދީނަކީ ޙައްޤުވަންތަ އިލާހުގެ ޙަޟްރަތުން ބާވައިލެއްވިގެންވާ އިލާހީ ރަޙުމަތެވެ. (يُرِ‌يدُونَ أَن يُطْفِئُوا نُورَ‌ اللَّـهِ بِأَفْوَاهِهِمْ وَيَأْبَى اللَّـهُ إِلَّا أَن يُتِمَّ نُورَ‌هُ وَلَوْ كَرِ‌هَ الْكَافِرُ‌ونَ) ((سورة التوبة 32)) މާނައީ "އެއުރެން އެދެނީ، ﷲ ގެ ނޫރުފުޅު (އެބަހީ: އިސްލާމްދީން) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވާލުމަށެވެ. ނަމަވެސް ކާފަރުން ކިތަންމެ ނުރުހުނަސް، މާތްﷲ އެކަލާނގެ ނޫރުފުޅު ފުރިހަމަކުރެއްވުމަށް މެނުވީ، އެކަލާނގެ އިރާދައެއް ނުކުރައްވަތެވެ."

ގުޅުންހުރި

3 ޚިޔާލު

  1. ފިތުނަށް އުފޭތީއޭ ކިޔާފައި ދަރުސްނުދީ ތިބޭށޯ! ފިތުނަށް އުފެދޭތިއޭ ކިޔާފައި މިވެރިން ތާއިދުކުރި ވެރިމީހާއާއި ދެކޮޅަށް ބަސްނުބުނާށޯ! އަދި އޭނަައާ ދެކޮޅަށް ނުނުކުންނާށޯ! ކީއްތަވާނީ އެއްފަހަރުވެސް އެވެރިމީހާއަށް ގޮވާލިނަމަ އިސްލާމީ ޝަރީއަތުގައި ވާގޮތަށް ވެރިކަން ކުރަށޭ އޭރުންނޭ އެއްޝަރީއަތުގެ ހިމާޔަތްލިބޭނީ. އޭނަ ވެރިކަން ކުރަނީ ހަޑިމުޑުދާރު ޑިމޮކުރަސީގެ ދަށުން ހަޑިމުޑުދާރު ޑިމޮކުރަސީގައި އޭނަޔާ ދެކޮޅަށް ނިކުމެވޭނަކަން. ވެރިކަމުން ވެއްޓުނީމަ މިޖެހެނީ އިސްލާމީ ޝަރީއަތްއަތުގައިވާ ހުކުން އޭނަޔާ ދެކޮލަށް ނުކުން މީހުންނަށް ކުރަން. އެކަމަކު އޭނަ ހިންގި ޖަރީމާ ތަކާޖެހުނީމަ އަނެއްކާވެސް ޑިމޮކުރަސީ. ހެއްވާދޯ؟!

  2. އެމްޑީޕީގެ މިއަދުގެ ހަގީގީ ވިސްނުމަކީ މިބިންމަތިން ދީން ފުހެލުން. ﷲގެ ގެކޮޅުތަކުގެ ހުރުމަތް ކަނޑާފި ދީނަށް ފުރައްސާރަކޮށްފި ރަސޫލާއަށް ފުރައްސާރަކޮށްފި ނަމާދަށް ހަޖޫކިޔާފި މިބައިމީހުންގެ އުދަގުލުން މި ދީބު ސަލާމަތްކުރައްވާށި! ދީނީ ޢިލުމްވެރިން ހައްގުގެ މަގުގައި ސާބިތުވުމަށް އެދެން.

  3. އަޅުގަޑު މިހިރީ ދިވެހިރާއްޖޭގައި އިސްލާމްދީން ޙިމާޔަތްކުރުމަށް ޖިހާދަށްވެސް ނުކުންނަން ތައްޔާރަށް. މިހާރު މިކަމަށް ނުކުންނަންވެއްޖެކަމަށް ފެނޭ.

Your email address will not be published. Required fields are marked *