ދީން ހުކުރު ނަމާދުގެ އިހުގައާއި ފަހުގައި ކުރެވޭ ނަމާދު

ހުކުރު ނަމާދުގެ އިހުގައާއި ފަހުގައި ކުރެވޭ ނަމާދު

ހުކުރު ނަމާދުގެ އިހުގައާއި ފަހުގައި ކުރެވޭ ނަމާދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

الحمد لله، والصلاة والسلام على رسول الله

أما بعد:

ހުކުރު ނަމާދުގެ އިހު ސުންނަތެއް ނުވަތަ ހުކުރު ނަމާދުގެ އިހުގައި ކުރާނެ ވަކި އަދަދެއް ވާރިދުވެފައެއް ނުވެއެވެ. ނަމަވެސް ހުކުރުނަމާދުގެ ކުރީގައި އިމާމާ މެމްބަރަށް އެރުމާއި ހަމައަށް އެމީހަކު ބޭނުން ވަރަކަށް ނަފްލު ނުވަތަ ތަޠައްވުޢުގެ ގޮތުގައި ސުންނަތް ކުރެވިދާނެއެވެ.
އެއީ ދެރަކުއަތުން ދެރަކުއަތުން ސުންނަތް ކުރުމެވެ. أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައިވެއެވެ. ((مَنْ اغْتَسَلَ يَوْمَ الْجُمُعَةِ وَلَبِسَ مِنْ أَحْسَنِ ثِيَابِهِ وَمَسَّ مِنْ طِيبٍ إِنْ كَانَ عِنْدَهُ ثُمَّ أَتَى الْجُمُعَةَ فَلَمْ يَتَخَطَّ أَعْنَاقَ النَّاسِ ثُمَّ صَلَّى مَا كَتَبَ اللَّهُ لَهُ ثُمَّ أَنْصَتَ إِذَا خَرَجَ إِمَامُهُ حَتَّى يَفْرُغَ مِنْ صَلَاتِهِ كَانَتْ كَفَّارَةً لِمَا بَيْنَهَا وَبَيْنَ جُمُعَتِهِ الَّتِي قَبْلَهَا)). މާނައަކީ: “ހުކުރުދުވަހުގައި ފެންވަރައި ތބާގެ އަތުގައިވާ އެއްމެ ރީތި ހެދުން ލައި، ލިބެން ހުރިނަމަ ހުވަނދުލައި، (މިސްކިތް ފުރިފައި އޮތްނަމަ) މީސްތަކުންގެ ކޮނޑު ހުރަސް ނުކޮށް، މާތް ﷲ އޭނާއަށްޓަކައި ލިޔުއްވައި އިރާދަކުރައްވާފައިވާ ވަރަކަށް ނަމާދުކޮށް، އިމާމާ މިސްކިތަށް ވަނީއްސުރެ ނަމާދު ނިމެންދެން ހަނު އިނދެއްޖެ މީހަކަށްޓަކައި އަންނަން އޮތް ހުކުރާއި ހަމައަށް ވާ ކައްފާރާއެއް ކަމުގައި އެހުކުރުވާނެއެވެ.” މިހަދީޘް ރިވާކުރެއްވީ أبو داود (1، 419) އެބޭފުޅާގެ سنن ގައެވެ. އަދި الألباني رحمه الله ރަނގަޅު ރިވާޔަތެއް ކަމުގައި ވިދާޅުވެފައިވެއެވެ. (صحيح أبي داود، (2 / 172).

މިރިވާޔަތުގައި އެވަނީ ހުކުރަށް އަރާމީހާ ހުކުރުގެ ޚުޠުބާ ފެށުމާއި ދެމެދުގައި ނަމާދު ކުރުމުގެ މާތްކަން އަންގަވާފައެވެ. އަދި ވަކި ޢަދަދެއްނެތި މާތް ﷲގެ ތައުފީގާއި އެކުގައި އެމީހަކު ބޭނުން ވަރަކަށް ނަމާދު ކުރުމުގެ ހުއްދަވެސް އެވަނީ ދެއްވާފައެވެ. ނަމަވެސް އިމާމާއަށް ސުންނަތްވެގެންވާ ގޮތަކީ ހުކުރު ޚޠުބާއަށް މިސްކިތަށް އެރުމެވެ. އަދި ހުކުރު ކުރީގައި އެއްވެސް ސުންނަތެއް ނުކުރުމެވެ.

ހުކުރުނަމާދު ފަހުގައި ދެރަކުއަތާއި ހަތަރު ރަކުއަތް ސާބިތެވެ. عَبْد اللَّهِ بْنِ عُمَرَ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. (( وَكَانَ لَا يُصَلِّي بَعْدَ الْجُمُعَةِ حَتَّى يَنْصَرِفَ فَيُصَلِّي رَكْعَتَيْنِ )) صحيح البخاري، (3، 482)، “އިތުރުއެކަލޭގެފާނުން ހުކުރު ނަމާދުން ސަލާން ދެއްވުމުގެ ކުރިން އެއްވެސް ނަމާދެއް ނުކުރައްވައެވެ. ހުކުރު ނަމާދުން ސަލާމް ދެއްވުމަށް ފަހުގައި ދެ ރަކުއަތް ކުރައްވައެވެ.” ހަމަ އެފަދައިން އެކަލޭގެފާނުންގެ ބަސްފުޅުން ހުކުރު ފަހުގައި ހަތަރު ރަކުއަތް ކުރުން ސާބިތު ވެއެވެ. أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައިވެއެވެ. (( إِذَا صَلَّيْتُمْ بَعْدَ الْجُمُعَةِ فَصَلُّوا أَرْبَعًا )) “ތިޔަބައިމީހުން ހުކުރު ފަހުގައި ނަމާދު ކުރާއިރު ހަތަރު ރަކުއަތް ކުރާށެވެ!” صحيح مسلم، (4، 387).

ވީމައި ހުކުރު ފަހުގައި ދެރަކުޢަތް ކުރުމާއި ހަތަރު ރަކުޢަތް ކުރުމާއި ދެގޮތަކީވެސް ސުންނަތެވެ. މޮޅު އިތުރު ގޮތަކީ އާންމުކޮށް ހަތަރު ރަކުޢަތް ކުރުމެވެ. އަދި ބައެއްފަހަރު ދެރަކުޢަތް ކުރުމެވެ.

والله أعلم وصلى الله على محمد وآله وسلم

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.